މިޔަންމާގެ އަސްކަރިއްޔާ އާއި ބުދިސްޓުންގެ ފަރާތުން ލާ އިންސާނީ އަނިޔާ ލިބެމުންދާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހާއްސަ ހަރާތަކެއް ހިންގުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ 8:30 އިން 11:00 އަށް ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދާ މި ހަރަކާތުގެ ކޯޑިނޭޓަރު އައްސަދު އަބްދުލް ގަނީ ވިދާޅުވީ އެ ހަރަކާތަކީ މެޗަކަށް ވުރެ ބޮޑަށް ފެސްޓިވަލެއް ކަމަށާއި އެއީ ވަރަށް މާތް މަގްސަދެއްގައި ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ފަދަ މުސްލިމް އަޚުންތަކެއް ހާލުގައި ޖެހިފައި ތިބި ވަގުތެއްގައި އެ މީހުންނަށް އެހީވުމަށް ހިންގާ ހަރަކާތެއް މިއީ. އިވެންޓުގެ ހަރަކާތްތައް މުޅިން ބައްޓަން ކުރެވެފައި ވަނީ ފެސްޓިވަލެއް ގޮތަށް ވީހާ ވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް،" އައްސަދު ވިދާޅުވިއެވެ.
އިވެންޓު ކުރިއަށްދާނެ ގޮތް
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއީ ޓީމުތަކެއް އެކުލަވާލެވިގެން ޓީމުތައް ބަދަލުވަމުންދާ ގޮތަށް ކުޅެވޭ މެޗެއް ކަމަށާއި އެގޮތުން މަޖިލިސް މެމްބަރުންނާއި އޮފީސްތަކުގެ އިސްވެރިންނާއި ސަރުކާރުގެ މިނިސްޓަރުން އެކުލަވާލެވޭ ޓީމެއް ވެސް ހިމެނޭނެ ކަމަށެވެ.
"އިވެންޓުގައި ގައުމީ ޓީމު ވެސް ބައިވެރިވާނެ. ކުރީގެ ކުޅުންތެރިން ކަމަށްވާ ވެޓަރަންސް އާއި ވެޓަރަންސް މާސްޓާސް އިން ބައިވެރިވާނެ. ފިލްމު ސްޓާރުންނާއި މިއުޒިކް ކުޅުންތެރިންގެ ޓީމެއް އުފެއްދުމަށް މިހާރު އޮންނާނީ ދައުވަތު ދީފަ. އަދި އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެނޭނެ ގޮތްތަކެއް މިވަނީ ތަނަވަސް ކުރެވިފައި،" ޖަވާޒު ވިދާޅުވިއެވެ.
ހާއްސަ ހަރަކާތްތައް
ހަރަކާތުގެ ތަފާތުކަމެއްގެ ގޮތުން ޕެނަލްޓީ ކާޑު ކިޔާ އެއްޗެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ޖަވާޒު ވިދާޅުވިއެވެ. މި ޕެނަލްޓީ ކާޑު ގަންނަ އާންމު ރައްޔިތުންނަށް މެޗުގެ ތެރެއިން ޕެލަންޓީއެއް ޖަހާލުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުޅުންތެރިންގެ ޖޯޒީ ނީލަން ކިޔައި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ވިއްކާލެވޭނެއެވެ. އަދި 500 ރުފިޔާ ހަދިޔާ ކުރާ ކޮންމެ މީހަކަށް ވެސް މި އިވެންޓަށް ހާއްސަ ކުރެވިފައިވާ ޖޯޒީ ލިބޭއިރު، 2000 ރުފިޔާ ހަދިޔާ ކުރާ ކޮންމެ މީހަކަށް ޓީމުގައި ބައިވެރިވެ އެ މީހެއްގެ ފޭވަރިޓު ކުޅުންތެރިޔަކާއެކު ކުޅުމުގެ ފުރުސަތު ލިބޭނެވެ.
މީގެ އިތުރުން ސެލްފީކާޑު ގަންނަ ކޮންމެ ފަރާތަކަށް ވެސް ދަނޑުމަތީގައި ބޭނުން ކުޅުންތެރިޔަކާއެކު ސެލްފީ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.
އައްސަދު ވިދާޅުވީ އިވެންޓު ހިނގަމުންދާއިރު ފަންޑު ފޮށިތައް ދަނޑުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި ހަރަކާތް ބަލަން ދަނޑަށް ހިލޭ ވަންނަ ކޮންމެ ފަރާތެއް ވެސްދަނޑުގައި ބެހެއްޓިފައި ހުންނަ ފަންޑު ފޮށިތަކަށް ވީ މިންވަރަކުން އެހީވުމަކީ މި ހަރާކާތުގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށެވެ.
ިމި ހަރަކާތުގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށާއި ވަގުތުން ދަނޑަށް ވަދެ ވެސް ބައިވެރިވެވޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.