އިޓަލީގެ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ ގައި ރާއްޖެ ބައިވެރިވެއްޖެ

އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއަރ ގައި ދިވެހިރާއްޖޭގެ ސްޓޯލް -- ފޮޓޯ/ އެމްއެމްޕީއާރުސީ

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއާ ގައި ރާއްޖޭގެ ފަރާތުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ބައިވެރިވަމުންނެވެ.

އެމްއެމްޕީއާރސީން ބުނީ އެ ފެއާގައި އެ ކޯޕަރޭޝަނާއެކު ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގެ 21 ކުންފުންޏެއްގެ ފަރާތުން 38 ބޭފުޅަކު ބައިވެރިވާކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ، އެ ފެއާ ގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން 64 އަކަ މީޓަރު ގެ ސްޓޭންޑެގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން ވީއާރު ބޭނުންކޮށްގެން ރާއްޖޭގެ މޫދުއަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ފެއާ އަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއަރ ގައި ދިވެހިރާއްޖޭގެ ސްޓޯލް -- ފޮޓޯ/ އެމްއެމްޕީއާރުސީ

ސޯޝަލް މީޑިއާގައި އެ ފެއާގެ ޚަބަރުތައް ފެތުރުމުގެ ގޮތުން ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސްޓޭންޑްގައި ފޮޓޯއެއް ނެގުމަށްފަހު ޓްވިޓާ އަދި އިންސްޓަގްރާމުގައި TTG2017 # އަދި visitmaldives# ޖެހުމަށްފަހު ފޮޓޯ ހިއްސާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް ޚާއްސް އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ޓީޓީޖީ އިންކޮންޓްރީއަކީ އިޓަލީ ވިލާތުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ބާއްވާ ބޮޑު ފެއާ އެކެވެ. އަދި އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ހާޒިރުވާ ޓްރެވެލް އިވެންޓެކެވެ. އެފެއާ އިން އިޓަލީ މާކެޓްގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހިމެނޭ މުހިއްމު ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮއްލުމަށް ލިބޭ ފުރުސަތެކެވެ.

އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއާ ގައި ރާއްޖޭގެ ސްޓޯލް -- ފޮޓޯ/ އެމްއެމްޕީއާރުސީ

އެ ފެއާގައި ބައިވެރިވުމާ ގުޅިގެން އިޓަލީގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، އެ މާކެޓް ރާއްޖެއަށް ފުޅާކުރުމަށް މުހިއްމު ފުރުސަތަކަށް ވެގެންދާނެއެވެ. އިޓަލީއަކީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން މުހިއްމު އެއް ގައުމު ކަމަށާއި، އެ ފެއާގައި ބައިވެރިވުމާ ގުޅިގެން އިޓަލީގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ ފަތުރުވެރިކަމުގެ މާކެޓް ރާއްޖެއަށް ފުޅާކުރުމަށް މުހިއްމު ފުރުސަތަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

comment ކޮމެންޓް