ޕީކޭއަށް ސްޕެއިން ގައުމީ ޓީމުގެ ސަޕޯޓަރުންގެ އުނދަގޫތަކެއް!

ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ޖެރާޑް ޕީކޭ ބައިވެރިވަނީ: އޭނާއަށް ވަނީ ގައުމީ ޓީމުގެ ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި --- ފޮޓޯ/ އޭޕީ

އިއްޔެ ބޭއްވި ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ޑިފެންޑަރު ޖެރާޑް ޕީކޭއަށް އަމިއްލަ ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕީކޭއަކީ ކެޓަލޯނިއާ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް އެންމެ ފާޅުގައި ޝުއޫރު ފާޅުކުރަމުންދާ ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އެ ސްޓޭޓް މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ހެދަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ވެސް ޕީކޭ ބައިވެރިވި އެވެ.

ކެޓަލޯނިއާ ވޯޓު ކުރިއަށްދިއުމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ލަސް ޕަލްމާސް އަތުން 3-0 ލަނޑުގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ސްޕެއިންގެ ފުލުހުން އެކަމަށް ހުރަސް އަޅަމުން ދަނިކޮށެވެ.

ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވަމުން ދަނިކޮށް، ސަޕޯޓަރުން ވަނީ ޕީކޭއަށް އުނދަގޫތައް ކުރިމަތި ކުރުވުމުގެ ގޮތުން އަޑުތައް ލައްވަމުންނެވެ. އޭގެ އިތުރުން ބައެއް ސަޕޯޓަރުން ވަނީ ޕީކޭއާ ދެކޮޅަށް ލިޔެފައިވާ މެސެޖުތަކެއް ވެސް ދައްކާލައިފަ އެވެ.

އުމުރުން 30 އަހަރުގެ ޕީކޭ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕަކާއި ޔޫރޯއެއް ކާމިޔާބުކޮށްފަ އެވެ. ކެޓަލޯނިއާ ވޯޓު ހުއްޓުވުމުގެ މަސައްކަތް ސްޕެއިންގެ ސަރުކާރުން ކޮށްފައި ވަނިކޮށް، ޕީކޭ ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފަ އެވެ. ޕީކޭ ކުރިން ބުނީ، ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީއަށް އޭނާއަކީ މައްސަލައެއް ކަމަށް ވާނަމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރަށް ހުރި ކަމަށެވެ.

comment ކޮމެންޓް