ބޮޑު ތަރުޙީބަކާއެކު "ދަ މޯލްޑިވްސް ލޯންގް ރަން 2026" ގެ ހުރިހާ ސްލޮޓެއް ފުރިއްޖެ

މިދިޔަ އަހަރު ބޭއްވި ޓީއެފްޖީ ލޯންގް ރަންގެ ތެރެއިން--

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމުކުރާ "ދަ މޯލްޑިވްސް ލޯންގް ރަން 2026" ގެ ހުރިހާ ކެޓަގަރީއެއްގެ ސްލޮޓްތައް ރަސްމީކޮށް ފުރިއްޖެއެވެ.

ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިން އެއްތަނަކުން ފެންނާނެ އިވެންޓެއްކަން ޓީއެފްޖީން ފާހަގަކުރެއެވެ.

މި ދުވުން ކުރިއަށްދާނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފުލް މެރަތަން (42.2 ކިލޯމީޓަރު)، ހާފް މެރަތަން (21.1 ކިލޯމީޓަރު)، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރެވެ.

މި އަހަރުގެ ރަޖިސްޓްރޭޝަނަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، އިވެންޓް ބޭއްވުމުގެ މާ ކުރިން ހުރިހާ ކެޓަގަރީއެއްގެ ޖާގަތައް ފުރިފައިވާކަން ޓީއެފްޖީން ފާހަގަކުރެއެވެ. އެންމެ ފުރަތަމަ ފުރުނު ކެޓަގަރީތަކުގެ ތެރޭގައި 42.2 ކިލޯމީޓަރުގެ ފުލް މެރަތަން ހިމެނޭއިރު، ޖެހިގެން އައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާކީ ހުރި ކެޓަގަރީތައް ވެސް ފުރިފައިވާކަމަށް ޓީއެފްޖީން ބުނެއެވެ.

ހުރިހާ ކެޓަގަރީއެއްގެ ރަޖިސްޓްރޭޝަން ބަންދުވި ނަމަވެސް މި ދުވުމުގައި ބައިވެރިވުމަށް ގިނަ ބަޔަކު އަދިވެސް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން އިތުރު ފުރުސަތެއް ލިބިއްޖެނަމަ ޖާގަ ދިނުމަށް ޓަކައި އިންތިޒާމުކުރާ ފަރާތުން ވެއިޓްލިސްޓެއް ހުޅުވާލި ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ލިސްޓަށް ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ނަން ނޯޓުކޮށްފައިވާކަމަށް ޓީއެފްޖީން ބުނެއެވެ. އަދި ލިބެންހުރި ހުރިހާ ސްލޮޓެއް ފުރި، ޑިމާންޑް އިންތިހާއަށް ބޮޑުވުމާ ގުޅިގެން މިހާރު ވަނީ ވެއިޓްލިސްޓު ވެސް ބަންދުކޮށްފައެވެ.

މިފަދަ ބޮޑު ތަރުޙީބަކުން ދައްކުވައިދެނީ ރާއްޖޭގައި ދުވުމުގެ ހަރަކާތްތަކަށް އޮތް މަޤްބޫލުކަން އިތުރުވަމުންދާ މިންވަރާއި، އައު ގޮންޖެހުންތަކާ ކުރިމަތިލުމަށް ދުވުންތެރިންގެ މެދުގައި އޮތް ފޯރިކަން ޓީއެފްޖީން ފާހަގަކުރެއެވެ.

ދުވުން ބޭއްވުމަށް ދެ ހަފްތާއަށް ވުރެ ކުރު މުއްދަތަކަށް ވެފައިވާއިރު، މިހާރު ކުރިއަށްދަނީ "ދަ މޯލްޑިވްސް ލޯންގް ރަން 2026" ގެ ބައިވެރިންނަށް ހުޅުމާލެއިން މަރުޙަބާ ކިޔުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު