ގްރީން ސިއްސުވާލުމަށްފަހު މާޅޮހުން ލީގު ފުރަތަމަ މޮޅު ހޯދައިފި

ގްރީން ސްޓްރީޓްސް އާއި މާޅޮސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އުރީދޫ ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދައި އއ.މާޅޮހުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗު މާޅޮހުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު މާޅޮސް އަށް ވަނީ އަށް މެޗުން ފަސް ޕޮއިންޓު ލިބި ތާވަލުގެ ހަ ވަނައިގަ އޮތް ށ.މިލަންދޫ އާ ޕޮއިންޓުގެ ގޮތުން ހަމަ ކޮށްފަ އެވެ. މާޅޮހަށް ހަތް ވަނަ ލިބެނީ ފައިދާ ގޯލު މިލަންދޫ އަށް ވުރެ މަދުވުމުންނެވެ.

އެ މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ވަނީ ލީގުގެ ތިން ވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ގްރީން ސްޓްރީޓްސް ހަތަރު ވަނާގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ.

މެޗު ފަށައިގެން މާޅޮހުން ދިޔައީ ގްރީން އަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މުނޯޒް އަށް ވަނީ ރަނގަޅު ދެ ހަމަލާ ލިބި ބޭކާރުވެފަ އެވެ. މާޅޮހުން ލީޑު ނެގީ މެޗުގެ 12 ވަނަ މިނިޓުގައި މުނޯޒްގެ ލަނޑުންނެވެ. އޭރިއާ ބޭރުން މުނޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކޮޗީ ބޯމަތިން އޮއްސިގެން ގޮހެވެ.

ނަމަވެސް އޭގެ އަށް މިނެޓު ފަހުން ގްރީން ސްޓްރީޓްސް އިން ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނައްޒާމެވެ.

މެޗުގެ 38 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން މުހުތާރު ނަސީރު (ޓޫކިލޯ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެ ހުސްކޮށްހުރެ ޓޫކިލޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓުގައި މުނޯޒް ވަނީ މެޗުގެ ދެވަނަ ލަނޑު ޖަހައި މާޅޮހަށް ލީޑު ނަގައިދީފަ އެވެ. އެ ލަނޑަކީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ލިބުނި ފެނަލްޓީ އަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

މާޅޮހުން ލީޑު ނެގުމުން ގްރީން ސްޓްރީޓްސް އިން ވަނީ ނަތީޖާ އެއްވަރު ކުރުމަށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މީގެ ހަމަލާއެއް ގޯލަކަށް ބަދަލުވާ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް