އަހަރުގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާއަށް ފީފާއިން ދޭ ޕުސްކަސް އެވޯޑަށް އާސެނަލްގެ އޮލިވިއާ ޖިރޫގެ ހިތްގައިމު ގޯލު ހިމެނިއްޖެއެވެ.
ޕުސްކަސް އެވޯޑަށް ނޮމިނޭޓް ވެފައި ވަނީ މިދިޔަ ޖެނުއަރީ މަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ޖިރޫ ކާމިޔާބުކުރި 'ސްކޯޕިއަން ކިކް' ގޯލެވެ. ދިހަ ގޯލުގެ ތެރެއިން ސަޕޯޓަރުން އެންމެ ގިނަ ވޯޓު ލިބިފައިވާ ތިން ގޯލުގެ ތެރޭގައި އެ ގޯލު ވަނީ ހިމެނިފައެވެ.
ޖެނުއަރީ މަހު ޖިރޫ ޖެހި ގޯލު ޕުސްކަސް އެވޯޑުގެ ގަދަ ތިނަކަށް ހޮވުނު ނަމަވެސް، އިނގިރޭސި ވިލާތުގައި އޭނާގެ ގޯލު މާ ބޮޑަށް ބަލައިގަނެފައެއް ނުވެއެވެ. އިނގިރޭސި ވިލާތުގައި ޖެނުއަރީ މަހުގެ އެންމެ ރީތި ގޯލުގެ އެވޯޑު ލިބިފައި ވަނީ ވެސްޓް ހާމްގެ އެންޑީ ކެރޯލްއަށެވެ.
ޖިރޫގެ އިތުރުން ދެން އެ އެވޯޑަށް ނޮމިނޭޓް ވެފައި ވަނީ ވެނެޒުއޭލާގެ ޑޭނާ ކަސްޓެލާނޮސް އަދި ސައުތު އެފްރިކާގެ ބަރޮކާގެ ގޯލްކީޕަރު އޮސްކަރިން މަސުލޫކްއެވެ.
ޑޭނާ ކަސްޓެލާނޮސްގެ ގޯލަކީ އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑަ ކަޕް މެޗެއްގެ އިތުރު ވަގުތުގައި ދަނޑުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ކީޕަރު މަސުލޫކްގެ ގޯލަކީ މެޗެއްގެ ފަހު ވަގުތު އޯވަހެޑް ކިކަކުން ކާމިޔާބުކުރި ގޯލެކެވެ.
ޕުސްކަސް އެވޯޑަށް ވޯޓު ދިނުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އެ ދުވަހު ލަންޑަންގައި ބާއްވާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ރަސްމިއްޔާތުގައެވެ.
ކުރިން ޕުސްކަސް އެވޯޑް ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ، ހަމޭސް ރޮޑްރިގޭޒް އަދި ޒްލަޓަން އިބްރަހިމޮވިޗް ހިމެނެއެވެ.