އިދިކޮޅު މެންބަރުންގެ އިހްތިޖާޖު ކުރަމުން ދަނިކޮށް ކޮމެޓީގެ ނިންމުން ފާސްކޮށްފި

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރައްވަނީ --- ފޮޓޯ: އަހުމަދު ނިހާން

ޗުއްޓީއަށް ފަހު ބޭއްވި ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރަމުން ދަނިކޮށް އާންމު ކޮމެޓީން ހުށަހެޅި ހުށަހެޅުން ފާސްކޮށް މަޖިލިސް ނިންމާލައިފި އެވެ.

މިއަދުގެ ޖަލްސާގައި އޮތީ މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިޞްލާޙުކުރުމަށް ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ވޯޓަށް އެހުމެވެ.

'ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ގާއިމްކުރުން' އެ މާއްދާ އަށް ކޮމެޓީން ވަނީ ތިން އަކުރު އިތުރުކޮށްފަ އެވެ. އެއީ؛

(ށ) ރައްޔިތުންގެ މަޖިލީހުން ގުޅުން ގާއިމްކުރާ ފާލިމެންޓްރީ ފެރެންޑްޝިޕް ފްރޫޕްތަކަށް މެންބަރުން ކަނޑައެޅުމުގައި ކޮންމެ ގްރޫޕެއްގައި ހިމެނޭނީ އެ ގްރޫޕެއްގައި ހިމެނުމަށް އެދި ހުށަހަޅާ މެންބަރުންގެ ތެރެއިން ގިނަވެގެން 15 މެންބަރުންނެވެ. އެ ގްރޫޕެއްގައި ހިމެނުމަށް އެދި ހުށަހަޅާ މެންބަރުންގެ އަދަދު 15 އަށް ވުރެ އިތުރުވާ ނަމަ މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތްވެފައިވާ ގޮތް ހަމައެއްކަމުގައި ބަލައި، މެންބަރުން ކަނޑައަޅާނީ އެ ގްރޫޕެއްގައި އެ ހަމަ ތަމްސީލްވާ ގޮތެއްގެ މަތިންނެވެ.

(ނ) ފްރެންޑްޝިޕް ގްރޫޕެއް އުފައްދަން ބޭނުންވާ ކޮންމެ ފަހަރަކު އެކަން ލިޔުމުން ނުވަތަ އެސްއެމްއެސްއަކުން މެންބަރުންނަށް އަންގަން ވާނެ އެވެ. އަދި މެންބަރުންނަށް އެކަން އެންގުމުން ފްރެންޑްޝިޕް ގްރޫޕްގައި ބައިވެރިވާން އެދޭ މެންބަރުން އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ އެވެ.

(ރ) ކޮންމެ ފްރެންޑްޝިޕް ގްރޫޕަކުން ވެސް، އެ ފްރެންޑްޝިޕް ގްރޫޕެއްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައާއި ފްރެންޑްޝިޕް ގްރޫޕް ހިންގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅިދާނެ އެވެ.

ޖުމްލަ 55 މެންބަރުން ބައިވެރިވެވަވަޑައިގަތް އެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގަތް 28 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރިޔާސަތާ ކައިރި ނުވެވޭ ގޮތަށް ހަދާފައިވާ ފަސް ވަރަކަށް ފޫޓް އުސްމިނުގައި ލަކުޑި ފެންސުގެ ފަހަތުގައި ތިބެ އިދިކޮޅު މެންބަރުން ދިޔައީ މަސީހު ފޭބުމަށް ގޮވާލައި އިހްތިޖާޖް ކުރަމުންނެވެ.

ނަމަވެސް އިދިކޮޅު މެންބަރުންގެ އިޖްތިޖާޖާ އެކު ވެސް ވޯޓު ނެންގެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލިސް ނިންމާލަނީ އެޖެންޑާކޮށްފައިވާ ކަންތައް ނިންމާލުމަށްފަހުގައި ކަމަށެވެ.

މިއަދުގެ ޖަލްސާ ނިންމާލި އިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ރިސާސަތުން އިއުލާންކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް