އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުތަކަށް އަރައިފޭބުމުގައި ދިމާވާ ޒަމާންވީ ތަކުލީފުތަކަށް ހައްލެއް ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ލޯންޗުތަކުން ހެންވޭރު ފެރީ ޓާމިނަލް ބޭނުންކުރަން މިއަދު ފަށައިފިއެވެ.
މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗު ފެރީ ދުއްވާ ފަރާތްތަކުން ލަފާފުރަން ހެންވޭރު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރަން ހުޅުވާލަން އެމްޓީސީސީއިން ނިންމީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
ލޯންޗުތަކަށް ރަސްމީކޮށް ޓާމިނަލް ހުޅުވާލަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މީގެ ކުރީން ރާއްޖެތެރެއަށް ދަތުރުކުރާ މީހުން ލޯންޗުތަކަށް އަރައިފޭބުން އޮތީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޓީސީސީގެ ބެލުމުގެ ދަށުގައި އޮންނަ ދެ ޓާމިނަލް ލޯންޗުތަކަށް ހުޅުވާލަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.
އަތޮޅު ތެރެއަށް ފުރާ ބައެއް ލޯންޗުތަކުން ހެންވޭރު ފެރީ ޓާމިނަލް ބޭނުންކުރަނީ ---
ސައުދީ ވިދާޅުވި ގޮތުގައި ލޯންޗުތަކުން ޓާމިނަލް ބޭނުންކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލުމުން ހަތް ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންވެ، މިއަދު އެ ޓާމިނަލް ބޭނުންކުރަން ފެށީ އެ ހަތް ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެރީ ޓާމިނަލްގެ މޫވްމެންޓަށް ބަލާއިރު ވަރަށް ބިޒީކޮށް މި އޮތީ. އެހެންނަމަވެސް، އަޅުގަނޑުމެން އަތޮޅުތަކުން އަންނަ ލޯންޗުތަކުގެ ޓައިމިން ލިބުނީމާ އެ ޓައިމިންގައި މި ތަނުގައި އެ ބޭފުޅުންނަށް ވަގުތު ހުސްކޮށްފައި އޮޕަރޭޓްކުރާ ކަހަލަ ގޮތަކަށް ރޭވިފައި މި އޮތީ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
އޭނާ ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރަން މިހާތަނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އެ ކަމަށް އެދި ޝައުގުވެރިކަން ފާޅުކުރާނަމަ އެ ޓާމިނަލް ވެސް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ: އޭނާ ވިދާޅުވީ މީގެ ކުރީން މި ކަންތައް އޮތީ ވަރަށް ވެސް އުނދަގޫ ގޮތަކަށް ކަމަށް ---
ސައުދީ ވިދާޅުވީ، ހެންވޭރު ފެރީޓާމިނަލަކީ ބިޒީކޮށް އޮޕަރޭޓުކުރާ ފެރީ ޓާމިނަލަކަށްވުމުން އެންމެން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މި ތަނުގައި ސްޕޭސް ހުންނަ ގޮތުން އެއް ވަގުތެއްގައި ތިން ހަތަރު ލޯންޗު ވެސް އަންނަ ވަގުތަކާ ދިމާވެދާނެ. މި ކަހަލަ ވަގުތުތަކުގައި ވަރަށް ކެތްތެރިކަމާ އެއްކޮށް އެކަތި އަނެކެއްޗަށް ފުރުސަތު ދީގެން އެކްސިޑެންތަކާއި އިންސިޑެންޓްތައް ހިނގުމުގެ ފުރުސަތުތައް މިނިމައިޒް ކޮށްދިނުމަކީ ވަރަށް ބޮޑަށް އަޅުގަނޑުމެން އެދޭ ކަމެއް،އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
މީގެ ކުރިން އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗު ފަހަރު އާއްމުކޮށް ފުރަނީ ރަސްމީ ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދާއި މާލޭ ދެކުނު ފަރާތުގައި އޮންނަ ފަޅުންނެވެ.
އެ ސަަރަހައްދު އޮންނަ ގޮތުން، ފޮށި ފަދަ ތަކެތި ހިފައިގެން ގިނަ އަދަދެއްގެ މީހުން ހިޔަލެއް ނެތި މަޑުކުރަން ޖެހެއެވެ. އަދި، ލޯންޗުތައް ތޮއްޖެހުމުން ބައެއް ފަހަރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ވެސް ދާން ޖެހެއެވެ.
ފަތުރުވެރިން ވެސް އެގޮތަށް އުޅެން ޖެހޭއިރު، އެ މައްސަލައިގައި އާންމުންގެ ޝަކުވާތައް ގިނައެވެ.
ޚާއްސަކޮށް މި ފަހުން އަނެއްކާ ވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ރަސްމީ ފާލަން ބޮޑު އަގެއްގައި ހެދުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދެ ޓާމިނަލް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް އޭގެ ފަހުން ރައީސް މުއިއްޒު ވިދާޅުވިއެވެ.