މޮނިކޮން އަމުރު ތަންފީޒު ކުރުމުގެ މަސައްކަތުގެ ދަށުން މިވަގުތު ހަތްމީހެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ މޮނިކޮން އަމުރުގެ ދަށުން ހަތް މީހެއް ބަލަހައްޓަމުންދާކަން ޔަގީންކޮށް ދޭ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރެވޭ ވަރަކުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހޯމް މިނިސްޓްރީގައި އެދުނީ 16 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައި ކޯޓުގައި އެދުމުގެ ހުއްދައަކަށެވެ. ނަމަވެސް މޮނިކޮން އަމުރާ ގުޅޭ ކޮމެޓީން ހުއްދަ ދޭން ނިންމީ ނުވަ މީހަކަށް މޮނިކޮން އަމުރު ނެރެން ހައިކޯޓަށް ހުށަހެޅުމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުގައި ވަނީ އެދިފައި ކަމަށެވެ. އޭގެތެރެއިން ހަތް މީހެއްގެ މައްޗަށް އަމުރު ނެރުނުކަން ކަށަވަރުކޮށްދިން ނަމަވެސް ބާކީ ދެ މީހުންނަށް އަމުރު ނެރުނުކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއްނުކުރެ އެވެ.