ކޯޗިން ތަމްރީނު ކޯހުގެ ލެވަލް ދޭއް ފުރިހަމަ ކުރުމަށް ސޮބާ ބާސެލޯނާއަށް

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާސެލޯނާގެ ޓޯވޯ އެކެޑަމީގައި ކޯޗިން ޓްރެއިނިން ކޯހުގެ ލެވަލް ދޭއް ފުރިހަމަ ކުރުމަށްޓަކައި، ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބާސެލޯނާއަށް ފުރައިފިއެވެ.

ވިކްޓަރީގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހޯދައިދިން ފުރުސަތެއްގެ ބޭނުން ހިފައި، ސޮބާ ވަނީ ޓޯވޯ ފުޓްބޯޅަ އެކެޑަމީން، ކޯޗިންގެ ލެވަލް އެކެއް މިއަހަރު ކުރީ ކޮޅު ފުރިހަމަ ކޮށްފައެވެ.

މާލޭގައި ހުރެގެން އޮންލައިންކޮށް ކޯހުގެ ބައެއް މޮޑިއުލްތައް ކިޔެވުމަށްފަހު، ޓޯވޯ ދަތުރުގައި ސޮބާ ހާސިލު ކުރަނީ އަމަލީ ތަޖުރިބާގެ ބައެވެ. އެތަނުގައި އޭނާ ކިޔަވާނީ ކްރައިފް ޓޯޓަލް ފުޓްބޯޅަ ފިލޯސަފީއާއި އެ ސިސްޓަމްގެ މައްޗަށް އެކުލަވާލާފައިވާ ޕްރޮގްރާމްތަކެވެ.

މާލެއިން ފުރުމުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން ސޮބާ ބުނީ، ލެވަލް އެކެއް އަދި ދޭއް ފުރިހަމަ ކުރުމުގައިވެސް ގްރީން ސްޓްރީޓްގެ މެނޭޖެމަންޓުން އޭނާއަށް ދޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށާއި ލީގުގެ މުހިންމު ހިސާބަކުން އޭނާ ދާން ޖެހުމުންވެސް ކުލަބުން ދިން އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޓޯވޯ އެކަޑަމީއަކީ، ޒުވާން ކުޅުންތެރީންނާއި، ކޯޗުންނާއި، އެނޫންވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ޓީމުތައްވެސް ތަރަށްގީކުރުމަށް އެހީތެރިވެދޭ، ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ އެކަޑަމީއެކެވެ.

ޓޯވޯގެ ތަމްރީނުތައް ބިނާކޮށްފައި ވަނީ، ނެދަލޭންޑްސްގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ބޭނުންކުރި "ޓޯޓަލް ފުޓްބޯލް"ގެ މައްޗަށެވެ.

comment ކޮމެންޓް