ރެއެއްގެ މައްޗަށް ވިކުރާއަށް އެތައް ހާސް ރުފިޔާ ލިބެ އެވެ. މަސައްކަތް ބުރަ، އެހާމެ އުނދަގޫ ވިޔަފާރިއެކެވެ. ކޮންމެ ދުވަހަކު ވެސް އެތައް ކަސްޓަމަރުންގެ ތައުރީފާއި ބަދު ބަސްތަކާ ކުރިމަތިލާން ޖެހެ އެވެ. އެހެންނަމަވެސް މަންފާ ބޮޑު ވިޔަފާރިއެކެވެ. މިއަދާ ހަމައަށް ވެސް އެ ވިޔަފާރި ކުރަމުން އަންނަނީ ހިތްވަރާއެކު އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ގައުމު ހުޅުވެމުންދާއިރު މި ވިޔަފާރިން އުފެދެނީ ކަމުގެ އެންމެ ތަޖުރިބާ ހުންނާނެ ވިޔަފާރިވެރިންނެވެ.
މާލޭގެ ހުޅަނގު ފަރާތުގައި ބަހައްޓާފައިވާ ގާޑިޔާތަކަކީ އެތައް ބައެެއްގެ ދިރިއުޅުމާ ގުޅިފައިވާ، އެކަމުގެ މަންފާ އަބަދުވެސް ދިވެހީންނަށް ލިބެމުން އަންނަ ވިޔަފާރި ތަކެކެވެ. އެ ގާޑިޔާތަކަށް ދޫކޮށްފައިވާ ސަރަހައްދަކީ، ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން، ސަރުކާރުން ކުޑަ އަގެއްގައި ދޫކޮށްފައިވާ ސަރަހައްދުތަކެކެވެ. އެއީ ދިވެހި ވިޔަފާރިވެރިންގެ މިލްކެކެވެ. އެތަނުގައި ވިޔަފާރި ކުރަން ޖެހެނީ ދިވެހީންނެވެ. މަންފާ ވަންނަން ޖެހޭނީ ސީދާ ދިވެހިންގެ ޖީބުތަކަށެވެ. އެތަންތަން ކުޑަ އަގެއްގައި ކުއްޔަށް ދީފައި ހުންނަނީ އެހެންވެގެންނެވެ. ނަމަވެސް ގާޑީޔާތަކުގެ "އަނދިރި ފަރާތް" ނުވަތަ ނުފެންނަ ފަރާތް އޮތީ އެހެންނެެއް ނޫނެވެ. އެ ވިޔަފާރި މިހާރު އޮތީ ގާދޫ ކޮލުން ބޭރުވެފަ އެވެ. މުޅި ވިޔަފާރި ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ސާފުތާހިރުކަން ކުޑަވެ، މުޅި އެ ވިޔަފާރި ބޮއްސުންލައިގެންދަނީ އެވެ.
މުޅި ވިޔަފާރީގެ ތެރޭގައި ބިދޭސީންގެ ހިޔަނި
ގާޑިޔާ ވިޔަފާރީގެ މަންފާ ގިނަބަޔަކަށް އެނގެ އެވެ. އަދި އެ ވިޔަފާރިއާ ގުޅިގެން ތަފާތު ވާހަކަތައް ވެސް ދެކެވެ އެވެ. އެހެންވެ ގާޑިޔާތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް އޮޅުން ފިލުވަން ލައްކަ ގިނަ މަސައްކަތްކޮށްފީމެވެ. އެއާއެކު ހައިރާންކުރަނިވި އިތުރު ވާހަކަތަކެއް ވެސް މިވަނީ ތިލަވެފަ އެވެ. ގާޑީޔާތައް މިހާރު ކޮންޓްރޯލް ކުރަން ބިދޭސީން އުފައްދާފައިވާ ކުޑަވަރެއްގެ ޖަމިއްޔާއެއްގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެއީ ގާޑިޔާތަކުގެ ވިޔަފާރި ކޮންޓްރޯލްކުރާ ބިދޭސީން ހަދާފައިވާ ކުޑަވަރެއްގެ މަޝްވަރާ މަޖިލީހެކެވެ. އެ ޖަމިއްޔާގައި ދިވެއްސަކު ނުހިމެނެ އެވެ. ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. ގާޑީޔާތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އެ ޖަމިއްޔާއިން ބަރާބަރަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށްވެ އެވެ. ވިއްކާ ތަކެތީގެ އަގު ބޮޑުކުރުމާއި ކުޑަރުން އޮންނަނީ ސީދާ އެ ޖައްމިޔާގެ ނިންމުންތަކުގެ މައްޗަށެވެ. އެއީ އެ އެންމެންގެ މަޝްވަރާއާއި ލަފާގެ މަތީންނެވެ. އަދި އެވެރީންގެ މަޝްވަރާތަކާ އެއްގޮތަށް އަމަލު ނުކުރާ، މީހާއަށް އަދަބު ދިނުންވެސް ހިމެނެ އެވެ.
"މީގެ ދުވަސް ކޮޅެއް ކުރިން ނިންމަނީ، ދެން ރޭގަނޑު ގަޑީގައި ދުފާ އެއްޗެހި އެކަނި ނަގަންއަންނަ މީހުން ގާތު ބުނަން، ދުފާ ނެތީ ކަމަށް. އެގޮތަށް ނިންމީ މި ހުރިހާ ގާޑިޔާގައި ތިބޭ ބޭރުމީހުން ވާހަކަ ދައްކާފައި،" އިތުރު އެއްޗެއް ނުނަގައި ހަމަ އެކަނި ދުފާއެއްޗެހި ނުވިއްކަން ބިދޭސީ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމަކާ ގުޅޭގޮތުން، ގާޑިޔާއެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ކިޔައިދިނެ އެވެ.
އެގޮތަށް އެމީހުން އެކަން ކުރަނީ ވިޔަފާރި ކޮންޓްރޯލް ކުރުމަށެވެ. އެ އަގުތައް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކުރާއިރު އެ ކަމުގައި ދިވެހި ވިޔަފާރިވެރީން ނުބައްސައެވެ. ނަމަވެސް މި ވިޔަފާރީގެ މުގޫ އޮންނަނީ ބިދޭސީންގެ އަތުގައި ކަމަށްވާތީ، ދިވެހި ސޭޓުންނަށް ވެސް ތަކެތީގެ އަގު ބޮޑު ކުރަން މަޖުބޫރުވެ އެވެ.
"އަގުތަކަށް ބަދަލު ނުގެނެސް ކިހިނެއް ހަދާނީ. މިތާ މިތިބޭ ބިދޭސީ ސޭޓުން މިކުރާ ކަމަކީ އެމީހުން ބޭނުން ގޮތަށް މި ބަދަލުކުރަނީ އަގުތައް. ދެން އަހަރަމެންނަށް އެބަޖެހޭ ކަސްޓަމަރުން ހިފަހައްޓަންޏާ އެމީހުން އެ ގެންނަ ބަދަލުތައް ގެންނަން،" ގާޑިޔާ ވިޔަފާރި ކުރާތާ 6 އަހަރުވެފައިވާ އަންހެންނަކު ބުންޏެވެ.
މީގެ އިތުރުން ގާޑިޔާތަކަށް ދީފައިވާ ސަރަހައްދުތައް ވެސް ބަހަނީ އެމީހުން އަމިއްލައަކަށެވެ. ދިވެހި ސޭޓުން ބުނާ ގޮތުގައި ބައެއް ފަހަރު ބިދޭސީ ސޭޓުން އެމީހުންގެ ގާޑިޔާ ކައިރީގައި އަށެއް ނުވަތަ ދިހަ މޭޒު ޖަހާއިރު ދެން އޮންނަ ގާޑީޔާއަށް ވާ ސަރަހައްދު ވެސް ނަގަނީ އެމީހުންނެވެ.
ދިވެހި ސޭޓުންގެ ގޮތުގައި ގާޑިޔާތަކުގައި އެންމެ 8 ސޭޓުން
މިވަގުތު މާލޭގެ ހުޅަނގު ފަރާތުގައި ހުރި ގާޑިޔާތަކަށް ބަލާއިރު 30 އަށް ވުރެ ގިނަ ގާޑިޔާ ހުރި އިރު އެ ތަނުން ދިވެހި ސޭޓުން ތިބެގެން ހިންގަނީ އެންމެ އަށް ގާޑިޔާއެވެ. ދެން މުޅިން ވެސް ތިބެނީ ބިދޭސީ ސޭޓުންނާއި އެމީހުންގެ ބިދޭސީ އެހީތެރީން ތިބެގެން ހިންގާ ގާޑިޔާތަކެވެ.
"ތިރީސް ހަތެއް ނޫނީ 30 ގާޑީޔާ މިތާ އެބަހުރި. އެތަނުން 8 ގާޑިޔާގައި މިތިބީ ދިވެހި ސޭޓުން. އެމީހުން ހުއްޓުވޭނެ ގޮތެއްވެސް ނެތް. ކިހިނެތް ހުއްޓުވާނީ މުޅި މި ސަރަހައްދު އެމީހުން ހިފާލާފައި އެ އޮއްނަނީ،" ގާޑިޔާ ވިޔަފާރި ކުރާތާ ގިނަ ދުވަސްވެފައިވާ ދިއްގަރޭ ގާޑިޔާގެ ސޭޓެއްގެ ގޮތުގައި އިން އަންހެނަކު ކިޔައިދިނެވެ.
ގާޑިޔާތަކުގެ އަނދިރިފަރާތް ހޯދައި އެ ގާޑިޔާ ތަކުގައި އުޅޭ ބިދޭސީންގެ ހަގީގަތް ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުމެން މަސައްކަތް ކުރީމެވެ. ތަކުރާރުކޮށް ގާޑިޔާތަކަށް ގޮސް އެމީހުންގެ ވެރިންނާ ބައްދަލު ކުރަން އެދުނު ނަމަވެސް އެ ފުރުޞަތު ބައެއް ގާޑިޔާތަކުން ނުލިބުނެވެ. ކޮންމެ ފަހަރަކު ވެސް ދިމާވަނީ ބޮޑު ސޭޓު ނަމާދަށް ގޮސްފައި ނާންނާތީއެވެ. އެނޫނީ، ސޭޓު ވާނީ އަބަދުވެސް މާރުކޭޓުގައި، އެހެން ނޫނީ ކާން ގޮހެވެ.
މިވެރިން ހަދާއެއްޗެއް ބަލަން، ބައެއް ރޭރޭ 12 ޖަހަންދެން ވެސް މަޑުކުރަމެވެ. އެއީ ސޭޓާވެސް ބައްދަލުކޮށްލުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް ވިކުރާ ނިންމައި ފައިސާ ކޮޅު ހިފައިގެން ވެސް ދަނީ ބިދޭސީންނެވެ. ހަމަ އެއްގޮތަކަށް ވެސް ދިވެހި ސޭޓް ފެންނަ ގޮތެއް ނުވެ އެވެ. މި ދެންނެވި ބިދޭސީންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭނުންވާ ވޯކް ވިސާ ވެސް ނެތް މީހުންނެވެ. އޭގެ ތެރޭގައި ފިލައިގެން އުޅޭ ގިނަ އަދަދެއްގެ މީހުން ވެސް އެބައުޅެވެ.
ރާއްޖޭގެ ވިޔަފާރިއާ ބެހޭ ގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު ވެސް، ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ މަނާކަމެކެވެ. މިއީ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ވެސް ކުރެވޭ ކަމެކެވެ. އަދި ޚާއްސަކޮށް ވޯކް ވިސާނެތި ރާއްޖޭގައި މިގޮތަށް ބިދޭސީން މަސައްކަތުގައި އުޅުމަކީ ވެސް ގާނޫނީގޮތުންވެސް ބޮޑު ކުށެކެވެ.
ސާފު ތާހިރުކަން ކުޑަ، ފަރުވާވެސް ކުޑަ!
ގާޑިޔާ ތަކުގެ "ނުފެންނަ ފަރާތުގައި" މުޅިންވެސް ހުރީ މައްސަލަތަކެވެ. އޭގެ ތެރޭން ވެސް، އެތަންތަނުގެ ސާފުތާހިރު ކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ގައިގެ ތަންތަން ކަހާލުމަށް ފަހު މަޖާތަށި މޮޑެލުމަށް އަތް ކޮށްޕާލާއިރު އަތް ދޮވުމަށް ސާފު ފެންފޮދެއްހާ މިންވަރު ވެސް އެތަންތަނުގައި ނުހުރެ އެވެ. އަލި ކަމެއް ނެތް މޭޒުތައް މަތީގައި މަޖާ ތަށި އަތުރާލާއިރު އެތަންތަނުގައި ޖަރާސީމު ފަދަ، ސިއްހީ ދުޅަހެޔޮކަމާ ސީދާ ދެކޮޅު ވަސީލަތްތައް ހުރީ ކިހާވަރަކަށް ކަން އަންދާޒާކޮށްލަންވެސް ނޭނގެ އެވެ.
"ދެން މިނޫން ގޮތެއް ނެތެއްނު. ހިތަށް އަރުވަނީ ދެން މި ސާފު ތާހިރުވާނޭ. ސާފު ތާހިރު ކަަމަށް ބަލަންޏާ މިތަންތަނަށް ނައިސް އުޅެން ޖެހޭނީ. ރިހާކުރު ކަހަލަ އެއްޗެހި އަބަދު ބޭނުން ކުރާތަނެއްގައި ބޮލުގައި އިސްތަށިގަނޑު ނިވާކުރެވޭ ވަރުގެ ކެޕެއް ނަމަވެސް އަޅަން ކީއްވާނީ. ބިދޭސީން ލައްވައި މިކަން ކުރުވާ މީހުން އަހަންނަށް ގޯހީ،" އަނބިމީހާ ގޮވައިގެން، މަޖާ ކާން އައިސް ހުރި ޒުވާނަކު ބުނެލި އެވެ.
ކޮންމެ ގާޑިޔާއެއްގައި ވެސް ކުރުނބާ ބަހައްޓަން ތަންތަން ހަދާފައި ހުންނައިރު ބިދޭސީ ސޭޓުން ތިބޭ ގާޑިޔާ ތަކުގައި އެތަންތަނުގެ ސާފު ތާހިރުކަން ވެސް ކުޑަ އެވެ. ކުރުނބާ ހަދާލުމަށް ފަހު އެއިން އުކާލާ ބައި އަޅަނީ ކައިރީގައި އޮންނަ ކާނު ގަނޑަށެވެ. އަނބުމަޖާ ތަށި ހުސްވުމުން އެއަށް ފެންފޮދެއް އަޅާލުމަށް ފަހު އުކާލަނީ ތޮށިގަނޑު މައްޗަށެވެ. ނުވަތަ މޫދަށެވެ. އަދި ގާޑިޔާތައް ކައިރީގައި އޮންނަ މޫދަށް އެކިކަހަލަ ކުނި އެޅުން އާންމު އިރު އެތަންތަނުގައި ތިބޭ ސޭޓުންގެ ފާހާނާއަކީ ވެސް އެއީ އެވެ.
"ކުރީ ދުވަހު މި ހެދި ގޮތަކީ އަހަރަމެން މިތާ ތިއްބާ މަޖާކައިގެން ދިޔަ ބަޔަކު މަޖާ ހުސްކުރި ތަށި ގެންގޮސް ހަމަ އެ ތަށީގައި މަޖާ ހަދައިގެން އަހަރަމެންނަށް ގެނެސްދިނީ. އަހާލީމާ ބުނީ 'ކުޑަ ސާފު ކުރަނީ'އޭ. އެ ދުވަހުން ފަށައިގެން މަވާ ސަލާމް ގާޑިޔާ ތަކަށް،" އާންމުގޮތެއްގައި ގާޑިޔާތަކަށް ގޮސް އުޅޭ ވިލާ ކޮލެއްޖްގައި ކިޔަވާ އަންހެން ކުއްޖަކު ބުންޏެވެ.
އެތައްބައިވަރު ފައިސާ ގައުމުން ބޭރަށް
ކުރިވެސް ފާހަގަކުރެވި ދިޔަ ފަދައިން ގާޑިޔާ ވިޔަފާރިއަކީ ފައިދާ ބޮޑު ވިޔަފާރިއެކެވެ. އެތައް ބައިވަރު ދިވެހިން ކޮންމެ ރެއަކު ވެސް ގާޑިޔާތަކުން ވިޔަފާރި ކުރާއިރު، އެ ތަނުން މަންފާ ލިބޭ މީހުން ބައިވަރެވެ. ދިވެހި ސޭޓުން ވެސް އެކަން ފާހަގަކުރެ އެވެ. އެ ސޭޓުން ބުނާ ގޮތުން ގާޑިޔާތަކުގެ ވިޔަފާރި ދަށަކަށް ނުދެ އެވެ. ރަނގަޅު ފައިދާއެއް ލިބެ އެވެ. ނަމަވެސް އެމީހުންގެ ކަންބޮޑުވުން އޮތީ އެތަންތަނުން ލިބޭ ފައިސާ ދިވެހިންގެ އަތައް ނާރައި ބޭރު ގައުމުތަކަށް ދާތީ އެވެ. ކޮންމެ މަހަކު ވެސް ލިބޭ ފައިދާ ދިވެހިންގެ އަތްމަތިން ދޫވެ ބޭރު ގައުމުތަކަށް ދާއިރު އެކަމަކީ ހުއްޓުވަން ޖެހޭ ކަމެކެވެ.
"މިތަން ތަނުން އެބަލިބޭ ވަރަށް ބޮޑު ފައިދާއެއް. މީރާއަށް ދައްކަން މިޖެހެނީ 2000 ރުފިޔާ. ދެން ލިބޭ ފައިދާ އެއީ ހަމަ އަހަރަމެންނަށް ލިބޭ ފައިދާ. އެކަމަކު އަހަރަމެންނަށް ލިބޭ ރުފިޔާއަކީ މި ގައުމުަގައި ހަރުލާނެ އެއްޗެއް. ނަމަވެސް ބިދޭސީންނަށް ލިބޭ ފައިދާ މުޅިންހެން ބޭރަށް އެ ފޮނުވަނީ،" ގާޑިޔާގައި މަސައްކަތް ކުރާ އަންހެން ސޭޓަކު ކިޔައިދިނެވެ.
އަވަސް ހައްލެއް ބޭނުންވޭ
ޒަމާނުއްސުރެ ދިވެހީން ކުރަމުންއައި ގާޑިޔާ ވިޔަފާރި ބޭރުމީހުންގެ އަޅުވެތި ކަމުގެ ދަށަށް ދިޔުމުން ދިވެހި ސޭޓުން ތިބީ މާޔޫސްވެފަ އެވެ. ކޮންމެ ގާޑިޔާއެއް ކައިރީ ބިދޭސީންގެ ގުރޫޕްތައް ފުނި ޖެހިފައި ތިބޭ އިރު ދިވެހިން ތިބީ އެމީހުންގެ އަމަލުތަކުގެ ސަބަބުން ވިޔަފާރި ހުއްޓާލާ ހިސާބަށް ގޮސްފަ އެވެ. ގާޑިޔާތަކުން ވައްކަން ކުރުން ވެސް އިންތިހާ އެވެ. ބައެއް ގާޑިޔާތަކުގައި ބިދޭސީން މަސްތުވާތަކެތި ވިއްކާ ކަމަށް ވެސް ބައެއް ދިވެހި ސޭޓުން ތުހުމަތު ކުރެ އެވެ. މިކަމަކީ އަވަސް ހައްލު ބޭނުންވާކަމެކެވެ. އެތައް ބަޔަކު ބޭނުން ކުރާ ގާޑިޔާތަކުގެ ސާފުތާހިރު ކަމުގެ މިންގަނޑު ދަށަށް ދާއިރު އެކަމާ މެދު އެންމެން ވެސް ވިސްނަންޖެހެ އެވެ. ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ.
ރާއްޖޭގެ ސިއްހީ މުއައްސަސާތަކުން މިހާރުން މިހާރަށް ވެސް ގާޑިޔާތަކުގެ 'ފުލް އިންސްޕެކްޝަނެއް' ހަދަން ޖެހެ އެވެ. އޭރުން އެތަންތަނުގައި ހުރި އެތައް މައްސަލަތަކެއް ފެންމަތިވާނެ އެވެ. އެތަންތަނުގައި ވިއްކަމުންދާ ތަކެތީގެ ކޮލިޓީ ހުރީ ކިހާ މިންވަރަކަށް ކަން ވަޒަން ކުރެވެން ޖެހެ އެވެ. އަދި ކާއެއްޗެހި ތައްޔާރު ކުރާ މީހުން ތިބެން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ވަޒަން ކުރެވެން ޖެހެ އެވެ.
ބައެއް ދިވެހި ސޭޓުން ބުނާ ގޮތުގައި ބިދޭސީ ސޭޓުން އެ ގާޑިޔާތަކުގައި ވިޔަފާރި ކުރަނީ ދިވެހި ސޭޓުންގެ އަތުން އެތަންތަން ކުއްޔަށް ނަގައިގެންނެވެ. އެހެން ކަމުން އެފަދަ ސޭޓުން ހޯދައި، އެމީހުންގެ ލައިސަންސް ބާތިލު ކުރަންޖެހެ އެވެ. ގާޑިޔާ ތަކުގައި ތިބޭ ބިދޭސީންނަށް، 'ބަސްވިކޭ ބައެއް ފަރާތްތަކުން' ވާގިވެރިވާކަމަށް ދިވެހި ސޭޓުން ތުހުމަތުކުރެ އެވެ. މިއީވެސް ހަގީގަތެއްތޯ ބަލަން ޖެހެ އެވެ.
ބަލާ ބެލުމަށް ގާޑިޔާތަކުން ދިވެހީންނަށް ބޮޑެތި މަންފާތަކެއް ލިބުނު ނަމަވެސް ހަގީގަތަކީ އެ ވިޔަފާރީގެ އަނދިރި ފަރާތުގެ ކަޅުފޮއިކަމުން ހަގީގީ މަންފާ ނެރެން އުނދަގޫ ކަމެވެ. ސާފުތާހިރުކަން ކުޑަވެ ގާޑިޔާތަކުން މީގެ ކުރިން ދިވެހިންގެ ދޫތަކުގައި ލެއްވި ރަހަ މިހާރު ނުލިބޭއިރު އެ ގާޑިޔާތަކަށް އަވަސް މިނިވަން ކަމެއް ބޭނުންވެ އެވެ. އިމާރަތް ކުރުމާއި އަދި އެހެނިހެން ވިޔަފާރިތައް ދޭސީން އަތުން ބީވެ ބިދޭސީންގެ އަތްމައްޗަށް ދޫވެގެން ދާއިރު ގާޑިޔާތަކުގެ އަނދިރި ފަރާތް ވެސް މިވަނީ އަލިކުރަންޖެހިފަ އެވެ. އެތަންތަނަކީ ނުގަވައިދުން ކަންކަން ކުރަން ހުންނަ ތަންތަނެއް ނޫނެވެ. އެތައް ބައިވަރު ދިވެހިންނާ ގުޅިފައިވާ ގާޑިޔާތައް ހިނގަންޖެހޭނީ ގައިވައިދުންނެވެ. އެ ވިޔަފާރި ވާންޖެހޭނީ އެންމެނަށް ވެސް ވާނުވާ އެނގޭ ވިޔަފާރިއަކަށެވެ.