ނުގުޑާ އޮތީ އެމްޑީޕީ ފިކުރު އެކަނި، ރައީސްގެ ސިޔާސަތުތައް ބަދަލުނުކުރައްވާނަމަ 2028ގައި ނާކާމިޔާބުވާނެ: ޒުހޫރު

ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު: ރައީސްގެ ސިޔާސަތުތައް ބަދަލުނުކުރައްވާނަމަ 2028ގައި ނާކާމިޔާބުވާނެ ކަމަށް ވިދާޅުވި --

ކުރީގެ ވަޒީރު އަޙްމަދު ޒުހޫރު ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ގުޑުމެއްނާރާ އޮތް ހަމައެކަނި ފިކުރަކީ އިދިކޮޅު އެމްޑީޕީއެވެ. ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ޕާޓީގެ އެތެރޭގެ ބައިބައިވުމާއި، ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާކަމުގެ ނަތީޖާއެއްކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސިޔާސަތުތައް ބަދަލުކުރައްވައި، ޕާޓީގެ އިސް ލީޑަރުންނާ ގުޅިގެން މަސައްކަތް ނުކުރައްވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޓޯއިން އެމްޑީޕީއަށް ކާމިޔާބުވާނެކަމަށް ޒުހޫރު އިންޒާރުދެއްވިއެވެ.

  • ގުޑުމެއް ނާރާ އޮތް ހަމައެކަނި ފިކުރަކީ އެމްޑީޕީ ކަމަށް ޒުހޫރު ވިދާޅުވުން.
  • ފަހުގެ އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަކީ ޕާޓީގެ އެތެރޭގެ ބައިބައިވުމުގެ ނަތީޖާކަމަށް ފާހަގަކުރުން.
  • ރައީސް ޔާމީނާއި ރައީސް މުޢިއްޒާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމަކީ ޕީޕީއެމް އަދި ޕީއެންސީ ފިކުރު ބަލިކަށިވި ސަބަބުކަމުގައި ބުނުން.
  • ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ 2028 ވަނަ އަހަރުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެކަމުގެ އިންޒާރުދިނުން.
  • ރައީސް މުޢިއްޒު ކުރީގެ ލީޑަރުންނާ ގުޅިގެން، ޑިކްޓޭޓަރޝިޕް ނޫން ގޮތަކަށް ވެރިކަން ކުރެއްވުމަށް ގޮވާލުން.

ގުޑުމެއް ނާރާ އޮތް ހަމައެކަނި ފިކުރަކީ އިދިކޮޅު އެމްޑީޕީ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރުތެރޭ އެ މަނިކުފާނުގެ ސިޔާސަތުތައް ބަދަލުނުކުރައްވައިފިނަމަ 2028ގެ ރިޔާސީ އިންތިޚާބު 'އޮޓޯ'އިން އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ކުރިން މިނިސްޓަރުކަން ކުރައްވާފައިވާ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޒުހޫރު އެފަދައިން ވިދާޅުވީ، މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ރެފަރެންޑަމް ވޯޓުގައި ސަރުކާރު މައި ޕާޓީ، ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ މި ދަނޑިވަޅުގައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި ގޮތަށް މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ދަފުތަރުގައި މެންބަރުން ތިބި އަދަދަށް ވެސް ސަރުކާރަށް ވޯޓެއް ނުލިބުނެވެ.

އެކަމާ ގުޅިގެން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވީ އޭޕްރީލް ހަތަރުވަނަ ދުވަހުގެ އިންތިޚާބު ބޭއްވުމުގެ ކުރިން ވެސް، ނަތީޖާ ނުކުންނާނެ ގޮތް އެނގިވަޑައިގަތް ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖޭގައި އޮންނަނީ މައި ދެ ފިކުރު ކަމަށާއި، އެއީ އެމްޑީޕީ ފިކުރާއި ޑީއާރްޕީ ފިކުރު ކަމަށެވެ. އޭގެ ތެރެއިން ގުޑުމެއް ނާރާ މިހާތަނަށް އޮތް ހަމައެކަނި ފިކުރަކީ އެމްޑީޕީ ކަމަށް ޒުހޫރު ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ފެނުނީ އެމްޑީޕީއަށް އަލުން "ތާރީޚު ލިބުނު" މަންޒަރު ނަމަވެސް އެއީ ކޮންމެހެން އެމްޑީޕީއަށް ތާއީދު ބޮޑުވެގެން ނުކުތް ނަތީޖާއެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ޕީއެންސީއަށް 'ނޫނެކޭ' ބުނުމުގެ ގޮތުން ދެން އޮތް ހަމައެކަނި ޗޮއިސްއަކީ އެމްޑީޕީ ކަމަށްވުމުން ނުކުތް ނަތީޖާކަމަށް ޒުހޫރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު ގެކޮޅަށް ވަޑައިގަތްއިރު އަރިހުގައި ރައީސް މުއިއްޒު -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ޒުހޫރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް މުއިއްޒާ ދެމެދު ޚިޔާލުތަފާތުވުން އުފެދި، ގުޅުން ކެނޑުނު ހިސާބުން ޕީޕީއެމް އުވައިލުމާއެކު ދެން އިންތިޚާބެއް އަތުވެއްޖެނަމަ މި ސަރުކާރު ބަލިވާނެކަން އެނގިވަޑައިގެންނެވި ކަމަށެވެ. މިމަހުގެ ހަތަރުވަނަ ދުވަހު އޮތް އިންތިޚާބުން އެ ނުކުތީ އެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ނަތީޖާއަކީ ހަމައެކަނި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ނުކޮށްގެން ނުކުތް ނަތީޖާއެއް ނޫން ކަމަށާއި، ޕީޕީއެމް/ޕީއެންސީ ފިކުރުގެ 'ޔުނިޓީ' ނުވަތަ އެއްބައިވަންތަކަން ގެއްލިފައި އޮތުމުން ނުކުތް ނަތީޖާއެއް ކަމަށް ޒުހޫރު ވިދާޅުވިއެވެ.

މި ސަރުކާރު އައީ ކޮންމެހެން ރައީސް މުއިއްޒަށް ދޭންވެގެން ދިން ވޯޓެއް ދީގެނެއް ނޫން. ޕަބްލިކަލީ [ބަލާނަމަ] ޑރ. މުއިއްޒަކީ ޕީޕީއެމްގެ ތެރެއިން ސެކަންޑް އޮޕްޝަން އެއް. އޭރު ޑރ. މުއިއްޒާއި ޔާމީނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އަޅުގަނޑުމެންނަށް ފެނުނު ބޮޑު މަންޒަރަކީ ޕީޕީއެމް އެތެރެ، ބައިބައިވެގެން ދިޔަ މަންޒަރު. އެއީ ހަގީގަތުގައި އެ ލީޑަޝިޕް ވީކުވާން [ބަލިކަށިވާން] ފެއްޓި ހިސާބު،

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީނާއި ރައީސް މުއިއްޒާއި މިފަދަ ހުރިހާ ބޭފުޅުންނަކީ އެއް ފިކުރެއްގައި މަސައްކަތްކުރަންޖެހޭ ބައެއް ކަމަށާއި، މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ބައިބައިވުމުގެ ސަބަބުން ޕީއެންސީއަށް ތާއީދު ނެތްކަން ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އުވާލައިފައިވާ ޑީއާރުޕީއާއި ޕީޕީއެމްގެ އިތުރުން، ވެރިކަމުގައި އޮތް ޕީއެންސީއަކީ ވެސް އެއް ފިކުރެއްގެ ބައެއްކަން ހަނދާން ނައްތާލުމަކީ ސިޔާސީ ބޮޑު ގޯހެއް ކަމަށެވެ.

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާއި ވެއްޓުމުން އަރައިގަތުމަށް ރައީސް މުއިއްޒަށް އޮތް ހަމައެކަނި ގޮތަކީ ޕާޓީގެ ފިކުރު އެއްބައިވަންތަކޮށް، އެ ފިކުރުގެ ކުރީގެ ލީޑަރުންނާ ގުޅިގެން މަސައްކަތްކުރެއްވުން ކަމަށް ޒުހޫރު ވިދާޅުވިއެވެ. އަދި 2028ގައި އިތުރު ދައުރެއް ބޭނުންވާނަމަ، އިޚުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

[ރައީސް] ޑރ. މުއިއްޒު މި ޖެހިވަޑައިގަންނަވަނީ މުސްތަގުބަލަށް މަސައްކަތްތަކެއް ކުރައްވަން. އެ މަސައްކަތްތައް ނުކޮށް، މިހާރު އެދާ މަގުން ތިމާގެ ކްލާސްމޭޓުންނަށާއި ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް ބަލައި، އެ މީހުން ލައިގެން މަޖިލިސް އެއް އަތް މައްޗަށް ލައިގެން ޑިކްޓޭޓާޝިޕެއް ހިންގާނަމަ ރައްޔިތުންގެ ތާއީދެއް ނޯންނާނެ،

ރައީސް، ކުރިއަށް މިއޮތް ދެ އަހަރު ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ޒުހޫރު ވަނީ އެ މަނިކުފާނުގެ އަރިހުން އެދިވަޑައިގެންފައެވެ.

ޒުހޫރު ވަނީ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އޭނާ ކުރައްވައިފައިވެއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ކަމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ޒުހޫރު ކުރެއްވިއެވެ.

މި ސަރުކާރުގައި އޭނާ ހުންނެވީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މެއި މަހު، އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް