ޕާކިސްތާން ސަރުކާރާ ގުޅިގެން ރާއްޖޭގައި ގާއިމްކުރާ މެޑިކަލް ކޮލެޖުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެ ކޮލެޖުން ޑޮކްޓަރުން ތަމްރީން ކުރަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތްތައް މީޑިއާއާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގާއިމްކުރާ މެޑިކަލް ކޮލެޖް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަށުން އެތަނުގެ ތެރޭގައި ކަމަށެވެ.
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ގާއިމްކުރާ އެ ކޮލެޖުގެ މަސައްކަތް ފަށައިގަންނައިރު ފުރަތަމަ ތިން އަހަރު އެންމެ މަދުވެގެން 50 ދަރިވަރުންނަށް ޑޮކްޓަރުންކަން ކިޔެވުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުނގަޑުމެން ވިސްނާފައި ހުރީ ފުރަތަމަ ފަށައިގަންނައިރު ބޮޑު އިމާރާތެއް ނެތެއްކަމަކު ގައުމީ ޔުނިވާސިޓީގެ ތެރޭގައި ބައިތައް ގާއިމްކޮށްގެން ކިޔަވައިދޭ ގޮތަށް. ކިޔަވައިދިނުން ފަށައިގަންނައިރު އިމާރާތަށް ބޭނުންވާ އެހެން ބައެއް ވަސީލަތްތައް ފުޅާކޮށް ނުވަތަ އާ އިމާރާތެއް އަޅަން ޖެހޭނަމަ އެ އިމާރާތެއް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ގައުމީ ޔުނިވާސިޓީގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އެމްބީބީއެސް ޕްރޮގްރާމް ހިންގި ނަމަވެސް އެ ޕްރޮގްރާމް ވެގެންދާނީ ބޭރުގެ ޔުނިވާސިޓީތަކަށް ސްޕެޝަލައިޒްވާން ފުރުސަތު ލިބޭނެ ފެންވަރުގެ ކޯހަކަށް ކަމަށެވެ.
މެޑިކަލް ކޮލެޖުގެ ކަންކަން ހަލުވި ކުރުމަށް ކޮމެޓީއެއް
މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެޑިކަލް ކޮލެޖް ގާއިމްކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް ފަންނީ އިދާރާތައް ހިމެނޭގޮތަށް ސްޓިއަރިން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމެޓީގައި ހިމެނެނީ ގައުމީ ޔުނިވާސިޓީ، އައިޖީއެމްއެޗް، ހެލްތު މިނިސްޓްރީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، މޯލްޑިވް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެމްބަރުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ ކޮމެޓީގެ ލަފާގެ މަތިން އެންމެ ފުރަތަމަ ކުރަން ރާވާފައިވަނީ ކޯހުގެ ކަރިކިއުލަމްތައް އެކުލަވާލުމާއި ކުދިންގެ އިންޓޭކާއި ކޯހުގެ ސްޓްރަކްޗާގެ އިތުރުން ކުދިން ނަގާނެ މިންވަރާއި ލެކްޗަރާއިންގެ ފީ ކަނޑައެޅުން ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
އަމިއްލަ މެޑިކަލް ކޮލެޖެއް ރާއްޖެއަށް ބޭނުންވޭ
ރާއްޖޭގައި މެޑިކަލް ކޮލެއް ހެއްދެވުމާ ގުޅޭ ސާވޭ ހެއްދެވުމަށް މީގެ އަށްވަރަކަށް މަސް ކުރިން ރާއްޖެ ވަޑައިގަތް ޕާކިސްތާންގެ ފެންވަރު ރަނގަޅު މެޑިކަލް ކޮލެޖްތަކެއް ގާއިމް ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ޕްރޮފެސަރު ޓިޕޫ ސުޕްތާން ވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހެދުމާބެހޭ ސާވޭ ނިންމައި މިއަހަރުގެ މެދުތެރޭގައި ހުށަހަޅާފައިވާއިރު، އެ ސާވޭއިން ގާތްގަނޑަކަށް 200 ދިވެހި ދަރިވަރުން ދުނިޔޭގެ ހަތް ގައުމަކަށް ޑޮކްޓަރުން ކިޔަވަންދާކަން އެނގެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ، އެއީ ރާއްޖެއަށް އަމިއްލަ މެޑިކަލް ކޮލެޖެއް ގާއިމް ކުރަންޖެހޭ ކަމެއްކަން ދައްކައިދޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމް ކުރަން ބަލާއިރު އައިޖީއެމްއެޗް އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭގެ ފެންވަރު ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓިޕޫ ސުލްތާން ވިދާޅުވީ، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމަށް ބޭނުންވާ ފަންޑާއި ކޮލެޖް ހިންގާނެ ތަނެއް ލިބިފައިވާއިރު ކޮލެޖުގައި ކިޔަވައިދޭނީ ޕާކިސްތާނުގެ މާހިރުން ކަމަށެވެ.
މެޑިކަލް ކޮލެޖް ގާއިމް ކުރާނީ ޕާކިސްތާނުން ދިން ފައިސާގެ އެހީން
ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތަށް ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ވަނީ މިއަހަރުގެ ތެރޭގައި ދީފައެވެ.
މިނިސްޓަރު ވިދާޅުވީ، މެޑިކަލް ކޮލެޖް ފަށައިގަތުމަށް ޕާކިސްތާނުން ހަދިޔާކުރި ފަސް މިލިއަން އެމެރިކާ ޑޮލަރުން ވާނެ ކަމަށެވެ. އެގޮތުން ކޮލެޖެއް ގާއިމް ކުރުމަށް ހެދި ސާވޭގެ އިތުރުން އެ ފައިސާއިން ކޯސް ފަށައިގަތުމަށް ބޭނުންވާ ލެބޯޓްރީތަކާއި ޓެކްނިކަލް ސާމާނު ވެސް ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ، މެޑިކަލް ކޮލެޖް ފަށައިގަތުމަށްޓަކާ ޔުނިވާސިޓީގެ ވަސީލަތްތައް ތަރައްގީ ކުރަންޖެހެނީ ކިހާވަރަކަށްތޯ އަދި ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދަންޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ، މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަސައްކަތްތައް ކޮށް ނިންމާލެވޭނެ ކަމަށެވެ.