''ބޮސް''ގެ ހިތްގައިމު ލަވަތައް ''ސަން ޕްލޭ''އިން މިހާރު ބަލާލެވޭނެ!

ޝަލަބީއާއި އަޝްފާ ބޮސްގެ ލަވައެއްކަމަށްވާ "ވޭންތަކުން ދިން" ހުށަހަޅައިދެނީ. ބޮސްގެ ބައެއް ލަވަތައް މިހާރު ސަންޕްލޭއިން ފެންނާނެ -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިފެށޭ އޮކްޓޫބަރު 31ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ، ކްރިސްޓަލް އެންޓަޓެއިންމަންޓުގެ ފިލްމު "ބޮސް"ގެ ބައެއް ލަވަތައް "ސަންޕްލޭ"އިން މިހާރު ބަލައިލެވޭނެއެވެ.

ފާޠިމަތު ނަހްލާގެ އަސަރު ގަދަ ވާހަކައަކަށް، މަޝްހޫރު ބަޠަލާ އަދި ޑައިރެކްޓަރު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށްފައިވާ "ބޮސް"ގައި ޖުމުލަ ހަތް ލަވަ ހިމެނޭއިރު، އެ ހުރިހާ ލަވަތަކަކީ ވެސް ސީދާ ބޮސްއަށް ހަދާފައިވާ އަމިއްލަ ރާގުގެ ލަވަތަކެކެވެ.

"ބޮސް"ގެ "ބޮސްދޭހާ ލޯބިވޭ" މި ލަވަ ކިޔާފައި ވަނީ މުޙައްމަދު އަބްދުލްޣަނީއާއި މާއިން ރަޝީދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅަދާނަ ބަޠަލާ މަރިޔަމް އައްޒައާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑުރޯލުން ފެނިގެންދާ ބޮސްގެ ހިތްގައިމު ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ، މިސްޓީ، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، ފަތޯ، ހުސައިން ޞަބާޙް، އަދި މުނާޒެވެ. ލަވަތަކުގެ ލިރިކްސް ހަދާފައި ވަނީ، މައުޞޫމް ޝާކިރު، އާދަމް ހަލީމް އަދުނާން، އަދި މުޙައްމަދު އްބަދުލްޣަނީ (ތޭރަ) އެވެ.

ސަންޕްލޭއިން ފެންނާނެ ލަވަތައް

ރާއްޖޭގައި މިވަގުތު ތިބި އެންމެ ކާމިޔާބު ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދުގެ އަޑުން ކިޔާދީފައިވާ ބޮސްގެ ހިތްގައިމު ލަވަތަށް ރިލީޒްކުރީ ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ.

"ބޮސް"ގެ ލީޑު ރޯލުން ފެނިގެންދާ މަރިޔަމް އައްޒައާއި އެ ފިލްމަށް ލަވަކިޔައިދީފައިވާ ޝަލަބީ އިބްރާހީމް ސެލްފީއެއް ނަގަނީ-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޮސްގެ ޓިކެޓަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ޓިކެޓް ދޫކުރަން ފަށާނީ އޮކްޓޫބަރު ތިން ވަނަ ދުވަހުއެވެ.

"ބޮސް"ގެ ''ރެޑްކާޕެޓް ޝޯ''ގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާއަށެވެ. އަދި ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.

comment ކޮމެންޓް