ބޮޑު މާރާމާރީއެއްގެ ދައުވާ ލިބޭ ހަތް މީހަކު ދޫކޮށްލައިފި

އެލްސިއޯން ބޭކަރީ ކައިރިން ވަޅި ހެރި މައްސަލާގައި ދައުވާ އުފުލި މީހުން --- ފޮޓޯ: ޕޮލިސް

މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ މާފަންނު އެލްސިއޯން ބޭކަރީ ކައިރިން ޒުވާނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެ ޒުވާނާގެ ގަޔަށް ވަޅިހެރި މީހުންގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

އެމީހުން ދޫކޮށްލާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުންނެވެ. ދޫކޮށްލަން އަމުރުކުރީ ގާޒީ އިބްރާހިމް އަލީއެވެ.

ވަޅިހެރި ކަމުގެ ދައުވާ އުފުލި މީހުންނަކީ:

  • ހަމްދާން ހަސަން، ތ. ތިމަރަފުށި، މާފޮޅޭގެ
  • އަބޫބަކުރު ފާރިއު ނ. މިލަދޫ، ކާނޭޝަންމާގެ
  • މުނާޒް އަހުމަދު، ސ. ހިތަދޫ، ނާސިރައްދޫގެ
  • މޫސާ އިބްރާހިމް، ވ. ބްލޫނިޔާގެ

ވަޅިހެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލި މީހުން:

  • މުހައްމަދު ޖޫދު އަޝްރަފް، މ. އެއްމުލިމާގެ
  • ސިރުފާން އިބްރާހިމް، ހއ. މޮޅަދޫ، ބަހާރުގެ
  • މުހައްމަދު ޝާބިލް އިސްމާއިލް، ގ. ކެރެފާގެ

ފުލުހުން ބުނެފައި ވަނީ އެ ހާދިސާގައި އަނިޔާ ލިބުނު ޒުވާނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހުންނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް