ޒުވާން އަންހެނުންގެ ވާހަކަ ކިޔައިދޭ ''އައިމި'' ޔޫޓީއުބަށް

ދިވެހި ޒުވާން އަންހެނުންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ކުރު ފިލްމު "އައިމި" ޔޫޓިއުބްއަށް ރިލީޒްކޮށްފިއެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާކޮށްފައިވާ މި ކުރު ފިލްމު މިހާރު މިއޮތީ އާންމުންނަށް ހިލޭ ބަލައިލެވޭނެ ގޮތަށް ދޫކޮށްލާފައެވެ.

އުމުރުން 17 އަހަރުގެ އައިމިގެ ވާހަކަ ކިޔައިދޭ މި ފިލްމުން ފެނިގެން ދާނީ ދިވެހި ޒުވާން ޖީލު އަދި ވަކިން ހާއްސަކޮށް އަންހެންކުދިންގެ ދިރިއުޅުމުގައި އާއިލާއާއި މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ތަފާތު އެކި ކަހަލަ ދަތިތަކާއި، އެ ދަތިތައް ކަޑައްތުކުރުމަށް ކުރެވޭ މަސައްކަތެވެ.

ކޮންމެ މީހަކީ ވެސް އަމިއްލަ ހުވަފެންތައް ދެކި އެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގު ފުރުސަތު ލިބިފައިވާ މީހެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން ބައިވެރިވާ، އެންމެންނަށް ރައްކާތެރި، އެކަކު އަނެކަކަށް އިހްތިރާމުކުރާ މުޖުތަމައެއްގެ މުހިއްމުކަން މި ކުރު ފިލްމުން ދައްކުވައިދެއެވެ.

ޔޫއެންއެފްޕީއޭ މޯލްޑިވްސްއާއި މަދޮޝިޕް ޕްރޮޑަކްޝަން ގުޅިގެން ތައްޔާރުކޮށްފައިވާ މި ފިލްމަކީ 28 މިނެޓުގެ ކުރު ފިލްމެކެވެ.

ޔޫއެެންއެފްޕީއޭއިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންނާއި އަންހެނުންގެ ތަޖުރިބާތަކާއި އެމީހުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ މަޝްވަރާކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރުމެވެ. އަދި، މި ފިލްމާއެކު އެފަދަ މަޝްވަރާތައް ކުރުމާއި ވާހަކަތައް ދެއްކުމަށް އިތުރު މަގުތަކެއް ހުޅުވޭނެ ކަމުގެ އުއްމީދުކުރާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ފިލްމުގެ ރޯލުތަކުން ފެންނާނީ އައިމިނަތު ސިލްނާއާއި ރަވީ ފާރޫގާއި އަހުމަދު ސައީދާއި ނަތާޝާ ޖަލީލުގެ އިތުރުން އާލިޔާ މުހައްމަދު ޝިއުޒެވެ.

comment ކޮމެންޓް