ޓައިޓޭނިކް ހާދިސާގައި މަރުވި މީހެއްގެ ސިޓީއެއް 166،000 ޑޮލަރަށް ނީލަން ކިޔައިފި

ޓައިޓޭނިކް އަޑިއަށްދިޔަ ހާދިސާގައި މަރުވި މީހަކު ލިޔެފައި އޮތް ސިޓީ

ޓައިޓޭނިކް އަޑިއަށްދިޔަ ހާދިސާގައި މަރުވި މީހަކު ލިޔެފައި އޮތް ސިޓީއެއް 166،000 ޑޮލަރަށް ނީލަން ކިޔައިފިއެވެ.

މިއީ ޓައިނޭޓިކް ހާދިސާއަށްފަހު މިފަދަ ގޮތަކަށް އެ ހާދިސާއާ ގުޅުންހުރި، އެންމެ ފަހުން ފެނުނު ސިޓީ ކަމަށާއި، މި ސިޓީގައި ތެމިފައިހުރި ކަމުގެ ނިޝާންތައް އަދިވެސް ވަރަށްބޮޑަށް އެބަހުރި ކަމަށް ހަބަރުތައް ބުނެއެވެ.

މި ސިޓީއަކީ ޓައިޓޭނިކްގެ ފަސްޓް ކްލާހުގައި ދަތުރު ކުރި ފަސިންޖަރަކު އޭނާގެ މަންމައަށް ލިޔެފައިވާ ސިޓީއެކެވެ. އޭގައި އޭނާ ބުނެފައިވަނީ ޓައިޓޭނިކްގެ ކާއެއްޗެހި ވަރަށް މީރުކަމަށެވެ. އަދި ބޯޓުގައި ކުޅޭ މިއުޒިކާމެދުވެސް އޭނާ ވަރަށް ގަޔާވާކަމަށް ލިޔެފައިވެއެވެ. މި ސިޓީ ލިޔެފައިވަނީ އެކެލްސެންޑާ އޮސްކާ ކިޔާ މީހެކެވެ. އޭނާ މިސިޓީ ލިޔެފައިވަނީ ވެސް ޓައިޓޭނިކްގެ އޮން ބޯޑް ސްޓޭޝަނަރީ ގަނޑެއްގައެވެ.

ގަނޑުފެންގަނޑެއްގައި ޖެހި ޓައިޓޭނިކް އަޑިއަށް ދިއުމުގެ އެއްދުވަސް ކުރިން ލިޔެފައިވާ އެ ސިޓީގައި އެލެކްސެންޑާ އިތުރަށް ބުނެފައިވަނީ ހުރިހާ ކަމެއް ރަނގަޅަށްދާނަމަ ޖެހިގެން އަންނަ ބުދަ ދުވަހު ނިއުޔޯކަށް ދެވޭނެ ކަމަށެވެ.

މި ސިޓީ ނީލަން ކިޔާފައިވަނީ އެލެކްސެންޑާގެ އާއިލާއިންނެވެ. ޓައިޓޭނިކްގެ ދަތުރުގައި އެލެކްސެންޑާއާއެކު އޭނާގެ އަނބިމީހާ ވެސް ދަތުރުކުރިއެވެ. އަންހެންމީހާ ވަނީ މިހާދިސާގައި ސަލާމަތްވެފައެވެ.

ބޮޑު އަގެއްގައި މި ސިޓީ ވިކުމުން އެ އާއިލާއިން ބުނީ ޓައިޓޭނިކް އާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ހާއްސަކަން އަދިވެސް ކުޑަ ނުވާކަން ހާމަވާކަމަށެވެ.

ޓައިޓޭނިކް އަކީ އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޕަސެންޖާ ކްރޫޒްލައިނާ އެވެ. އިނގިރޭސިވިލާތުން ފުރައިގެން އެމެރިކާއަށް ދަތުރުކުރަނިކޮށް އެޓްލާންޓިކް ކަނޑުގެ އައިސް ބާގެއްގައި ޖެހި ޓައިޓޭނިކް އަޑިއަށް ދިޔައީ 1912 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ. މި ހާދިސާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

comment ކޮމެންޓް