ބާސާ ސްޕޯޓަރުން މެޗުގެ މާހައުލު ޓީމާ އެކު ބޭއްވުމަށް ގޮވާލަން: ވަލްވޭޑޭ

ބާސާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ-- ފޮޓޯ: އޭޕީ

ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ބާސާގެ ސަޕޯޓަރުން މެޗުގެ މާހައުލު ޓީމާއެކު ބާއްވައި އެއްވެސް ގޯސް އަމަލެއް ނުހިންގުން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ގޮވާލައިފި އެވެ.

ބާސާ ނިސްބަތްވާ ކެތަލޫނިއާ މިނިވަންވުމަށް މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން މި މަހު އެއް ވަނަ ދުވަހު ލަސް ޕަލްމަސްއާ ދެކޮޅަށް ބާސާ މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދައެވެ. މިއީ އޭގެ ފަހުން އެ ޓީމު އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.

ބާސެލޯނާ މި ވަގުތު ގްރޫޕް ޑީގެ އެއް ވަނާގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ދެ ވަނާގައި ސްޕޯޓިން އާއި ތިން ވަނާގައި އޮތް ޔުވެންޓަސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އޮލިމްޕިއާކޯސް އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ވަލްވޭޑޭ ބުނީ ސަޕޯޓަރުންގެ ފަރާތުން އެ ދެނީ މެޗުގެ މާހައުލު ގެއްލުވާ ނުލައި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން އެންމެ އެދެވޭ މިންގަނޑެއްގައި ހިފަހައްޓައިގެން މެޗު ބެލުމަށް ދަނޑަށް ވަނުން ކަމަށެވެ.

"މި މެޗު އަހަރެންނަށް މުހިންމު ވަނީ މިރޭ އިދިކޮޅުން ނިކުންނަ އޮލިމްޕިއާކޯސް އަކީ އަހަރެން ކުރީގެ ޓީމަކަށް ވާތީ އެއް ނޫން. އުފަލަކީ ދުވަސްތަކަކަށް ފަހު އަމިއްލަ ދަނޑުގައި ސްޕޯޓަރުންގެ ކުރި މަތީގައި މެޗެއް ކުޅެން ލިބުން،" ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭ ވަނީ 2010 އިން 2012 އަށް އޮލިމްޕިއާކޯސް އަށް ކޯޗުކަން ކޮށްދީފައެވެ. އޮލިމްޕިއާކޯސް އަށް ސްޕެއިނުގެ ޓީމުތަކާ ދެކޮޅަށް މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާއިރު، ވަލްވޭޑޭ ބުނީ މާޒީގައި ވެފައި އޮތް ކަމަކަށް ބަލައިގެން އެއްވެސް މެޗަކަށް ތައްޔާރުނުވާނެ ކަމަށެވެ.

comment ކޮމެންޓް