ދޮންނަ މެޝިނެއްގައި ރޯވެ، ފިހުނު އަންހެން މީހާ ނިޔާވެއްޖެ

ދޮންނަ މެޝިނުގައި ރޯވެ މއ. ފެސިނޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ --- ސަންފޮޓޯ

މިދިޔަ މަހު މައްޗަންގޮޅި ގެއެއްގައި ދޮންނަމެޝިނެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހުނު އަންހެން މީހާއަށް އިންޑިއާގައި ފަރުވާދެމުންދަނިކޮށް، މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ތ. ގުރައިދޫ މިސްރާބު، ހައްވާ މަނިކެ އިބްރާހިމް، 54 އެވެ.

ހައްވާ މަނިކެގެ ފިރިހެން ދަރިފުޅަކު 'ސަން'އަށް ބުނީ މަންމަ ނިޔާވީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު ކަމަށެވެ.

ހައްވާ މަނިކެ މާލެއިން އިންޑިއާއަށް ގެންދިޔައިރު ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުން ހާލު ސީރިއަސްވީ ހަށިގަނޑުގައި ފިހިފައި ހުރި ތަންތަން އިންފެކްޓްވެ، އެތެރެހަށީގެ ގުނަވަނަކަށް އިންފެކްޝަންގެ އަސަރު ފޯރައިގެން ކަމަށް އޭނާ ބުންޏެވެ.

ހައްވާ މަނިކެ ޒަހަމްވި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މއ. ފެސިނޭޝަން ގޭގަ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ދޮންނަމެޝިނުގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް