ބެލޮންޑިއޯގެ ފުރަތަމަ ލިސްޓުގައި ނޭމާ، ގްރީޒްމަން އަދި ސުއަރޭޒް ހިމެނިއްޖެ

ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ 20 ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ނޭމާ(ކ) އާއި ސުއަރޭޒް(ވ) ---

ފުޓްބޯޅައަށް ހާއްސަ މެގަޒިން 'ފްރާންސް ފުޓްބޯލް' އިން ހޮވާ ބެލޮންޑިއޯ އެވޯޑުގެ 30 ކުޅުންތެރިންގެ ލިސްޓުގައި ނޭމާ އާއި އެންޓޮއިން ގްރީޒްމަން އަދި ލުއިސް ސުއަރޭޒް ހިމެނިއްޖެ އެވެ.

އެ ލިސްޓުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރެއިން ފުރަތަމަ އިއުލާން ކޮށްފައި ވަނީ 20 ކުޅުންތެރިންގެ ލިސްޓެވެ. މިރޭގެ ވަގުތެއްގައި އެ ލިސްޓުގައި ހިމެނޭނެ ފަހު ދިހަ ކުޅުންތެރިންގެ ނަން އިއުލާން ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެވޯޑަށް ވާދަކުރާ ލިސްޓުގައި މޮނާކޯގެ ފޯވަޑް ރަޑަމެލް ފަލްކާއޯއާއި ލިވަޕޫލްގެ ތަރި ސާޑިއޯ މާނޭ އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ވެސް ހިމެނެއެވެ.

ލިސްޓުގައި ހިމެނުނު ނޭމާ ވަނީ ނިމިގެންދިޔަ އަހަރު ބާސެލޯނާ އަދި ބްރެޒިލް ގައުމީ ޓީމާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. ނޭމާއާއެކު ހިމެނޭ ސުއަރޭޒްއަކީ ވެސް މިދިޔަ ސީޒަނުގައި ބާސާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް 37 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ގްރީންޒަމަނަކީ މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ތިންވަނަ ހޯދި ކުޅުންތެރިޔާއެވެ. އޭނާ ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި، އެތުލެޓިކޯ މެޑްރިޑަށް 26 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

ރެއާލްގެ ޖަރުމަން މިޑްފީލްޑަރު ކްރޫސްއަށް ބަލައިލާއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ލަލީގާ އަދި ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކޮށްދިނުމަށް ކޯޗު ޒައިނުއްދީން ޒިދާނަށް ބޮޑު އެހީތެރިކަމެއް ފޯރުކޯށްދީފައިވެއެވެ. ކްރޫސްއާއެކު ފުރަތަމަ ލިސްޓުގައި ހިމެނުނު ރެއާލްގެ ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ރާމޯސްއާއި ލޫކާ މޮޑްރިޗް އަދި މާސެލޯ ވެސް ހިމެނެއެވެ.

އެވޯޑަށް ނޮމިނޭޓްވި ޔުވެންޓަސްގެ ޒުވާން ތަރި ޕައުލޯ ޑިބާލާއާއި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއަށް ވެސް މިދިޔަ ސީޒަނަކީ ގޯސް ސީޒަނެއް ނޫނެވެ. ޔުވެންޓަސްއަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީ، ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނުމުގައި ޑިބާލާ އަދި ބުފޮންގެ ދައުރު ފާހަގަކޮށްލެވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ލިސްޓުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއާއި ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ފާހަގަކޮށްލެވެއެވެ.

މިރޭ ނެރޭ ފައިނަލް ލިސްޓުގައި ފަސްވަނަ ފަހަރަށް ބެލޮންޑިއޯ ހޯދުމާ ގާތުގައި އުޅޭ ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވެސް ހިމެނޭނެ ބެލެވެއެވެ.

ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވިފުރަތަމަ 20 ކުޅުންތެރިންގެ ލިސްޓު:

  • ނޭމާ – ޕީއެސްޖީ އަދި ބްރެޒިލް
  • ލޫކާ މޮޑްރިޗް – ރެއާލް މެޑްރިޑް އަދި ކްރޮއޭޝިއާ
  • ޕައުލޯ ޑިބާލާ – ޔުވެންޓަސް އަދި އާޖެންޓީނާ
  • މާސެލޯ – ރެއާލް މެޑްރިޑް އަދި ބްރެޒިލް
  • އެންގޯލޯ ކަންޓޭ – ޗެލްސީ އަދި ފްރާންސް
  • ލުއިސް ސުއަރޭޒް – ބާސެލޯނާ އަދި އުރުގުއާއީ
  • ސާޖިއޯ ރާމޯސް – ރެއާލް މެޑްރިޑް އަދި ސްޕެއިން
  • ޔޭން އޮބްލަކް – އެތުލެޓިކޯ މެޑްރިޑް އަދި ސްލޮވޭނިއާ
  • ފިލިޕް ކުޓީނިއޯ – ލިވަޕޫލް އަދި ބްރެޒިލް
  • ޑްރައިސް މާޓެންސް – ނަޕޯލީ އަދި ބެލްޖިއަމް
  • ކެވިން ޑި ބްރޭނާ – މެންޗެސްޓާ ސިޓީ އަދި ބެލްޖިއަމް
  • ރޮބާޓް ލެވަންޑޯސްކީ – ބަޔާން މިއުނިކް އަދި ޕޮލެންޑް
  • ޑޭވިޑް ޑެ ހެއާ – މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕެއިން
  • ހެރީ ކޭން – ޓޮޓެންހަމް ހޮޓްސްޕާ އަދި އިންގްލެންޑް
  • އެޑިން ޖެކޯ – ރޯމާ އަދި ބޮސްނިއާ-ހެޒެގޮވީނާ
  • އެންޓޮއިން ގްރީޒްމަން – އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސް
  • ޖިއާންލުއިޖީ ބުފޮން – ޔުވެންޓަސް އަދި އިޓަލީ
  • ރަޑަމެލް ފަލްކާއޯ – މޮނާކޯ އަދި ކޮލަމްބިއާ
  • ސާޑިއޯ މާނޭ – ލިވަޕޫލް އަދި ސެނަގާލް
  • ޓޯނީ ކްރޫސް – ރެއާލް މެޑްރިޑް އަދި ޖަރުމަން
comment ކޮމެންޓް