"ބޮސް"ގެ ތީމް ލަވަތައް ބުދަ ދުވަހުގެ ރޭ ލޯންޗުކުރަނީ!

ކްރިސްޓަލް އެންޓަޓެއިންމަންޓުން 31 އޮކްޓޫބަރުގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބޮސް"ގެ ލީޑު ރޯލުން ފެނިގެންދާ އައްޒައާއި ޔުނާން -- ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ދިވެހި ފިލްމުތަކަށް ލޯބިކުރާ ގިނަ ބައެއްގެ ޝައުގުވެރިކަން މިވަގުތު އެންމެ ބޮޑަށް ހުއްޓިފައިވާނީ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"އަށް ކަން ޔަގީނެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބޮސް"ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. ބޮސްގެ ތީމް ދެ ލަވަ ލޯންޗުކުރަނީއެވެ.

ޕްރޮޑިއުސަރު ނަހުލާ ބުނީ، ބޮސްގެ ތީމް ލަވަތަަށް ބުދަ ދުވަހުގެ ރޭ ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އެ ރޭ 10:00 އިން 11:00އަށް ސަން ޓީވީން ލައިވްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޚާއްސަ ޕްރޮގްރާމުގައި ދެ ލަވަ ލޯންޗުކުރުމަށް ހަމަޖެހިފައި ވާއިރު، ބޮސްގެ ފޭސްބުކް ޕޭޖުންވެސް ލަވަތަކުގެ ލޯންޗިން ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބޮސްގެ ތަރީންވެސް ބައިވެރިވާނޭކަމަށް ނަހޫ ބުންޏެވެ.

"އެފްބީ ލައިވް ކުރިއަށް ދާއިރު، ބެލުންތެރީންނަށް ފުރުސަތު އޮންނާނެ ފިލްމާ ގުޅޭގޮތުން ފިލްމުގެ ތަރިންނާ ސުވާލުކުރަން،" ނަހޫ ބުންޏެވެ.

"ބޮސްގެ ފޭސްބުކް ޕޭޖުން ލައިވްކުރަމުން ދާއިރު، ޕޭޖުގައި ސުވާލުކުރެވިދާނެ، ނުވަތަ ޕޭޖަށް އިންބޮކްސްވެސް ކުރެވިދާނެ. އެ ސުވާލުތަކަށް ފިލްމުގެ ތަރީން ޖަވާބު ދޭނެ ހަމަ ވަގުތުން."

ނަހޫގެ ފިލްމުތަކުގައި އެ ހުންނަ ބެލުންތެރީންގެ ހިތްތަކާ ކުޅެލާ އާދަޔާހިލާފު އަސަރު، އެ ފިލްމުތަކުގެ ލަވަތަކުގައި ވެސް ހުންނަ ކަމީ، އަދިވެސް ގިނަ ބައެއްގެ މެދުގައި މިފަދަ ލަވަތައްވެސް މަގުބޫލުވާ އެއް ސަބަބެވެ.

ނަހޫގެ އަމިއްލަ ވާހަކަށް އޭނާ ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ލައްވައި ޑައިރެކްޓްކުރާ، "ބޮސް"އާ ގުޅޭގޮތުން އޭނާ ބުނީ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ގިނަ ބައެއްގެ މެދުގައި މަގްބޫލްވި ފިލްމުތަކަށްވުރެވެސް "ބޮސް"ގެ އަސަރު ގަދަވާނޭ ކަމަށެވެ. ހަމަ އެހެންމެ، އެ ފިލްމުގެ ލަވަތަކަކީވެސް ސީދާ "ބޮސް"އަށް ހަދާވައިފާ ލަވަތަކެއް ކަމަށާއި ލަވަތައްވެސް ހަމަ ވަރަށް ރީތިވާނެ ކަމަށެވެ.

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، ކްރިސްޓަލް އެންޓަޓެއިންމަންޓުގެ "ބޮސް"އަށް ލަވަކިޔައިދީފާއި ވަނީ، ރާއްޖޭގައި މިވަގުތު ތިބި، އެންމެ ހުނަރުވެރި، އަދި އެންމެ މަގުބޫލު ލަވަކިޔުންތެރީންނެވެ.

ބޮސްގެ ލަވަކިޔުންތެރީންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދު ހިމެނެއެވެ.

ބޮސްގެ ހިތްގައިމު ލަވަތަށް ސެޕްޓެމްބަރު 8 ވަނަ ދުވަހު ރިލީޒްކޮށްފައި ވާއިރު އެ ލަވަތަށް ސައުންޑް ކްލައުޑާއި މައިޓޯންސް އިންވެސް އަޑުއަހާލެވޭގޮތް ވަނީ ހަދައިފައެވެ.

comment ކޮމެންޓް