ސްޕެނިޝް ލަލީގާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުރިމަތިލުން ކަމުގައިވާ ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާގެ ކުރިމަތިލުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
އެލް ކްލަސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ބާސާއެވެ. މި މެޗުގެ ފެށުން ރަނގަޅުވެފައިވަނީ ވެސް ބާސާގެއެވެ. މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑާ އަންޑްރޭސް ކްރިސްޓެންސެންއެވެ.
ނަމަވެސް ބާސާއަށް މި ލީޑު ދެމެހެއްޓޭވަރުވީ މެޗުގެ 18 ވަނަ މިނެޓާ ހަމައަށެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 69 ވަނަ މިނެޓުގައި ފާމިން ލޯޕޭޒް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މި ފަހަރު ވެސް ބާސާއަށް އެ ލީޑު މާ ގިނައިރަކަށް ބެމެހެއްޓޭ ގޮތެއްނުވިއެވެ. މިގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖަހައިދިން ލަނޑުން ރެއާލުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ. މި ލަނޑާ އެކު ބެލިންހަމް ވެފައިވަނީ 2007 ވަނަ އަހަރު ރޫޑް ވެން ނިސްޓެރޯއީއަށް ފަހު ކުޅުނު ފުރަތަމަ ދެ އެލް ކްލަސިކޯގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަަށެވެ.
މި ކާމިޔާބީއާ އެކު ރެއާލް މިހާރު ވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 81 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި، ބާސާ އުޅެނީ 70 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ.