އޮމާން އަތުން ލިބުނު ދެވަނަ ބައްޔާއެކު، ކޮލިފައިވުމުގެ އަމިއްލަ ބާރު ރާއްޖެއަށް ގެއްލިއްޖެ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާން އަތުން ލިބުނު ދެވަނަ ބައްޔާއެކު ރާއްޖެއަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އޮމާން އަތުން ރާއްޖެ ބަލިވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން މިދިޔަ މަހުގެ ކުރީކޮޅު އޮމާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮލިފައިންގެ 'ގްރޫޕް ޑީ'ގައި ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އޮމާނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ އެއްވަނާގައި އޮތް ފަލަސްތީނަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ބޫޓާނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗަށް ރާއްޖޭގެ ޓީމުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފެނިފައެއް ނުވެއެވެ. މެޗުގައި ދަގަނޑޭ ބޭނުންކޮށްފައި ނުވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މެޗުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ރާއްޖެއަށެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އޮމާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ އަމާޒުވީ އޮމާންގެ ތަޖުރިބާކާރު ކީޕަރު އަލީ އަލް ހަބްސީގެ އަތަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮމާނުން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން އޮމާންގެ ފުރަތަމަ ލަނޑު ޚާލިދު ޚަލީފާ އަލް ހަޖްރީ ކާމިޔާބުކޮށްދިންއިރު، އޭގެ މާގިނައިރުތަކެއް ނުވަނީސް ޕެނަލްޓީ އޭރިޔާ ތެރެއިން ރާއްޖޭގެ ޑިފެންޑަރުން ބޯޅަ ދިފާއުނުކުރެވުމުން އޭގެ ފައިދާ ނަގައި އޮމާނުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ރާއްޖޭން ލަނޑުޖަހާ އޮމާނުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކުރީ މެޗުގެ 23 ވަނަ މިނެޓުގައެވެ. އޮމާނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އޮމާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ހަމަޖެހިލާފައި ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން އޮމާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ރާއްޖެއަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޮމާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އޮމާންގެ ތަޖުރިބާކާރު ގޯލްކީޕަރު އަލް ހަބްސީއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އޮމާންގެ ގޯލްކީޕަރު އަދި ކެޕްޓަންކަމުގެ ދައުރު އަދާކުރި އަލީ އަލް ހަބްސީ: އޭނާއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިން ބޮލްޓަން އަދި ވިގަންގެ ގޯލު ބެލެހެއްޓި ކީޕަރެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮމާނުގެ ތިންވަނަ ލަނޑު ޖަހައި، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް އަލުން ލީޑު ފުޅާކޮށްދިނީ އަހްމަދު މުބާރަކްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނަރެއްގެ ތެރެއިން އޮމާންގެ ކުޅުންތެރިއެއް ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ލިބުނު ރީބައުންސް ބޯޅައަކުންނެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުބާރަކަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަސްވަނަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ގްރޫޕްގެ އެންމެ ކުރީގައި އޮތް ފަލަސްތީނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ފައިސަލް އަލް ހުސޭނީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް