މާއެނބޫދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

މާއެނބޫދޫގައި ސެލްފް ސާވިސް ބޭންކިން ތައާރަފުކޮށްފި:---ޕޮޓޯ/ ބީއެމްއެލް

ދ. މާއެނބޫދޫގައި، ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ. މި ދަތުރުފުޅުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ މުޅި ރާއްޖޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަަށްގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އެ ޚިދުމަތް ފެށުމާއެކު، އެ ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ޚިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާއެނބޫދޫގައި ސެލްފް ސާވިސް ބޭންކިން ތައާރަފުކޮށްފި:---ޕޮޓޯ/ބޭންކް

ބީއެމްއެލްއިން ބުނީ މާއެނބޫދޫގައި ގާއިމުކުރި އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ކުދަހުވަދޫގެ ބުރާންޗުގެ މުވައްޒަފުން މިރަށަށް ޒިޔާރަތްކޮށް މިރަށުގައިތިބި ބޭންކުގެ ކަސްޓަމަރުންނަށް އެހީ ފޯރުކޮށްދެމުންދާނެ" ޝަރީފް ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ބީއެމްއެލްއިން ދަނީ ދެމުންނެވެ.

މިއާއެކު ބީއެމްއެލްއިން ބުނީ، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ވެސް ބޭންކުން ބުންޔެވެ.

comment ކޮމެންޓް