ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމައި އިލެކްޝަން ކޮމިޝަނަށް ފޮނުވައިފި އެވެ.
ސޫލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމަށް ފަހު އެ ޕީޕީއެމުން ވަކިކުރުމަށް ނިންމާފައި ވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް 'ސަން' އަށް މިއަދު ވިދާޅުވީ އެ ތިން މެމްބަރުން ވަކިކޮށްފައި ވަނީ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަލުމަށް ފަހު އެ ކޮމެޓީގެ އިއްތިފާގުން ކަމަށެވެ. އަދި އެ ތިން މެމްބަރުން ޕީޕީއެމްގެ ދަފުތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"އެނގި ވަޑައިގަންނަވާނެ އެ ތިން މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މާސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވެސް ސޮއި ކޮށްފައި. އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވި މައްސަލަތަކެއް ވެސް ވަނީ ހުށަހެޅިފައި،" ހަލީލް ވިދާޅުވި އެވެ.
ޕީޕީއެމުން އެ ތިން މެމްބަރުން ވަކިކުރަން ނިންމާފައިވާ އިރު މީގެ ކުރިން ވަނީ މުސްތަފާ އާއި ސައުދުﷲ ޕީޕީއެމުން ވަކުކޮށްދިނުމަށް އެ ޕާޓީގައި އެދިފަ އެވެ. ނަމަވެސް އޭރު އެ ޕާޓީން ބުނެފައި ވަނީ ދެ މެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދަތީ އެ މައްސަލަތައް ބަލައި ނިމުމުން ގޮތެއް ނިންމާނެ ކަމަށެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުން ގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމާ އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަން ބޭއްވުމަށް އުއުލާންކޮށްފަ އެވެ.