މާޅޮސް ބޭނުންވަނީ އިތުރު މޮޅެއް، މިލަންދޫ ވެސް މޮޅަކަށް ކެތް މަދުވެފައި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އއ. މާޅޮހާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: ދެވަނަ ބުރުގައި ކުޅޭ މެޗަށް ނުކުންނައިރު، ދެ ޓީމުން ވެސް ތިން ޕޮއިންޓް ބޭނުންވޭ --ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު އއ. މާޅޮހާއި ށ. މިލަންދޫ ނުކުންނައިރު، އެ މެޗުން މޮޅުވުން މުހިންމު ކަމަށް އެ ދެ ޓީމުގެ ކޯޗުން ބުނެފިއެވެ.

މިއަދު ހަވީރު 4:00ގައި ކުޅޭ އެ މެޗަށް ނުކުންނައިރު، ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން މާޅޮހުން ވަނީ ހައިރާން ކުރަނިވި މޮޅެއް ހޯދައިފަ އެވެ. އެ މެޗުން މާޅޮސް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ދެ ވަނަ ބުރުގައި މިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 7-1 ލަނޑުގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ. ފުރަތަމަ ބުރުގައި ބޮޑެތި ޓީމުތަކަށް އުނދަގޫތަކެއް ކުރިމަތިކުރުވި މިލަންދުއަށް އެ މެޗުގައި ލިބުނު ނަތީޖާއަކީ ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު އެންމެ ގޯސް ނަތީޖާއެވެ. ލީގު ތާވަލަށް ބަލައިލާއިރު، މާޅޮސް އަދި މިލަންދުއަށް ވެސް އަށް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ، މާޅޮހުން މެޗުތަކަށް ނުކުންނާނީ ވަކި ޓީމަކީ ބަލި ޓީމެއް ކަމަށް ބަލައިގެން ނޫން ކަމަށާއި ގްރީންއާ ދެކޮޅަށް ދެއްކި ކުޅުން ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ.

"ޗެލެންޖަކީ ގްރީންއާ ދެކޮޅަށް ކުޅުނު ވަރަށް ޕާފޯމަންސް ރިޕީޓް ކުރުން. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ ކަމަށް ބަލަނީ. އަޅުގަނޑުމެން މި މެޗަށް ނުކުންނައިރު ލިބިފައި މިއޮތީ ފަސް ޕޮއިންޓް. ގްރީނަށް ލިބިފައި މިއޮތީ 13 ޕޮއިންޓް. އަޅުގަނޑުމެން މޮޅުވެއްޖެނަމަ، ލިބޭނީ އަށް ޕޮއިންޓް. މެޗަށްފަހު މެޗެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އޭނާ ބުންޏެވެ.

"މި މެޗަށްފަހު އަޅުގަނޑުމެން ނުކުންނަން ޖެހޭނީ ނިއު ރޭޑިއަންޓާ ދެކޮޅަށް، އަދި އެ މެޗަށްފަހު ނުކުންނަން ޖެހޭނީ މާޒިޔާއާ ދެކޮޅަށް. މިލަންދޫއަކީ އަޅުގަނޑުމެންނަށް އެއްފަހަރު ލަނޑު ދީފައިވާ ޓީމެއް. އެހެންވީމާ މިލަންދޫއަކީ ދަށް ޓީމެކޭ އަޅުގަނޑު ނުބުނާނަން."

މެޗުގެ ކުރިން މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ، ނިއު އަތުން ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ކުޅުންތެރިން ތިބީ މޮޅެއް ހޯދުމުގެ އިންތިޒާރުގައި ކަމަށާއި ފުރަތަމަ ބުރުގައި ދެއްކި ކުޅުން ތަކުރާރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މާޅޮސް މެޗަށް އެ ނުކުންނަނީ ގްރީން އަތުން މޮޅެއް ހޯދައިގެން. އަޅުގަނޑުމެން މި ނުކުންނަނީ ފުދޭ ވަރަކަށް ބޮޑު ނަތީޖާއަކުން ބަލިވެގެން. ހުރިހާ ކުޅުންތެރިން ވެސް މިހާރު އެ ތިބީ އަނެއްކާވެސް މޮޅަކަށް އިންތިޒާކުރަން. އެހެންވީމާ މާޅޮހާ ދެކޮޅަށް ކުޅޭ މެޗުގައި އިރާދަކުރެއްވިއްޔާ ކުރިން ދެއްކި ކުޅުން ފެނިގެންދާނެ. އޭގެ މާނައަކީ މެޗުން ތިން ޕޮއިންޓް ހޯދުމޭ،" އޭނާ ބުންޏެވެ.

ނިއުއާ ދެކޮޅަށް ކުޅެ ބޮޑު ތަފާތަކުން ބަލިވި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނާސިރު ބުނީ، އެ މެޗުން އެހާ ބޮޑު ތަފާތަކުން ބަލިވާން ދިމާވީ ކުޅުންތެރިންނަށް ތަންކޮޅެއް ފަރުވާ ކުޑަކޮށްލެވުނީމަ ކަމަށާއި އެހެން ދިމާވީ ކުރީ މެޗުތަކުގައި ހަނި ތަފާތުތަކުން ބަލިވެގެންދާން ޖެހުމުން ކަމަށް ބެލެވޭ ކަމަށެވެ.

ފުރަތަމަ ބުރުގައި މާޅޮހާއި މިލަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

comment ކޮމެންޓް