ސްޕެނިޝް ލަލީގާގެ ތާވަލުގެ އެންމެ ކުރީގައި އުޅޭ ދެ ޓީމު ކަމުގައިވާ ރެއާލް މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ވެސް މި ހަފުތާގައި ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި ރެއާލް މޮޅުވެފައިވަނީ ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ.
ރެއާލްގެ ސީޒަންގައި ފާހަގަކޮށްލެވޭ މުހިންމު ހަފުތާއެއް ކުރިމަތީ އޮތްކަން އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ އޭނާގެ ޓީމަށް ގެނެސްފައިވާ ބައެއް ބަދަލުތަކުން ވެސް ފާހަގަ ވެގެންދިޔައެވެ. މިގޮތުން ޑާނީ ކާވަހާލްއާއި އެޑުއާޑޯ ކަމަވިންގާ، ޓޯނީ ކްރޫސް އަދި ވިނީޝިއަސް ޖޫނިއާ ފެނިގެންދިޔައީ ބެންޗުންނެވެ. މި ހުރިހާ ކުޅުންތެރިން ވެސް ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކުޅެފައެވެ. އަދި، ކުރިއަށް އޮތް ހަފުތާގެ ބުދަ ދުވަހުގެ ރޭ ސިޓީއާ އެކު ދެވަނަ ލެގަކަށް ރެއާލް ނުކުންނައިރު ޖެހިގެން އަންނަ އާދިއްތަ ދުވަހު ވާދަވެރި ބާސާއާ ދެކޮޅަށް އެލް ކްލަސިކޯއަކާ ކުރިމަތިލާނެއެވެ.
މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ ގިނަ ދަތިތަކަކާ ކުރިމަތިވަމުންނެވެ. މިގޮތުން މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ޖަހައިދިނީ އައުރޭލިއެން ޗޫމޭނީއެވެ. މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެން ދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ރެއާލަށް ހިފޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު ރެއާލް މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 78 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސާ އުޅެނީ 70 ޕޮއިންޓްގައެވެ.
ބާސާއިން ވަނީ ކަޑީޒްއާ ބައްދަލުކުރި މެޗު 1-0 އިން ރަށުން ބޭރުގައި ކާމިޔާބުކޮށްފައެވެ.
އެ މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ ޖާއޮ ފީލިކްސްއެވެ. މި ކާމިޔާބީއާ އެކު ބާސާއާ ރެއާލްގެ މެދުގައިވާ ތަފާތު އަށް ޕޮއިންޓަށް ކުޑަވެފައިވާއިރު އަންނަ ހަފުތާގެ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލަސިކޯ ބާސާއަށް ކާމިޔާބު ކުރެވިއްޖެނަމަ މި ފަރަގު ފަސް ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. ނަމަވެސް ރެއާލް ކާމިޔާބުކޮށްފިނަމަ މި ފަރަގު 11 ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު ރެއާލަށް ވެސް އެބައޮތެވެ.
މުބާރާތުގައި ތިންވަނައިގައި އޮތް ޖިރޯނާއާއި ހަތަރު ވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 3-1އިން ކާމިޔާބުކުރީ އެޓްލެޓީއެވެ. މި ކާމިޔާބީއާއެކު އެޓްލެޓިކޯއާއި ޖިރޯނާއާ ދެމެދުގައިވާ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. ޖިރޯނާއަށް 65 ޕޮއިންޓް ލިބިފައިވާއިރު އެޓްލެޓިކޯ އުޅެނީ 61 ޕޮއިންޓުގައެވެ.