ޕީކޭއަށް ކުރިމަތިވާ ކަންތައްތަކަށް ހައްލެއް ހޯދަން އުނދަގޫވާނެ: ބުސްކެޓްސް

ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ޖެރާޑް ޕީކޭ ބައިވެރިވަނީ: އޭނާއަށް ވަނީ ގައުމީ ޓީމުގެ ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި --- ފޮޓޯ/ އޭޕީ

ޖެރާޑް ޕީކޭއަށް ސްޕެއިން ގައުމީ ޓީމުގެ ސަޕޯޓަރުންގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ މައްސަލަ ހައްލުކުރަން އުނދަގޫ ވާނެ ކަމަށް ސްޕެއިން އަދި ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.

މިނިވަން ވަކި ދައުލަތަކަށް ކެތަލޯނިޔާ ހެދުމަށް ކުރާ މަސައްކަތުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަމުންދާ ކުޅުންތެރިޔަކީ ޕީކޭއެވެ. އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޕީކޭ ބައިވެރިވި ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދިޔަ އިރު، އޭނާއަށް ވަނީ ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ސްޕެއިންގެ ސިޔާސީ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި މައްސަލަތައް އިތުރަށް ގޯސްވެގެންދިޔައީ ސްޕެނިޝް ލަލީގާގައި މިދިޔަ އާދީއްތަ ދުވަހު ލަސް ޕަލްމާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސާ ކުޅުނު މެޗު ސަޕޯޓަރުން ނުވައްދާ ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ. އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޕީކޭއަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ސްޕެއިންގެ ގައުމީ ޓީމަށް އޭނާއަކީ މައްސަލައަކަށްވާ ނަމަ، އެ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ކުރިން ބުނެފައިވެ އެވެ.

ޕީކޭއާ އެކު ބާސާ އަދި ގައުމީ ޓީމަށް ކުޅެމުންދާ ބުސްކެޓްސް ގަބޫލުކުރާ ގޮތުގައި، ޕީކޭ ކުރިމަތިލަމުންދާ އުނދަގޫތައް ހައްލުކުރަން މަސައްކަތްކުރާ ފަރާތްތަކަށް ވެސް ދަތިތަކެއް ކުރިމަތި ވާނެ ކަމަށެވެ.

"މި ހިނގާ ހުރިހާ ކަންތައްތަކާ ގުޅިގެން މިއީ އަހަރެންގެ ހަޔާތުގައި ގައުމީ ޓީމުގައި ހޭދަކުރާ އެންމެ އުނދަގޫ ދުވަސްތައް. އަހަރެން ގަބޫލުކުރަނީ ޕީކޭގެ މައްސަލައަށް ހައްލެއް ހޯދުމަށް އުނދަގޫވާނެ ކަމަށް. ޕީކޭގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާއެއް ވެސް ނުކުރޭ،" ސްޕެއިންގެ ރޭޑިއޯ ޗެނަލް ކަންޑޭނާ އެސްއީއާރްއަށް ދިން އިންޓަވިއުއެއްގައި ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް ބުނީ، އެ މައްސަލައާ ގުޅިގެން ޕީކޭއާ ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވާހަކަ ދެއްކި ކަމެއް ނޭނގޭ ކަމަށާއި އެކަމަކު އެއީ އާންމުކޮށް ދިމާވާ ފަދަ މައްސަލަތެއް ނޫން ކަމަށެވެ.

ސްޕެއިނުން މިހާރު ތައްޔާރުވަމުންދަނީ އަންނަ ހުކުރު ދުވަހު އަލްބޭނިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗަށެވެ. އޭގެ ހަތަރު ދުވަސް ފަހުން ސްޕެއިން ނުކުންނަން ޖެހޭނީ އިސްރޭލާ ދެކޮޅަށެވެ.

comment ކޮމެންޓް