އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ މަޝްހޫރު ދީނީ އިލްމްވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރުގެ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލިތާ މިއަދަށް ފަސް އަހަރު ވީއެވެ. އެމަނިކުފާނަށް ދީފައިވާ ހަމަލާގެ ހަނދާންތައް އަދި ވެސް އެގޮތުގައި ދެމި އެބަހުއްޓެވެ. އެމަނިފާނުގެ ހަށިކޮޅަށް ދީފައިވާ އަނިޔާވެރި ހަމަލާގެ ޒަޚަމް އަދިވެސް ފެންނަކަހަލަ އެވެ. ކުށެއްނެތި އަނިޔާވެރިގޮތަކަށް އެމަނިކުފާނު އަވަހާރަކޮށްލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ ޒަޚަމްވެފައިވާ ހަށިކޮޅު ފެނުނީ ދިރިއުޅުއްވާ ގޭގެ ސިޑި ގޮޅި ތެރެއިންނެވެ.
ޑރ. އަފްރާޝިމަކީ ރާއްޖެއަށް އެތައް ގޮތަކުން ޚިދުމަތް ކުރެއްވި ޚާދިމެކެވެ. އެމަނިކުފާނަކީ ގިނަ ބަޔަކާ ގުޅުން ބޭއްވި އެކުވެރިއެކެވެ. އަދި އެފަދަ ދެވަނައެއް ނުވާ ވަރުގަދަ ޝަހުސިއްޔަތެއް ވެސްމެ އެވެ. ގިނަ ބަޔަކަށް އެ މަނިކުފާނު ދުނިޔޭގޭގައި ނެތުން އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށްވީ ވެސް ގައުމީ ކޮންމެ ކަމަކަށް ވެސް އެމަނިކުފާނު ދެއްވި އަހަންމިއްޔަތުން ކަމީ ޝައްކެއް ނެތް ކަމެކެވެ.
މިއަދު އެ މަރްހޫމްގެ މަރަށް ފަސް އަހަރުވެގެން ދިޔައިރު ފުލުހުން ވަނީ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ލައްކަ ގިނަ ގާ ފުރޮޅައި، ސީދާ އެމަނިކުފާނު އަވަހާރަކޮށްލި ގާތިލު ވެސް ހޯދައިފަ އެވެ. އަދި އެ ގާތިލުގެ މައްޗަށް ރާއްޖޭގެ ޝަރުއީ ހުރިހާ ކޯޓަކުން ވެސް ވަނީ ކުށްވެރިވާކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އަދިވެސް ނުފުރޮޅޭ އެއް ގާކޮޅު ނުވަތަ ގާކޮޅުތަކެއް އެބަހުއްޓެވެ. އެއީ އެއްވެސް ކުށެއް ނެތް ފުރާނައެއް ދުއްވާލަން ބަޔަކު ފަންޑު ކުރިކަން ތަހުގީގަށް އެނގިފައި އޮތް އިރު އެއީ ކޮންބައެއް ކަމެއް އަދިވެސް ހޯދިފައިނެތުމެވެ. އެގާ އޮތީ އަދިވެސް ނުފުރޮޅި އެވެ.
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒްގެ ކެރިއަރުގައި ތަހުގީގުކުރެވުނު އެންމެ މުހިއްމު އެއް މައްސަލަ
ޑރ. އަފްރާޝިމް އަވަހާރަކޮށްލުމާ އެކު އެ މައްސަލަ ތަހުގީގު ފެށިފަހުން ބޭއްްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވި އެންމެ މުހިއްމު ވާހަކައަކީ އެ މައްސަލައާ ގުޅިގެން ނުފުރޮޅާ އެއްވެސް ގާކޮޅެއް ނުބައްވާނެ ވާހަކަ އެވެ.
އޭގެ ފަސް އަހަރު ފަހުން މިއަދު ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ވާހަކަ ދައްކާއިރު އަދިވެސް ރިޔާޒް ކަންބޮޑުވަނީ މަގާމުން ރިޓަޔާ ކުރެއްވި އިރު އެ ކަމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ހާމަ ނުވާތީ އެވެ. "ސަން" އާ ވަހަކަ ދައްކަމުން ރިޔާޒް ވިދާޅުވީ، މަގާމުން ރިޓަޔާ ކުރެއްވި އިރު އެ މަރުގެ ތަހުގީގު އެއްކޮށް ނުނިމި ނުވަތަ އެންމެ އަޑީގައި ތިބި މީހުންނާ ހިސާބަށް ވާސިލް ނުވެވުމަކީ އަދިވެސް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ އަކީ އެންމެ އިސްކަމެއްދީގެން އޭރު ބެލި މައްސަލަ ކަމަށް ވިދާޅުވި އެވެ.
"އެއީ ކެރިއަރުގައި އެންމެ އިސްކަމެއް ދީގެން ބެލި އެއް މައްސަލަ. ވަރަށް ގާތުން ހުރިހާ ކަމެއްވެސް ބެލިން. އަދި ހަމަ ތަހުގީގު ޓީމުތަކުންނާއި ބޭރުގެ އެހީވެސް ވަރަށް ފުރިހަމަ އަށް ހޯދި މައްސަލައެއް އެއީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، އޭނާ ކޮމިޝަނަރަކަށް ހުންނެވި އިރު ވަރަށް ފުރިހަމައަށް ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށާއި އޭރު ވަރަށް ބޮޑެތި ލީޑުތަކެއް ލިބުނު ކަމަށެވެ. އެގޮތުން އެ މަރުގެ ޒިންމާ ނަގަން ޖެހޭ ގާތިލް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ. ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި އެއީ ވަރަށް ޗެލެންޖިންގް މަސައްކަތެކެވެ.
ތަހުގީގަކަށް ސިޔާސީ އެއްވެސް ހުރަހެއް ކުރިމަތި ނުވޭ: ރިޔާޒް
ރިޔާޒް ވދާޅުވި ގޮތުގައި އޭރު ޑރ. އަފްރާޝިމްގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައީ ވަރަށް މިނިވަންކޮށެވެ. އޭރު އެއްވެސް ސިޔާސީ ޕްރެޝަރެއް ކުރިމަތި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ވަކިގޮތަކަށް ތަހުގީގު ބައްޓަން ކުރަން ވެސް އެއްވެސް މީހަކު ޕްރެޝަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތުހުމަތުތަކެއްކޮށް ދައްކާ ވާހަކަތައް ރިޔާޒު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.
ރިޔާޒް ވަނީ، މިއަދާ ހަމައަށް ވެސް ޑރ. އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިމުނު ކަމަށް ފުލުހުން ނުބުނާތީ އެކަމާ ގުޅިގެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެއީ އާންމުނާ ގުޅިފައިވާ މައްސަލައަކަށް ވާތީ އެކަން ހާމަ ކުރަން ޖެހޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދިނީ ފައިސާ ޚަރަދު ކުރި ބަޔަކު ހޯދަން: ސީޕީ ހުސައިން ވަހީދު
ރިޔާޒް ރިޓަޔާ ކުރެއްވުމާ އެކު ދެން އެ މައްސަލައިގެ އިސްރޯލެއް އަދާ ކުރެއްވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ. އޭނަގެ ދައުރުގައި ވެސް ވަނީ އެ މައްސަލާގައި އިތުރު ލީޑުތަކެއް ލިބޭތޯ މަސައްކަތް ކުރައްވައިފަ އެވެ.
އެ މަރަށް ފަސް އަހަރުވި ފަހުން ސީޕީ ހުސައިންވަހީދު ވަނީ، އެ މަރާ ގުޅިގެން ކުރި ބައެއް މަސައްކަތްތައް "ސަން" އާ ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ވެސް އެންމެ އިސްކަމެއްދިނީ އެ ކަމަށް ފައިސާ ޚަރަދު ކުރި ބަޔަކު ހޯދުމަށެވެ. އަދި އެކަމަށް ޓަކައި ތަހުގީގު ޓީމުން ބުރަކޮށް މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މާބޮޑު ކުރިއެރުމެއް އޭރު ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ފޯކަސް ކުރިން އެކަމަށް ފައިސާ ޚަރަދު ކުރީ ކޮން ބައެއްތޯ ހޯދަން. އަދި އަޑީގައި ތިބީ ކޮން ބައެއްތޯ ވެސް ހޯދަން އުޅުނިން. ނަމަވެސް ތަހުގީގަށް މާބޮޑު ކުރިއެރުމެއް އޭރަކު ނުލިބޭ،"
ހުސައިން ވަހީދު ވިދާޅުވީ އޭރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ތަހުގީގުގެ ވަކި ހިސާބަކުން އަފްރާޝިމްގެ ގާތިލް ހުމާމް ތަހުގީގަށް އެއްބާރުލުން ނުދިނުން ކަމަށެވެ. އަދި އޭނާއާ އެކި ގޮތްގޮތުން ތަހުގީގު ޓީމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި ނަމަވެސް މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ޒިންމާ ނަގަން ޖެހޭ މީހުން ހޯދުމަށް ރައީސް ޔާމީން ވަރަށްބޮޑު އިސްކަމެއް ދެއްވާ
ކުރީގެ ސީޕީ ހުސައިން ވަހީދު ވިދާޅުވީ، ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ރައީސް ޔާމީން ޚާއްސަ އިސްކަމެއް ދެއްވައިގެން އެ ތަހުގީގުގެ މައުލޫމާތުތައް އޮޅުންފިލުވަމުން ގެންދެވި ކަމަށެވެ. އަދި އެ ތަހުގީގުގައި އެންމެ ފުނަށް ފީނައި، ޒިންމާ ނަގަން ޖެހޭ މީހުން ހޯދުމަށް މަސައްކަތް ކުރުމަށް ތަހްގީގީ ޓީމަށް ބާރު އެޅުއްވި ކަމަށެވެ.
"ރައީސް ޔާމީނާ ބައްދަލުވާ ކޮންމެ ދުވަހަކު އަދި ފޯނު ކުރައްވައިގެން ވެސް ވަރަށް ބޮޑަށް އެ މައްސަލައިގެ ތަހުގީގު އަވަސް ކުރެއްވުމަށް އެދިވަޑައިގެންނެވި. އަދި ހަމަ ވަރަށް ބޮޑަށް މައްސަލައިގެ އެންމެ ފުނަށް ދިޔުމަށް އިރުޝާދު ދެއްވި. އެއްވެސް ސިޔާސީ ޕްރެޝަރެއް ކުރިމައްޗެއްނުވޭ،" ހުސައިން ވަހީދު ވިދާޅުވި އެވެ.
ޑރ. އަފްރާޝިމް މައްސަލަ ރަނގަޅަށް ބެލުމަށް ހާއްސަ ޓީމެއް
އެންމެ ފަހުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަކީ ފުލުހުންގެ މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް އަފްރާޝިމްގެ މައްސަލަ ބަލާނެ ކަމަށެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ މެނޭޖަރު އަހުމަދު ޝަމީމް ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލަ އިތުރަށް ބެލުމަށް ކޮމިޝަނާ އޮފް ޕޮލިސް ވަނީ ޚާއްސަ ޓީމެއް އެކުލަވާލާފައި ކަމަށެވެ.
ޑރ. އަފްރާޝިމްގެ ގާތިލު ހޯދައި ފުލުހުން އޭނާގެ މައްސަލަ ޕްރިސިކިއުޓާ ޖެނެރަލް އަށް ފޮނުވާފައި ވަނީ އެ މަނިކުފާނު އަވަހާރަވީތާ މަގިނަ ދުވަސްތަކެއް ނުވަނީހެވެ. އަދި ޑރ. އަފްރާޝީމްގެ ގާތުލު ހުސައިން ހުމާމްގެ މައްޗަށް ސުޕްރީމް ކޯޓުން ވެސް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވި އެވެ. ނަމަވެސް ހެކި ނެތުމުން އެމީހުންގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
ހުމާމްގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް މައްސަލަ ސާބިތުވާކަމަށް ޝަރުއީ ކޯޓުތަކުން ހުކުމް ކޮށްފައިވާ އިރު ރައްޔިތުން ތިބީ ޝައްކެއް ނުވާ މިންވަރަށް އެކަމަށް ޚަރަދު ކުރި މީހުން ވެސް އެނގެން ބޭނުންވެފަ އެވެ.
އެހެންކަމުން އެމަނިކުފާނު އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގު ބާރު ސްޕީޑުގައި ހިންގައި ނިންމަންޖެހެ އެވެ. އެކަމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ހެއްކާ އެކު އެމީހުން ހޯދުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ޑރ. އަފްރާޝިމް ނެތުމުން ކޮންމެ ދުވަހަކު ލިބެމުންދާ ހިތާމަތަކުގައި އެމަނިކުފާނުގެ އާއިލާ އުޅޭތާ ފަސް އަހަރު ވީއިރު އެ ޒަހަމް އިތުރަށް ބޮޑުވެގެން ދަނީ ވެސް "އެންމެ މުހިއްމު ގާކޮޅު އަދިވެސް ނުފުރޮޅޭތީ" އެވެ. އެއީ އެކަމަށް ފައިސާ ހަރަދު ކުރި މީހުން ނުފެންނާތީ އެވެ. މައްސަލަ ތަހުގީގު ކުރަމުންދާތާ 1825 ދުވަސް ވެފައިވައިވާއިރު ރައްޔިތުން އަދިވެސް ތިބީ ޑރ. އަފްރާޝިމް މަރުގެ ހަގީގަތް އެނގޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ހުރިހާ ގާކޮޅެއް ފުރޮޅި ޝައްކެތް ނެތްމިންވަރަށް އެކަން އެނގޭނެ ދުވަހެއްގެ އުންމީދުގަ އެވެ.