ތައިލޭންޑްގެ ފަންގްނާގައި އިއްޔެ ކުރިއަށް ދިޔަ އޯޝަންމޭން ތައިލޭންޑް އަންޑަމަން ފެނޯމިނާގައި 13 އަހަރުން ދަށުގެ އަންހެންކުދިންގެ ކެޓަގަރީގައި ވާދަކޮށް، ދިވެހިރާއްޖޭގެ ޒުވާން ފެތުންތެރިޔާ މަރްޔަމް ހިރާ ޔާސިރު ތިންވަނަ ހޯދައިފިއެވެ.
ހިރާ މި ރޭސް ނިންމާފައިވަނީ 10 މިނެޓު 54 ސިކުންތުންނެވެ. އެއްވަނައަށް ދިޔަ މެލޭޝިޔާގެ ހަނާ ބިންތި ނޮރައިޒާ، 10 މިނެޓު 34 ސިކުންތުން ރޭސް ނިންމާފައިވާއިރު ދެވަނައަށް ނިންމި ސިންގަޕޫރުގެ އިޒަބެއްލާ އީވާ ޗިއާ ރޭސް ނިންމާފައިވަނީ 10 މިނެޓު 37 ސިކުންތުންނެވެ.
ތައިލޭންޑްގެ ފަންގްނާގައި ބޭއްވި އޯޝަންމޭން އަންޑަމަން ފެނޯމިނާ، 13 އަހަރުން ދަށުގެ ތިންވަނަ، މަރްޔަމް ހިރާ ޔާސިރު--މި ކާމިޔާބީއާއެކު ހިރާއަށް ވަނީ އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން ސްޕޮޓެއް ކަށަވަރުވެފައެވެ. އޯޝަންމޭންގެ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވަނީ ދުނިޔޭގެ 26 އަށްވުރެ ގިނަ ޤައުމުގައި ބާއްވާ 35 އަށްވުރެ ގިނަ އޯޝަންމޭން ރޭސްތަކުގެ ތެރެއިން ރޭހެއްގައި ޢުމުރުފުރާގެ އެންމެ މޮޅު 10 ފެތުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.
މެލޭޝިޔާގައި ތަޢުލީމު ހާސިލުކުރަމުންދާ ހިރާއަކީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ޓޭބަލްޓެނިސް ކުޅުންތެރިޔާ އިސްމާޢީލް ޔާސިރުގެ ދަރިކަނބަލުންނެވެ. ހިރާ އަކީ ތަފާތު އެކިއެކި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް މަތީ ވަނަތައް ހޯދަމުން އަންނަ ކުޅަދާނަ، ޒުވާން ފެތުންތެރިއެކެވެ.
އެގޮތުން، މިއަހަރުގެ ޖުލައި މަހުގެ މެލޭޝިޔާގެ ކޯޓާ ކިނަބަލޫގައި އޮތް އޯޝަންމޭން މެލޭޝިޔާގައި 13 އަހަރުން ދަށުގެ 500 މީޓަރު ފެތުމުގެ މުބާރާތުގައި ބައިވެރިވެ، ހިރާ ވަނީ ހަތަރުވަނަ ހޯދާފައެވެ. އޭގެ އިތުރުން، މިއަހަރު އޭޕްރިލް މަހު މާފުށީގައި އޮތް އޯޝަންމޭން މޯލްޑިވްސް ރޭހުގައިވެސް ހަމަ އެ ޢުމުރުފުރައިގައި ހިރާ ވާދަކޮށްފައިވެއެވެ.