ބަނޑޮސް ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބަނޑޮސްގައި ޓޫރިސްޓުންތަކެއް މޫދަށް ފައިބަނީ-- ސަން ފައިލް ފޮޓޯ

ބަނޑޮސް އައިލެންޑް ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އަލިފާން ރޯވީ، "ރަނގަޅު 2" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިރޭ 9:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދޯނީގެ މީހުން ފޯމް ބޭނުން ކޮށްގެން އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ރޯވީ އެ ދޯނީގެ އިންޖީނުގައި ކަމަށެވެ. އޭރު އެ ދޯނި ދަތުރު ކުރަމުންދިޔައީ، ހުޅުލެއިން މުދާ ހިފައިގެން ރ. އަތޮޅު ކުޑަފުށި ރިސޯޓަށް ކަމަށާއި، ދޯނީގައި 17 މީހަކު ތިބި ކަމަށެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް