ހުޅުމާލޭގައި ރޭ ހިނގި ދެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ރޭ ހިނގި ދެ މަރާ ގުޅިގެން ފުލުހުން ސައިކަލެއް ބަލައިފާސްކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ކުއްލިގޮތަކަށް ދެ ޒުވާނުން މަރުވި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިރޭ ޖަހައިދީފިއެވެ.

ހައްޔަރުކޮށްފައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މަރުުވި ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އާ އައިލީ ގޮތުން ގުޅުން އޮންނަ ދެމީހުންނެވެ. ދެން ހައްޔަރުގައި ތިބީ އިތުރު ފިރިހެނަކާއި އަންހެނެއްކަން ސަން އަށް ވަނީ ކަށަވަރުވެފައެވެ.

އެމީހުންގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށްފައިވާކަން ވަނީ އެނގިފައެވެ. ނަމަވެސް އަދި ތަފްސީލެއް ނުލިބެއެވެ.

ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރޭ ހިނގި ދެ މަރަކީވެސް ގުޅުން ހުރި ދެ ހާދިސާކަމަށް ބެލެވިގެން އެމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ގެއެއް ބަލައިފާސް ކޮށްފައިވައިރުއެތަނުން "ޕާޓީ ޑްރަގްސް" ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ރޭ މަރުވި ހާމިންގެ ހަށިގަނޑު ހޮސްޕިޓަލުން ނެރެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޝައްކުކުރެވޭ ތަނުން މަސްތުވާތަކެތި ފެނިފައިވީ ނަމަވެސް ރޭ ހިނގި ދެމަރަކީ ސީދާ މަސްތުވާތަކެއްޗާ ގުޅުންހުރި މަސައްލައެއްކަމަށް ދަންނަވަން އަދި ދަތި. ފުލުހުން ދަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސާލިހް ވިދާޅުވީ، ރޭ 8:30 ކަންހާއިރު ފުރަތަމަ އެ ހޮސްޕިޓަލަށް ގެނައީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. ތ. ތިމަރަފުއްޓަށް އުފަން އެ ދެ ޒުވާނުންގެ ތެރެއިން 22 އަހަރުގެ އަހުމަދު ހާމީން، ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 21 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޭ މަރުވެފައި ވަނީ، މާލޭ ދަފްތަރު، އުމުރުން 18 އަހަރުގެ ފާތުމަތު ސަމާއެވެ. ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައި ވަނީ މޫދަށްއެރި އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. ނަމަވެސް އެއީ ގެނބިގެން ހިނގި ހާދިސާއެއް ނޫންކަން ސަންއަށް މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް