ދުނިޔޭގެ އެންމެ މަޤުބޫލު ސްޓްރީމިންގް ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސްއިން އުފައްދާ ފުރަތަމަ ޕާކިސްތާނު އޮރިޖިނަލް ސީރީޒް، "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވެއްޖެއެވެ.
ޕާކިސްތާނުގެ ފިލްމީ ދާއިރާގެ އެންމެ ވަރުގަދަ ތަރިން ހިމެނޭ ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ކުޅަދާނަ ފަންނާނުން ކަމަށްވާ ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު އަދި އަހަދު ރަޒާ މިރުއެވެ.
މި އަސަރުގަދަ ރޮމޭންޓިކް ޑްރާމާ އުފައްދައި ޕްރޮޑިއުސްކޮށްފައިވަނީ ޕާކިސްތާނުގެ މަޝްހޫރު ޕްރޮޑިއުސަރު މޮމީނާ ދުރައިދެވެ. މިއީ އެ ޤައުމުގެ އަދަބީ ދާއިރާގައި ފާހަގަކޮށްލެވޭ އުރުދޫ ވާހަކަލިޔުންތެރިޔާ ފަރުހަތު އިޝްތިއާގު ހަމަ މި ނަމުގައި ލިޔެފައިވާ މަޝްހޫރު ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އުފެއްދުމެކެވެ. ނެޓްފްލިކްސްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ޑިވިޜަނުން ކޮމިޝަންކޮށްގެން ގެނެސްދޭ މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ މޮމީނާ ދުރައިދު ފިލްމްސްއިންނެވެ.
މި ސީރީޒްގެ ޝައުޤުވެރިކަން އިތުރުކޮށްދޭ އަނެއް ސަބަބަކީ ޕާކިސްތާނުގެ އެންމެ މަޤުބޫލު ގިނަ ތަރިންތަކެއް މި އުފެއްދުމުގައި ހިމެނުމެވެ. އެގޮތުން މައިގަނޑު ތަރިންގެ އިތުރުން ހާނިއާ އާމިރު، ހަމްޒާ އަލީ އައްބާސީ، އިގްރާ އަޒީޒް، މާޔާ އަލީ، ބިލާލް އަޝްރަފް، ޚުޝްހާލް ޚާން، ނާދިއާ ޖަމީލް، އުމައިރު ރާނާ އަދި ސަމީނާ އަހުމަދު ފަދަ ތަޖުރިބާކާރު އަދި ހުނަރުވެރި އެކްޓަރުންގެ މޮޅު އެކްޓިންގް މި ސީރީޒުން ފެނިގެންދާނެއެވެ.
މަޤުބޫލު ޑްރާމާ ސިލްސިލާ "ހަމްސަފަރު"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާމި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ހާވަޑް ޔުނިވަސިޓީގައި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ސިކަންދަރު ނަމަކަށް ކިޔާ ޒުވާނެއްގެ ހަޔާތުގެ މައްޗަށެވެ. ދިރިއުޅުމުގައި ކުރިމަތިވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ސިކަންދަރުގެ މުޅި ހަޔާތް އެފުށްމިފުށަށް ޖެހި، ނަފްސާނީ ގޮތުން މީހުންނާ އެކަހެރިވެގެން އުޅެނިކޮށް، އިޓަލީވިލާތުން އޭނާއާ ބައްދަލުވަނީ އަމިއްލަ ދިރިއުޅުމުގައިވެސް ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަމުންދާ ހުނަރުވެރި ކުރެހުންތެރިއެއް ކަމަށްވާ ލީޒާއާއެވެ. ލޯތްބާއި، ވޭނާއި، އަދި އަމިއްލަ ނަފްސަށް އަންނަ ހެޔޮ ބަދަލުތައް ފުންކޮށް ދައްކުވައިދޭ މި ވާހަކައިގެ މައިގަނޑު ނާރެހަކީ މި ދެމީހުންގެ މެދުގައި އުފެދޭ ޖަޒުބާތީ ގުޅުމެވެ.
މި ސީރީޒްގެ އަސްލު ކަމަށްވާ "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" މި ވާހަކަ އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ 2009 ވަނަ އަހަރު "ޚަވާތީން ޑައިޖެސްޓް"ގައެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު ފޮތެއްގެ ސިފައިގައި ނެރުމާއެކު ގިނަ ބައެއްގެ މަޤުބޫލުކަން މި ވާހަކައަށް ލިބިގެންދިޔައެވެ. ވާހަކަލިޔުންތެރިޔާ ފަރުހަތު އިޝްތިއާގުގެ ގަލަމުން އުފެދުނު ކުރީގެ މަޝްހޫރު ވާހަކަތައް ކަމަށްވާ "ހަމްސަފަރު"، "ބިން ރޯއޭ" އަދި "ޔަގީން ކާ ސަފަރު" ފަދަ ވާހަކަތަކަށްވެސް މީގެ ކުރިން ވަނީ ޕާކިސްތާނުގައި ކާމިޔާބު ޓީވީ ޑްރާމާތައް އުފައްދައި، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ.
މި އުފެއްދުން އިތުރަށް ޚާއްސަވެގެންދާ އަނެއް ކަމަކީ، ޕާކިސްތާނުގެ ޓީވީ އަދި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ފަވާދު ޚާން އާއި މާހިރާ ޚާން އަލުން އެކުގައި ސްކްރީނުން ފެނިގެންދާނެތީއެވެ. މަޝްހޫރު ޑްރާމާ ސީރީޒް "ހަމްސަފަރު"އިން ބެލުންތެރިންގެ ހިތްތައް ފަތަޙަކުރި މި ދެ ތަރިން ވަނީ ޕާކިސްތާނުގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" ގައިވެސް އެކުގައި ފެނިގެންގޮސްފައެވެ.