ޔޫކޭގައި ބާއްވާ ''ޑެސްޓިނޭޝަން ޝޯކޭސް''ގައި މަޓާޓޯ ބައިވެރިވެއްޖެ

ލަންޑަނުގައި މީގެ ކުރީން ބޭއްވި "ޑެސްޓިނޭޝަން ޝޯކޭސް"އިވެންޓެއްގެ ތެރޭން -- ފޮޓޯ: ކޮންފަރެންސްނިއުސް

މިއަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ "ޑެސްޓިނޭޝަން ޝޯކޭސް 2017"ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)އިން ބައިވެރިވެއްޖެއެވެ.

"ޑެސްޓިނޭޝަން ޝޯކޭސް"އަކީ، "ޔޫރަޕިއަން ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން" އާއި ޔޫރަޕިއަން ސިޓީސް މާކެޓިން" އިން އިނގިރޭސިވިލާތުގެ ޓްރެވަލް ވީކްލީ ގްރޫޕާ ގުޅިގެން، ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ ބޮޑު ހަރަކާތެކެވެ.

"ޓްރެވަލް ވީކްލީ ގްރޫޕް" އަކީ ވިޔަފާއިރިއާ ވިޔަފާރިތައް ގުޅުވައިދޭ، އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު "ބީ2ބީ" ޓްރެވަލް ޓްރޭޑް ޓައިޓްލްއެވެ.

ލަންޑަނުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އިވެންޓް ނިންމާލާގޮތަށް، ނޮވެމްބަރު އަށް ވަނަ ދުވަހު ފަށާ "ޑެސްޓިނޭޝަން ޝޯކޭސް"ގައި މަޓާޓޯއިން ބައިވެރިވެފައި ވަނީ އެ އިވެންޓުގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިސްތިހާރުކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އެއް ޖަމިއްޔާ، މާޓާޓޯއިން ބުނީ، އެ ޖަމިއްޔާއާއެކު "ޑެސްޓިނޭޝަން ޝޯކޭސް"ގައި ރާއްޖޭން ބައިވެރިވާން ބޭނުންވާ ފަސް ފަރާތަކަށް ނަންނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"ޑެސްޓިނޭޝަން ޝޯކޭސް"ގައި ބައިވެރިވާ ފަރާތްތަކަށް، ގާތްގަނޑަކަށް 150 ޓްރެވަލް އޭޖެންޓުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، މަޓާޓޯއަށްވެސް، ފަސް ޕާޓުނަރުންނަށް ވާވަރުގެ އެގްޒިބިޝަން އޭރިއާއެއް ލިބޭނެއެވެ.

"ވަރަށް މަދު ޖާގަތަކެއް ލިބިފައިވުމާއެކު، ޑެސްޓިނޭޝަން ޝޯކޭސްގައި ބައިވެރިވުމަށް އަޅުގަނޑުމެން މި ހުޅުވާލަނީ ފުރަތަމަ ނަން ނޯޓުކުރައްވާ ފަރާތްތަކަށް އިސްކަން ދޭގޮތަށް،" މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވިއެވެ.

"ޑެސްޓިނޭޝަން ޝޯކޭސް"ގައި ބައިވެރިވާ ފަރާތްތަކުގެ ލޯގޯ، ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ އުފެއްދުންތައް އިސްތިހާރުކުރާ، އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާ "އެސްޕަޔަރ"ގައި ފީޗާކުރެވޭނެއެވެ.

މި އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް އީމެއިލްކުރުމަށް މަޓާޓޯއިން އެދެއެވެ.

comment ކޮމެންޓް