ރޯމާ މެޗަށް މޮރާޓާ ފިޓް ވެއްޖެ

އަލްވާރޯ މޮރާޓާ: އޭނާއަށް ރޯމާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭ ވަރަށް ފިޓްވެފައިވާ ކަމަށް ޗެލްސީގެ ކޯޗު ބުނޭ -- ފޮޓޯ/ އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ފިޓް ވެއްޖެއެވެ.

ވޭތުވެދިޔަ ދެ މެޗުގައި މޮރާޓާ ނެތްތަން ފޫބެއްދުމަށް ޗެލްސީއަށް ވަނީ ނުކުޅެދީފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފަޔަށް އަނިޔާވެ މޮރާޓާ ވަނީ ދަނޑުން ބާލައިފައެވެ. އަދި ސްކޭންތަކަށް ފަހު މި މަސް އެއްކޮށް އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ރޯމާ މެޗަށް މޮރާޓާ ފިޓްވެފައިވާ ކަމަށް ބުނެފައެވެ.

"އަލްވާރޯ މޮރާޓާއަށް މާދަމާ ރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތް. އޭނާ ދަނީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ބައެއް ފަހަރު ރިސްކު ވެސް ނަގަން ޖެހޭނެ. ސިޓީ މެޗުގައި މޮރާޓާއަށް އަނިޔާވީ އަހަރެން އޭނާ ފުރަތަމަ 11ގައި ހިމެނުމުން. ބައެއް ފަހަރު ކުޅުންތެރިންނަށް އަރާމު ވެސް ބޭނުން ވާނެ،" ކޮންޓޭ ބުންޏެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޗެލްސީގެ ޑިފެންޑަރު މާކޮސް އޮލޮންސޯ ބުނީ، އަނިޔާއަށްފަހު މޮރާޓާ އެނބުރި އައުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މިހާރު އޭނާ ފަރިތަކުރުން ތަކުގައި ވެސް ބަރާބަރަށް ބައިވެރިވަމުން އަންނަ ކަމަށެވެ.

މޮރާޓާއަށް އަނިޔާވެފައި ވަނީ އޭނާ ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށެވެ. އެގޮތުން އޭނާ ވަނީ މިހާނަތަށް ޗެލްސީއަށް ހަތް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

comment ކޮމެންޓް