ސަޓާ 2018 އިންޑިއާގައި

ސަޓާގެ ފައުންޑާ އިސްމައިލް ހަމީދު އަދި ސަޓާގެ އިސް ބޭފުޅުން --

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ތިންވަނަ ބުރު އަންނަ އަހަރު އިންޑިއާގައި ބާއްވާނެކަމަށް ސަޓާގެ ފައުންޑާ އިސްމާއިލް ހަމީދު ވިދާޅުވެއްޖެއެވެ.

އެކަން އިއުލާނުކުރީ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ސަޓާ ގާލާ އެންޑް އެވޯޑްސް ހަފްލާގައެވެ.

އިސްމާއީލް ވިދާޅުވީ، ސަޓާގެ އެވޯޑަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ބާއްވަމުން އަންނަ އެވޯޑެއް ކަމަށެވެ. އަދި ފުރަތަމަ ފަހަރާއި ދެވަ ފަހަރުގެ ކާމިޔާބީއަށް ބަލައި ސަޓާ އެވޯޑުގެ ތިންވަނަ ބުރު އަންނަ އަހަރު އިންޑިއާގައި ބާއްވާނެކަމަށް އިސްމައިލް ވިދާޅުވިއެވެ.

ސައުތު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ހައިރައިޒުން ބާއްވާ ސަޓާ އެވޯޑް އެންމެ ފުރަތަމަ ބާއްވާފައިވަނީ ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައި 2016 ވަނަ އަހަރުގައެވެ. އެ އަހަރަު އެ އެވޯޑް ވާދަކުރީ އިންޑިއާ، ސްރީލަންކާ އަދި ދިވެހި ރާއްޖެއެވެ. މިއަހަރު އެ އެވޯޑުގައި ނޭޕާލް އަދި ބޫޓާން ވަނީ އަލަށް ވާދަކޮށްފައެވެ. އެ އެވޯޑް ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައެވެ.

މިދިޔަ އަހަރާއި މިއަހަރުގައިވެސް ސަޓާގެ ސަރަހައްދީ އެވޯޑުގެ އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. އެގޮތުން މިދިޔަ އަހަރު ވަނި 18 އެވޯޑެއް ލިބިފައެވެ. އަދި މި އަހަރު 24 އެވޯޑު ރާއްޖެއަށްވަނި ސަރަހައްދީގޮތުން ލިބިފައެވެ.

comment ކޮމެންޓް