އެފްޕީއައިޑީގެ ލިޔުންތައް ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ވަނީ ގެއްލިފައި: މޫސަ

މޫސާ މަނިކު: އޭނާ ވިދާޅުވީ އެފްޕީއައިޑީގެ ލިޔެކިޔުންތައް ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ވަނީ ގެއްލިފައި ކަމަށް ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ހިންގި އެންމެ ބޮޑު ކޮރަޕްޝަން، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ގެއްލިފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި 'އަފިރިން ވެސް ތައްޔާރު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ، އެމަނިކުފާނާ ވާދަކޮށް، ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮށްފައިވާ ގާނޫނާ ހިލާފުކަން ކަންތައްތައް ތަހުގީގުކޮށްދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި މައުމޫނުގެ އެއްވެސް މައްސަލައެއް ތަހްގީގުކޮށްފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި ކޮރަޕްޝަނުގެ މައްސަލަތައް "ފޮރުވައި ފަސް އަޅަން މަސަތްކަތްކޮށްފައިވާ ކަމަށް" މޫސަ މިރޭ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އަޅުގަނޑު މިރޭ ވަރަށް ފާޅުކަން ބޮޑު ގޮތުގައި މި ދަންނަވަނީ އެފްޕީއައިޑީގެ މައްސަލައިގެ ލިޔެކިޔުންތައް ރައްޔިތުންގެ މަޖިލީހުގައި އޮއްވައި ވަނީ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި މޫސަ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެ ލިޔެކިޔުންތައް ގެއްލިގެން ނުވާނެ ކަމަށާއި އެކަން ހިނގި ގޮތާއި ސަބަބު ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ސަރުކާރުގެ އިސްވެރިންނަށް އަދި މުއައްސަސާތަކުގެ ފަރާތްތަކަށް ގޮވާލަން އެ ހޯދާށޭ. އެއީ 200 ނުވަތަ 300 މިލިއަނެއްހާ ޑޮލަރު. އެ ގެއްލެންވީ ސަބަބަކީ ކޮބައިތޯ. އެ ގެއްލުނު ކަމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިޖޫރީގައި ހުއްޓައި،" އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ދިވެހި ތާރީހުގައި ކޮށްފައިވާ ވަރަށް ބޮޑު މަސަތްކަތެއް ކަމަށެވެ. އަދި މިހާރުގެ އިދިކޮޅު ފަރާތްތަކުން މަޖިލިސް ހަލަބޮލި ކުރަމުންދަނީ އެފަދަ ވާހަކަތައް އޮއްބާލަން ކަމަށް ވެސް މޫސަ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެފްޕީއައިޑީ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައި ވަނީ 1990 ވަނަ އަހަރު އެވެ.

ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި 'ތައްޔާރު' ޖަލްސާގައި ދެއްކި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެފްޕީއައިޑީ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވިފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމްގެ މައްޗަށެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އަންނަނީ އެފްޕީއައިޑީގެ ޚިޔާނާތުގެ މައްސަލަ ބަލުމުންނެވެ.

comment ކޮމެންޓް