އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ލީކް މާޓިންސް އަށް

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު، ނެދަލެންޑްސްގެ ލީކް މާޓިންސް ހޯދައިފި އެވެ.

ލަންޑަންގައި މިރޭ ކުރިއަށްދިޔަ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ލީކް މާޓިންސް ހޯދީ ފާއިތުވެދިޔަ ދެ އަހަރު އެ އެވޯޑު ހޯދި ކާލީ ލޯއިޑް އާއި ވެނެޒުއޭލާގެ ޑޭނާ ކަސްޓެޔާނޯސްއާ ވާދަކޮށްގެންނެވެ.

އުމުރުން 24 އަހަރުގެ ލީކް މާޓިންސް ވަނީ މިއަހަރު ނެދަލެންޑްސް ގައުމީ ޓީމާ އެކު އަމިއްލަ ގައުމުގައި ބޭއްވި އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދާފައި ވަނީ އޭނާ އެވެ. އޭގެ އިތުރުން ބާސެލޯނާގައި ވެސް އޭނާ މޮޅު ކުޅުމެއް ދައްކާފައިވެ އެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ނެދަލެންޑްސްގެ ސެރީނާ ވިއެގްމަން އެވެ. އޭނާ ވަނީ އަންހުނުންގެ ފުޓްބޯޅައިގައި ވަރުގަދަ ޖަރުމަން ބަލިކޮށް، ނެދަލެންޑްސް އަށް ޔޫއެފާ ވިމެންސް ޔޫރޯ 2017 ކާމިޔާބު ކޮށްދީފަ އެވެ.

ފީފާ އިން ދޭ ފެއާ ޕްލޭ އެވޯޑު ޓޯގޯގެ ފުޓްބޯޅަ ކުޅުންތެރިޔާ ފްރެންސިސް ކޯނޭ އަށް ލިބުނު އިރު، ފޭން އެވޯޑު ލިބުނީ ސެލްޓިކް އަށެވެ.

comment ކޮމެންޓް