އެތުލެޓިކޯއިން ބާސާ ހުއްޓުވައިފި

ސްޕެނިޝް ލަލީގާގައި ބާސާއާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން ގެންދިޔަ މޮޅުވުމުގެ ސިލްސިލާ، އެތުލެޓިކޯ މެޑުރިޑުން ހުއްޓުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެތުލެޓީކޯގެ ދަނޑުގައި މިދެޓީމު ކުޅުނު ލީގު މެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެތުލެޓިކޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 21 ވަނަ މިނިޓްގައި ސައުލް ނިގުއޭޒް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެންވެސް އެތުލެޓިކޯއިން ޑޮމިނޭޓްކުރަމުން ދިޔަ މެޗުގައި ބާސާއަށް ލަނޑެއް ކާމިޔާބުކޮށްދެވޭތޯ އެންމެ ބުރަ މަސައްކަތެއް ފެނިގެން ދިޔައީ ލިއޮނަލް މެސީގެ ފަރާތުންނެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ބޭނުންވެސް ނުހިފުނެވެ. ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

އާނެސްޓޯ ވަލްވާޑޭގެ ޓީމުން ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ދަނިކޮށް، ލަނޑެއް ޖަހައި އެޓީމު ސަލާމަތްކޮށްދިނީ، މެޗުގެ 82 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު އަށް މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައެވެ. ލީގު ތާވަލުގެ ދެވަނައިގައި އޮތީ، އިއްޔެ ގެތާފޭ އަތުން 2-1 ލަނޑުން މޮޅުވި ރެއާލް މެޑްރިޑެވެ. އެޓީމަށް 17 ޕޮއިންޓ ލިބިފައިވާއިރު އެތުލެޓިކޯ އޮތީ 16 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

comment ކޮމެންޓް