ދުވަސްތަކަކަށް ފަހު އަނެއްކާވެސް މި ވަނީ، ދިވެހި ފިލްމީ ދާއިރާގައި ވާދަވެރިކަން ބޮޑުވެފައެވެ. ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ވާދަވެރިކަން ބޮޑުވެފައެވެ. ޚާއްސަކޮށް، ގިނަ ފިލްމުތަކެއް އުފައްދައި، ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ދެ ފަންނާނުން ކަމަށްވާ، އަބްދުލް ފައްތާހުއާއި ފާތިމަތު ނަހްލާގެ "ކޯޅުމުގެ ވާހަކަ" މިހާރު ވަރަށް ގަދަވެއްޖެ އެވެ.
ކާމިޔާބު ދެ ޕްރޮޑިއުސަރުން، އަދި ތަޖުރިބާކާރު މި ދެ ޑައިރެކްޓަރުންގެ ވާހަކަ މިހާހިސާބަށް އައީ ހަމަކުއްލިއަކަށް ހުރެފައެވެ. އެއީ ފަހަރެއްގައި މި އަހަރު ތެރޭ މި ދެ ފަންނާނުންގެ ބުރަ މަސައްކަތުން ތައްޔާރުކުރި ދެ ފިލްމު، "ހައްދު" އަދި "ބޮސް"ގެ ވާދަވެރި ކަމަށް ވުންވެސް އެކަށީގެންވެއެވެ. ނޫނީ އޭގެ ކުރީން ފެށިގެން ވެސް ރޯވަމުން އައި ހުޅުކޮޅަކަށް ވުން އެކަށީގެންވެއެވެ. ވާ ގޮތެއް އޮޅުންފިލުވާލެވޭތޯ ބަލައިލީމެވެ.
ފިލްމީ ދާއިރާގައި މިހާރު ހިނގަމުން މިދާ ކަންތައްތަކާ ގުޅިގެން ނަހޫ މިވަނީ، ސަން އެންޓަޓެއިންމަންޓަށް ޚާއްސަ އިންޓަވިއުއެއް ދީފައެވެ. އޭނާ ބުނި ގޮތުގައި، ފައްތާހާ ދެމެދު މި ފެށުނު ކޯޅުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ.
"މިވާހަކަތައް މި ހާހިސާބަށް ގޮސް، މީހެއްގެ ހަށިގަނޑުގައި ހުޅުފަޅައިގެން ގޮސްފައިވާކަން އެނގުނީ މީހަކު ވައިބަރއިން ފޮނުވި ލިންކަކުން،" ނަހޫ ބުންޏެވެ.
އޭނާ ބުނީ، އޭގެ ކުރީދުވަހު މީހަކު ގުޅާފައި "ވަރުގަދަ ބޮމެއް އަޅާނޭ ކަމުގެ އިންޒާރު ދިނުމުންވެސް އެކަން ނެގީ މަޖަލެއްގެ ގޮތުގައި" ކަމަށެވެ. އަދި އެކަމަށް މާކަބޮޑު ސަމާލުކަމެއް ނުދިނީ އޭނާ ހުރީ ހަނގުރާމައަކަށް ތައްޔާރުވެގެން ނޫންކަމަށް ވާތީ ކަމަށް ވެސް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބުންޏެވެ.
ނަހުލާ ބުނި ގޮތުގައި އޭނާއަށް ރަހްމަތްތެރިޔާ ފޮނުވި ލިންކު ހުޅުވާލިއިރު އޭގައި ބުނެފައި ވަނީ، ފައްތާހު ނަހުލާއަށް ރައްދުދީ ބުނެފައިވާ ވާހަކަތަކެކެވެ. އަނެއްހެން ބުނާނަމަ، ނަހުލާ ބަހެއްވެސް ނުބުނެ ހުއްޓައި، ފައްތާހު ނަހުލާއަށް ރައްދުދީފައިވާ ބަސްތަކެކެވެ.
"މި ވާހަކަތައް ކިޔާލުމުން ފުރަތަމަ ވަރަށް ހައިރާންވި. އަދި 'ވައި ދިސް' އޭ ހިތަށް އަރާ ސުވާލު އުފެދުނު،" ދިވެހި ފިލްމު އިންޑަސްޓްރީގެ މަގްބޫލް އުފެއްދުންތައް ކަމަށްވާ "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ ފިލްމުތަކުން ދިވެހި އޯޑިއަންސްގެ ލޯބި ހޯދި ނަހޫ ބުންޏެވެ.
"ދެން ބާރަށް ހީގަނެވުނީ ބައެއް މީހުންގެ 'ގަޅިކަން' ހިތަށް އަރާފައި. ހަމަ އެއާއެކު އޭނައާ ދޭތެރޭގައި ހަމްދަރުދީވެސް ވެވުނު."
ދިވެހީންގެ ތެރޭގައި މަގުބޫލު އެތަކެއް ވާހަކަތަކެއްވެސް ލިޔެފައިވާ، ކުޅަދާނަ ހުށަހެޅުން ތެރިޔާ ބުނީ، އެ އާޓިކަލެއް ނޫހަކުން ފެނުމުގެ ކުރީން ފައްތާހުއާ ނަހުލާއާ ދެމެދު އެއްވެސް މައްސަލައެއް އޮތްކަމެއް ނޭނގޭ ކަަމަށެވެ. އަދި ފައްތާހަކީ އަބަދުވެސް އޭނާއަށް ތައުރީފް ކުރާ މީހެއް ކަމަށެވެ. އެގޮތުން ފިލްމީ ދާއިރާގެ އާންމު އުސޫލެއްގެ ގޮތުން، ސްކްރީން ކުރަމުން އަންނަ ފިލްމުގައި، ކުރިއަށް އަންނަން ހުރި ފިލްމުތަކުގެ އިސްތިހާރު ދައްކައި ދޭއިރު، "ފައްތާހުގެ ރެކޯޑް ބްރޭކިން މޫވީ"ގައި ނަހުލާގެ "ބޮސް"ގެ އިސްތިހާރު ވެސް ދައްކައިފައިވާ ކަމަށެވެ. އެކަމަށްޓަކައި ނަހޫ ވަނީ ދާދި މިދާކަަށް ދުވަހު، ފޭސްބުކްގައި ފައްތާހަށް ޝުކުރުވެސް އަދާކޮށްފައެވެ.
"ފައްތާހުގެ 'ރެކޯޑް ބްރޭކިން މޫވީއަށް އެއްވެސް ރެކޯޑެއް ބްރޭކް ނުކުރެވި ނިމިގެންދިޔަ ހިސާބުން، ދެން ހުރިހާ ނަފްރަތެއް މި އަމާޒުކުރީ 'ބޮސް'އަށް،" ނަހޫ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފައްތާހު ބުނަނީ ކީކޭހެއްޔެވެ. ސަން އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ފައްތާހު ބުނީ، އެއްވެސް ހާލެއްގައި އޭނާ މީހަކާ ވާދަނުކުރާ ކަމަށެވެ. އަދި ޚާއްސަކޮށް ނަހުލާއާ ފައްތާހާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ނޫނޭ ނޫނޭ، ނަހުލާއާ ފައްތާހާ ދެމެދު ހަމަ އެއްވެސް މައްސަލައެއް ނެތް. އޭގެ މިސާލެއް ދޯ ފައްތާހުގެ ފިލްމު ތެރޭގައި ބޮސްގެ އިސްތިހާރު ގެނެސްދެނީ ވެސް. އަޅުގަނޑުގެ ފިލްމުގެ ކޮންމެ އިސްތިހާރެއްގަ އިންނާނެ ބޮސް އިސްތިހާރުކޮށްފައި،" ގިނަބައެއްގެ ތެރޭގައި މަގްބޫލު ޑައިރެކްޓަރު ބުންޏެވެ.
"އަޅުގަނޑު ބޭނުން، ބޮސްއަކީ ކާމިޔާބު ފިލްމަކަށް ވާން. އަޅުގަނޑު އެދޭ ކަމެއް އެއީ. އެކަމަކު އަޅުގަނޑު މި ބުނަނީ އެހެން ވާހަކައެއް. އަޅުގަނޑު މި ބުނަނީ، ހައްދާ އެއްވަރަށް ގެންދާކަމަށް ވާނަމަ، އެ ހިތްވަރު ނަގައިގެން ކުރިއަށްދާން މަސައްކަތް ކުރާން ޖެހޭނޭ. އެ އޮޅުވާނުލާތި. މަސައްކަތްކޮށްގެންނޭ ކުރިއަށް ދާނީ. އެބަ ޖެހެއޭ ވަރަށް މަސައްކަތްކުރާން. ހައްދު މި އޮތީ ވަރަށް ކުރީގައޭ. އެހެން އަޅުގަނޑު ބުނީ."
މަޝްހޫރު ޑައިރެކްޓަރު މުޙައްމަދު ނިޔާޒް (ޓެޑްރީ)ގެ "އަމާނާތް" އިން 12 ގައުމީ އެވޯޑާ އެކު ހަދާފައިވާ ރެކޯޑާ އެއްވަރަށް، އަހްމަދު ނިމާލް ޑައިރެކްޓްކުރި ފިލްމު "ވާ ލޯބި އެނގޭ ނަމަ" އިން އެވޯޑް ހޯދާފައިވާ ޕްރޮޑިއުސަރު ފައްތާހު ބުނީ، އޭނާ އެއްވެސް ގޮތަކަށް، ނަހުލާއަށް ޒާތީ ގޮތުން، ރައްދުދީ ހަދާފައި ނުވާނޭ ކަމަށެވެ. އަދި އެފަދަކަމެއް ނުވެސް ކުރާނޭ ކަމަށެވެ.
"ތިޔައީ މީޑިއާގެ މައްސަލައެއް. ލިޔުންތެރިޔާ ނާގާނެ މާނައެއް ނެގިދާނެ... އަޅުގަނޑު މީހެއްގެ ފިލްމެއްގެ ވާހަކަ ދައްކާކަށް ނެތީން. އެކަމަކު އަޅުގަނޑު އަބަދުވެސް އެދެން ކޮންމެ މީހަކުވެސް ކުރާ މަސައްކަތް ކާމިޔާބުވާން. އެކަމަކު އެ ކާމިޔާބު ވާނީ ފިސާރި މަސައްކަތްކޮށްގެން މިޒަމާނުގަ. މީގެ ކުރީން އެބަހުރި މަސައްކަތް ނުކޮށްވެސް ކާމިޔާބުވެފަ. އެކަމަކު މިވާރު ޖެހޭނެ ވަރަށް މަސައްކަތް ކުރާން. އެހެން ނޫނީ ވަރަށް އުނދަގޫވާނެ."
ނަހުލާ ބުނެފައިވާ ގޮތުގައި، އޭނާއަށް ރައްދުދިނުމުގެ ގޮތުން ފައްތާހު ވަނީ، "ނަހުލާގެ ފިލްމުގައި އޮންނަނީ ހަމައެކަނި އިމޯޝަންސް ކަމަށް. ރީތި ފިރިހެން ސޮރަކު ނެތްކަމަށް" ބުނެފައި ކަމަށެވެ. އަދި "މި ދެންނެވި އާޓިކަލަކީ ގަރުނުގެ ބޮޑު ޖޯކުގެ ގޮތުގައި ބަޔަކު ދަނީ ސިފަކުރަމުން،" ކަމަށެވެ.
އެހެން ނަމަވެސް ހައްދުގައި ޝިބާންއާ އެކު ލީޑު ކުޅުނު އައްޒަ، 'ބޮސް'ގެ ޓްރެއިލާ ލޯންޗިންގައި ވަނީ، ބޮސްގެ ލީޑު ރޯލުން ފެނިގެންދާ މުޙައްމަދު ޔުނާން އަކީ ދެ ވަނަ ޔޫއްޕެ ކަމަށް ބުނެފައެވެ.
"އަހަރެންނަކީ ދުވަހަކުވެސް ފައްތާހާ ކޮމްޕެޓިޝަނަކަށް ނުކުންނަން ޖެހޭ މީހެއްކަމަށް ގަބޫލެއް ނުކުރަން. އެހެންކަމުން އޭނަ އަމިއްލައަށް އެ ދައްކާ ވާހަކަތައް ވަނީ ވަރަށް މަޖާ ކަމަކަށް،" ހިނި އައިސްފައިހުރެ ނަހުލާ ބުންޏެވެ.
"އަހަރެން އަދިވެސް މި މުގުރަން ޖެހެނީ އަހަރެންގެ އަމިއްލަ ރެކޯޑް. އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ވެސް މުގުރޭތޯ ބަލަން މި ޖެހެނީ އަހަރެންގެ އަމިއްލަ ރެކޯޑު. މީ އެންމެން ދަންނަ ވާހަކައެއް."
ނަހުލާ ބުނީ އޭނާ އެއްވެސް މީހެއްގެ ޕްރޮޑަކްޝަނަށް އެއްވެސް އިރެއްގައި ފާޑު ނުކިޔާ ކަމަށެވެ. "އަހަރެންނަކީ އެއްވެސް މީހެއްގެ ޕްރޮޑަކްޝަން އަށް ފާޑުކިޔައި، މީހެއްގެ ފިލްމެއް ވައްޓާލަން މަސައްކަތްކުރާ މީހަކަށް ނުވާތީ 'ހައްދު'އާ ބެހޭގޮތުން ހައްޕު" ކަމަށް ވެސް ނަހުލާ ބުންޏެވެ.
މިވާހަކަ ހަމައެކަނި ފައްތާހާ ނަހުލާއާ ހިސާބުން ނިމުނީކީ ނޫނެވެ. ސޯޝަލް މީޑިއާގައިވެސް މި ވާހަކަ ވަރަށް ފޯރިއާއެކު ދެކެވެމުން އެބަ ދެއެވެ. ދާއިރާގައި އަރަމުން އަންނަ އެހެން ޑައިރެކްޓަރުންވެސް މިވާހަކަ ދައްކަން ފަށައިފިއެވެ. އެގޮތުން، ދާއިރާގެ އިސް މީހަކަށްވެ ހުރެ، ފައްތާހުގެ މި އަމަލު ކުށްވެރިކޮށް، މިފަދަ ކަންކަންކަމާ ހިތާމަކުރާކަމަށް ބުނެ، "ބޮސް"ގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ލިޔެފައެވެ. ރިޝްމީގެ އެފްބީ ޕޯސްޓު، ފައްތާހު ސިފަކުރީ "އެއީ ބޮސްގެ ޕްރޮމޯޝަނަލް ޕޯސްޓެއް"ގެ ގޮތުގައެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ނަހުލާ އާއި ފައްތާހަކީ މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ބޮޑު ދެ ވާދަވެރީންނެވެ. އެހެން ނަމަވެސް، އެކަކުވެސް އެފަދަ ވާދަވެރިކަމެއް އޮތްކަމަށް އެއްބަހެއް ނުވެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާތަނަށް، ރާއްޖޭގެ ފިލްމުއިންޑަސްޓްރީގައި އެންމެ ބޮޑު އޯޑިއަންސެއް ގެންގުޅެނީ ނަހުލާ ކަމަށް ވާއިރު، އޭނާ އެންމެ ފަހުން ހެދި "4426"ގެ ވެސް ވަނީ، އޮލިމްޕަސް ތިއޭޓަރުގައި ޖުމުލަ 32 ޝޯ ދައްކައިފައެވެ. ހަމަ އެކަނި އޮލިމްޕަހުގައި ވެސް 14،000 މީހުން، "4426" ބަލާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނަހުލާގެ "ޔޫސުފް"ގެ 50 ޝޯ ދައްކާފައިވެއެވެ.
ނަހުލާ ބުނީ، އޭނާގެ އޯޑިއަންސް ނޫން ބަޔަކު ހައްދު ބެލިކަމުގައި ވާނަމަ، އެ ބަޔަކުވެސް "ބޮސް" ބަލާނޭ ކަމަށެވެ. ބޭނުމަކީ އުންމީދުކުރިވަރުގެ ފިލްމެއް ބަލާލުން ކަމަށް އޭނާ ބުންޏެވެ.
"ޓިކެޓް ގަނެގެން ވަދެ ފައްތާހުވެސް ފިލްމް ބަލާނޭ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ހިތެއް އޮތިއްޔާ ފައްތާހުވެސް ނުކުންނާނީ، ރޮއިލާފަ،" ނަހޫ ބުންޏެވެ.
ފައްތާހުއާއި ނަހުލާގެ ވާހަކަތަކުން އެނގޭ ގޮތުގައި، ދެމީހުން އެކަކު އަނެކަކަށް ވާދަވެރިކަމެއް އޮތްކަމަށް އެއްބަސް ނުވި ނަމަވެސް މިވަނީ ހަމަ ހަގީގަތުގައިވެސް ވާދަވެރިކަމެއް އުފެދިފައެވެ. އަދި ދެ މީހުންގެ "ތަޅާލުންގަނޑު" މި ވަނީ ހަމަ ރަނގަޅަށް ފެށިފައެވެ.
ބެލުންތެރީންނަށް މިހާރު އޮތީ، "ވަށައިގެން އަޑުއިވޭ، ސްޓީރިއޯ ސައުންޑް 5.1 ސައުންޑާއެކު" ބެންޗުމާކެއްގެ ގޮތުގައި ފައްތާހު ސިފަކުރާ، މިހާރު ސިނަމާތަކުގައި ފޯރިނަގަމުންދާ "ހައްދު" އާއި، މި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލްޓްރާ ހައި ޑެފިނިޝަން، "5K" ކޮލިޓީގައި ތައްޔާރުކޮށްފައިވާ، ނަހުލާގެ "ބޮސް"އާ އަޅައިކިޔުމަށް އިންތިޒާރުކޮށްލުމެވެ.