ކުރުނބާފެނުން އެތައް ފައިދާއެއް!

ކުރުނބާ: ދުވާލަކު މަދުވެގެން އެއް ކުރުނބާ ބުއިމަކީ ސިއްހަތައް ފައިދާ ހުރި ކަމެއް

ކުރުނބާއަކީ ދިވެހިންގެ މެދުގައި މަގުބޫލު މޭވާއެކެވެ. ދިވެހި ރުކުގައި އަޅާ މި މޭވާ އަކީ ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެއްވެސް މެއެވެ.

ރާއްޖެއިން ކުރުނބާ ލިބުން ކޮންމެވެސް ވަރަކަށް ދަތިވެފައި ވީނަމަވެސް އަދިވެސް އާންމުކޮށް ލިބެން ހުންނަ މި މޭވާ މިހާރު ފުޅީގައި ބަންދުކޮށްގެންވެސް ވިއްކަން ހުރެއެވެ. އެގޮތުން ކުރުނބާގެ ފެން އަދި ހެވާކޮޅު މިނަރަލް ވޯޓަރ ހުސްކުރި ފުޅި ފުޅީގައި ވިއްކަން ހުންނަތަން އާންމުކޮށް ފެނެއެވެ. މިއާއެކު ފައިދާ ހުރި މި މޭވާ ބޭނުން ކުރުމަށް ފަސޭހަވެސް ވީނޫންތޯއެވެ.

ކުރުނބާފެނަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔަ ނުދީ ހިފަހައްޓާއެއްޗެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ލޭ ދައުރުވުމުގައި ވެސް ކުރުނބާފެން އެހީވެދެ އެވެ. މީގެ ސަބަބުން ހާޓް އެޓޭކް ޖެހުން ފަދަ ކަންކަމުން ދުރުކޮށްދީ، ސިއްހީ މައްސަލަތަކުން ދުރުކޮށްދެއެވެ.

ކުރުނބާ ފެނަކީ ބަރުދަން ލުއިކުރުމަށް ވެސް އެހީއެކެވެ. އާންމުކޮށް ބާޒާރުން ލިބެން ހުންނަ ޖޫސްފަދަ އެއްޗެއްސަކީ އޭގައި ހަކުރުގެ ބައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެއްސަށް ވެފައި، މިދަފަ ބުއިންތައް ބޭނުން ކުރުމުން ހަށިގަނޑު ފަލަ ވެސް ބަރުދަން އިތުރުވާގޮތްވެ އެވެ. ކުރުނބާ ފެނަކީ 100 އިންސައްތަ ގުދުރަތީ އެއްޗަކަށްވެފައި އޭގައި އެއްވެސް ވަރަކަށް އާޓިފިޝަލް މާއްދާތައް އެކުލެވޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ކުރުނބާ އަކީ އޭގައި ކެލޮރީ މަދު މޭވާއެއްވެސް މެއެވެ.

ކުރުނބާ ފެން ބުއިމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭނެ ކަމެއް ވެސް މެއެވެ. ގަވައިދުން ކުރުނބާ ފެން ބޯނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ ބަލިތަކުން ރައްކާތެރިވާނެ އެވެ. ކުރުނބާ އަކީ އަޔަން، ޕޮޓޭސިއަމް، މެގްނީސިއަމް، ޒިންކް އަދި ސޯޑިއަމް ފަދަ މާއްދާތަކުން މުއްސަނދި ވެފައިވާ މޭވާއެކެވެ.

މީގެ އިތުރުން ކުރުނބާ ފެނަކީ ގައިގެ ހަންގަނޑު އޮމާންކޮށްދީ، ހަޖަމު ކުރުމުގެ ނިޒާމު އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް ވެސް އެހީއެކެވެ. ކުރުނބާ ފެން ބޯނަމަ ހަންގަނޑުގައި ހުންނަ ލަކުނުތައް ފަސޭހަވުން އަވަސްވެ، ގައިގެ ހަންގަނޑު ޒުވާން ކަމަށް ދައްކާނެއެވެ. މީގެ އިތުރުން ކުރުނބާ ފެން ބޯނަމަ ކުޑަކަމު ދިޔުން ފަސޭހަވެ، ކިޑްނީގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދޭނެ އެވެ.

މަސްދަރު: ހެލްތް ޑައިޖެސްޓް

comment ކޮމެންޓް