ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާ އައު ސަފީރަކަށް، އެ ގައުމުގެ ކަނޑުގެ ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވައި ރިޓަޔާކުރައްވާފައިވާ ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ހަމަޖައްސަވައިފިއެވެ.
މިއީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ވިދިވިދިގެން ނޭވީގެ ރިޓަޔަޑް ވައިސް އެޑްމިރަލެއް ހަމަޖެއްސި ދެވަނަ ފަހަރެވެ. މި މަގާމުގައި ކުރިން ހުންނެވި ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީއަކީ ވެސް ޕާކިސްތާނުގެ ނޭވީގައި 1982 އިން ފެށިގެން ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ވައިސް ޗީފް އޮފް ނޭވަލް ސްޓާފް އަދި ޑިފެންސް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ފަދަ މަތީ މަގާމުތައް ފުރުއްވުމަށްފަހު، އަސްކަރީ ޝަރަފުވެރި މެޑަލް (ހިލާލް-އި-އިމްތިޔާޒް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖޭގެ ހައިކޮމިޝަނަރުކަމާ ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2024 ގައެވެ. އަދި މިދިޔަ ހަފުތާގައިވަނީ މަގާމު އަދައިކުރެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރާތެއް ކުރައްވައިފައެވެ.
އައު ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު" ގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ.
https://x.com/PresOfPakistan/status/2123457775280046361
ޕާކިސްތާނުގެ ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޒަރްދާރީ ވަނީ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ދަށުން، ވިޔަފާރިއާއި، ތައުލީމާއި، ސިއްޙަތު އަދި ދިފާއީ ދާއިރާއިން އަމަލީ ނަތީޖާތަކެއް ނެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް ޒަރްދާރީ އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާކުރުމަށާއި، ދިފާއީ ދާއިރާއިން ސޮއިކުރެވުނު ތިން އެއްބަސްވުމުގެ ދަށުން އުފެއްދުމަށް ނިންމާފައިވާ "ޖޮއިންޓް ވޯކިން ގްރޫޕް އޮން ޑިފެންސް އެންޑް ސެކިއުރިޓީ ކޯޕަރޭޝަން" ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ވެސް ރައީސް ބާރުއެޅުއްވިއެވެ. އަދި ޕާކިސްތާނުން ދޭ ސްކޮލަޝިޕްތަކުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް އިތުރަށް ފަހިކޮށްދިނުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އައު ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ވަނީ ރައީސް ޒަރްދާރީގެ އިރުޝާދުތަކަށް ޝުކުރު އަދާކުރައްވައި، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، ދެ ގައުމުގެ މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.