ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.
ލަންޑަންގައި ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ރޮނާލްޑޯ އެ އެވޯޑު ހޯދާފައި ވަނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި މިދިޔަ ސީޒަނަށް ފަހު ބާސާ ދޫކޮށް، އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުނު ބްރެޒިލް ތަރި ނޭމާއާ ވާދަކޮށްގެންނެވެ.
މިދިޔަ އަހަރު ވެސް އެ އެވޯޑު ހޯދި ރޮނާލްޑޯ އަށް މިދިޔަ ސީޒަން ވެގެންދިޔައީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ. ރޮނާލްޑޯ ވަނީ ރެއާލްއާ އެކު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިދިޔަ ސީޒަނުގެ ލަލީގާގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނަ، އޭނާ އަށް ލިބުނު ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވިދިވިދިގެން ފަސް ވަނަ ފަހަރު އޭނާ ވަނީ ހޯދައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު 46 މެޗުން 42 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ މެސީ އަށް މިދިޔަ ސީޒަނުގައި ހޯދިފައި ވަނީ ހަމައެކަނި ކޮޕާ ޑެލް ރޭ އެވެ. ނަމަވެސް، ވޯލްޑް ކަޕް 2018ގެ ޖާގައެއް އާޖެންޓީނާ އަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކުޅުންތެރިޔަކީ މެސީ އެވެ. މިދިޔަ ސީޒަނުގައި ވެސް ބާސާ އަށް މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާ އަށް ކުޅުނު 52 މެޗުން 54 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ނޭމާ އަށް ބަލައިލާ އިރު، އޭނާ ވަނީ ޕީއެސްޖީއާ ގުޅުމުގެ ކުރިން ބާސާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި ނޭމާ ވަނީ ބާސާ އަށް 20 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ވޯލްޑް ކަޕް 2018 އަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ބްރެޒިލް ވެގެންދިޔަ އިރު، ނޭމާގެ ދައުރު ފާހަގަކޮށްލެވެ އެވެ.
ފީފާއިން ހޮވާ ދުނިޔާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008 ވަނަ އަހަރުން ފެށިގެން ހޯދަމުން ދަނީ މެސީ އާއި ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަދި މެސީ ވެސް މިހާތަނަށް ވަނީ ފަސް ފަހަރު އެ އެވޯޑު ހޯދައިފަ އެވެ.