ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހާއްސަ އެސްއެމްއީ އިމާރާތުގެ ބިންގާ އަޅާއިފި

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ)ގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ) ޕާކުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލޭގައި އެ އިމާރަތުގެ ބިންގާ އަޅުއްވާދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އަދި އިގްތިސާދާބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

ހުޅުމާލޭގައި ހަ ބުރިއަށް ތަރައްގީ ކުރާ އެ އިމާރާތަކީ ކުދި ވިޔަފާރި ތަރައްގީ ކުރުމަށް އުފައްދާފައިވާ، ބިޒްނަސް ސާވިސް ކޯޕަރޭޝަން (ބީސީސީ) އަދި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެން ހިންގާ މަޝްރުއުއެކެވެ.

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތުގައި އެއްފަހަރާ 120 ވިޔަފާރީގެ މަސައްކަތް ކުރެވޭނެއެވެ. އަންނަ ޖޫން މަހު އެ އިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށާއިރު އިމާރާތުގައި "ސޮފްޓް ޓޯއިސް" ކާރުހާނާއެއްގެ އިތުރުން ތަފާތު ސާމާނު އުފެއްދޭން ވަސީލަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ)ގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސީދާ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރުއުއުއާ ގުޅޭ ގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ އެ އިމާރާތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ގިނަ ޒުވާނުންތަކެއް ވިޔަފާރި ކުރުމުގެ ފިކުރު ގެންގުޅޭ އިރު އެ ޒުވާނުންނަށް ފަހި ވަމުންދާ މިކަހަލަ ފުރުޞަތުތަކުގެ ސަބަބުން ވިޔަފާރީގެ މައި ތަނަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

"މި އިމާރާތުގައި ހުންނާނެ ފެކްޓްރީތައް، މި އިމާރާތް ވެގެންދާނީ އައިޓީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ތަނަކަށް. އެޕް އެއްޗިސް ހެދޭ ވަސީލަތްތައް މިތާ ގާއިމު ކުރެވޭނެ. މި ތަނުގެ ސަބަބުން ރާއްޖޭގެ މެދު އަދި ކުދި ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ސައީޑު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ޒަމީރު ވަނީ ހުޅުލޭ އެއާޕޯޓް ތަރައްގީވެގެން ދިޔުމާ އެކު އޭގެ ސަބަބަބުން އަންނާނެ ވިޔަފާރީގެ ފުރުޞަތުތަކުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އަލަށް ތަރައްގީ ކުރެވޭ އިމާރާތުގެ ސަބަބުން މާލޭ ސަރަހައްދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިމާރާތެއްގެ މަސައްކަތް ކުރިއަށްދާއިރު އިކޮނޮމިކް މިނިސްޓްރީން ދަނީ ޒުވާން ވިޔަފާރިތަކަށް ހާއްސަކޮށްގެން ލޯނު ވެސް ދޫކުރަމުންނެވެ.

comment ކޮމެންޓް