އެންމެ މޮޅު ކީޕަރުގެ އެވޯޑު ބުފޮން އަށް، އެންމެ މޮޅު ކޯޗުގެ އެވޯޑު ޒިދާން އަށް

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ޔުވެންޓަސްގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ހޯދި އިރު، އެންމެ މޮޅު ކޯޗުގެ އެވޯޑު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ހޯދައިފި އެވެ.

ލަންޑަންގައި ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކީޕަރުގެ އެވޯޑު ބުފޮން ހޯދީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޭލާ ނަވާސް އާއި ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއެލް ނޯޔާއާ ވާދަކޮށްގެންނެވެ.

އެ އެވޯޑު ހޯދި ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ބުފޮންގެ ފަރާތުން މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އޭނާ ވަނީ އިޓާލިއަން ސެރީއާގެ ތަށި ޔުވެންޓަސް އަށް ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްދީ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސް ދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފަ އެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ޒިދާން ހޯދީ ޔުވެންޓަސް އަށް އިޓާލިއަން ސެރީއާ ކާމިޔާބު ކޮށްދިން ކޯޗު މަސިމިލިއާނޯ އަލެގްރީ އާއި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭއާ ވާދަކޮށްގެންނެވެ.

ވަނީ ރެއާލަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދީ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށްޓަކީ އޭނާ ރެއާލަށް ހޯދައިދިން ދެ ވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ.

comment ކޮމެންޓް