ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި" ނިންމާލައިފި

ސޮނެވާފުށީގައި ކުރިއަށްގެން ދިޔަ ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި"ގެ ތެރެއިން -- ސަން ފޮޓޯ/ ޔޫއެންޑީޕީ

ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ޒުވާނުންނަށް ހާއްސަ ކޮށްގެން މިދިޔަ މަހުގެ 28 އިން 30 އަށް ސޮނެވާ ފުށި ރިސޯޓްގައި ބޭއްވި ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި" ނިންމާލައިފި އެވެ.

ރާއްޖޭގެ އެންމެ އުތުރު ސަރަހައްދުން ހއ. ހދ. ށ. އަދި ނ. އަތޮޅުގެ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ ޒުވާނުން އެއްތަނަކަށް ގެނެސް ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި އެ ކަންކަމުގެ ހައްލު ހޯދާނެ ގޮތާ ބެހޭ ގޮތުން ހިޔާލު ހޯދައި އެކަންކަން ހަގީގަތަކަށް ހެދޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ގޮތުން ބޭއްވި ކޭމްޕެއްކަމަށް ޔޫއެންޑީޕީން ބުންޏެވެ.

ސޮނެވާފުށީގައި ކުރިއަށްގެން ދިޔަ ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި"ގެ ތެރެއިން -- ފޮޓޯ/ ޔޫއެންޑީޕީ

ޔޫއެންޑީޕީން ބުނީ، މިފަހަރުގެ ކޭމްޕުގައި ބައިވެރިވުމަށް ފަސް ދާއިރާއަކަށް ޒުވާނުން ހިޔާލު ހުށައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ޒުވާނުން ހަރަކާތްތެރި ކުރުވުން، ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުން، އަމާން އޮމާން ވެއްޓެއް ގާއިމް ކުރުން، ޖިންސީ އަދި ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެހީ ފޯރިކޮށްދިނުން އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.

ސޮނެވާ ފުށީގައި އޮތް ކޭމްޕުގައި ބައިވެރިކޮށްފައި ވަނީ ޒުވާނުން ހުށައެޅި ހިޔާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ހިޔާލެއް ހުށައެޅި ފަރާތްތައް ކަމަށް ޔޫއެންޑީޕީން ބުންޏެވެ. އެ ކޭމްޕްގައި އެ ހިޔާލުތަކަށް އަމަލީ ކުލަޖެއްސުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

ހިޔާލު ހުށައެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާފައިވާ ފަސް ފަރާތަކީ، ހދ. ކުޅުދުއްފުށީ އަފާ ހުސައިން، ހދ. ކުޅުދުއްފުށީ މިސްބާހް މޫސާ، ހދ. މަކުނުދޫ ރައިހާނާ އަބްދުﷲ، ހއ. ހޯރަފުށީ މަރިޔަމް ޝިބާ އަދި ހދ. ނޮޅިވަރަން ޔޫސުފް އަބްދުލް ހަކީމް ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.

ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި"ގައި އެންމެ ރަނގަޅު އެއް ހިޔާލު ހުށައެޅި ހދ. ކުޅުދުއްފުށީ އަފާ ހުސައިން -- ފޮޓޯ/ ޔޫއެންޑީޕީ

ޔޫއެންޑީޕީ އިން ބުނީ އެންމެ ރަނގަޅު ފަސް ހިޔާލު ހުށަހެޅި ފަރާތްތައް، ސޮނެވާފުށްޓާއި އުރީދޫ އަދި މި ދާއިރާގައި ޚަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭން އެކުލަވައިލެވުނު ޓެކްނިކަލް ޓީމަކާ އެކު މަސައްކަތްކޮށް އެ ހިޔާލުތަކަށް އަމަލީ މަސައްކަތުގެ ކުލަޖާއްސާނެ ގޮތާ ބެހޭ ގޮތުން މޮޑެލްއެއް ތައްޔާރުކޮށް ޖަޖުންނަށް ހުށައަޅަން ޖެހުނު ކަމަށެވެ. އަދި އެ ހިޔާލުތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި ތިން ހިޔާލުގެ ގޮތުގައި ޖަޖުން ހޮވާފައި ވަނީ ހއ. ހޯރަފުށީ މަރިޔަމް ޝިބާ އަދި ހދ. ނޮޅިވަރަން ޔޫސުފް އަބްދުލް ހަކީމް ހދ. ކުޅުދުއްފުށީ އަފާ ހުސައިންގެ ހިޔާލު ކަމަށް ވެސް ޔޫއެންޑީޕީން ބުންޏެވެ.

ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި"ގައި އެންމެ ރަނގަޅު އެއް ހިޔާލު ހުށައެޅި ހއ. ހޯރަފުށީ މަރިޔަމް ޝިބާ -- ފޮޓޯ/ ޔޫއެންޑީޕީ

އުރީދޫ އަދި ޔޫއެންޑީޕީ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ އެ ކޭމްޕުގެ އެންމެ މޮޅު ތިން ހިޔާލު ހަގީގަތަކަށް ހެދުމަށް ޓަކައި ކޮންމެ ހިޔާލަކަށް 3000 ޑޮލަރު ދޭން ހަމަޖެހިފަވާ ކަމަށް ވެސް ޔޫއެންޑީޕީ އިން ބުންޏެވެ.

އުރީދޫ އަދި ޔޫއެންޑީޕީން ގުޅިގެން ބޭއްވި މިއަހެލި ކޭމްޕް އެންމެ ފުރަތަމަ ބާއްވައިފައި ވަނި މިދިޔަ އަހަރުގަ އެވެ. އެ ކޭމްޕުގައި ވެސް އުފެއްދުންތެރި ހިޔާލުތަކެއް އުފަންވެގެން ދިޔަކަމަށް ޔޫއެންޑީޕީން ބުންޏެވެ.

comment ކޮމެންޓް