"ނޭދެން ވަކިވާކަށް" ޕްރިމިއަރ ޝޯއަށް ފައްކާވެފައި!

ދިވެހި ފިލްމު ނޭދެން ވަކިވާކަށް، ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ -- ފޮޓޯ: ފޭސްބުކް

ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމު، "ނޭދެން ވަކިވާކަށް" ބެލުންތެރީންނާ ހަމައަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފަށައިފިއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަހުދީ އަހުމަދުގެ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް، މާއެނބޫ ތައްޔާރުކޮށްފައިވާ "ނޭދެން ވަކިވާކަށް" ޕްރިމިއަރކުރާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ. އެގޮތުން އޮލިމްޕަހާއި، މާލެއާއި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނާމާގައިވެސް ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ މި ފިލްމު ޕްރިމިއަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް، ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ -- ފޮޓޯ: ފޭސްބުކް

"ނޭދެން ވަކިވާކަށް"، މި ފިލްމުގެ ހުރިހާ ޝޯތަކެއްގެ ޓިކެޓްވެސް 100 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައި ވާއިރު، އޮލިމްޕަހުގައި ޖުމުލަ 10 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ބަދުނަސީބު އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ލޯބީގެ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގެ ލީޑުރޯލުން ފެނިގެން ދަނީ، "ރާއްޖޭގެ ނަންބަރ ވަން އެކްޓަރު އެކްޓަރު" ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ) އަދި ޖާދުއްﷲ އިސްމާއިލް (ޖާދު) އެވެ.

އއ. ތޮއްޑޫ، މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "ނޭދެން ވަކިވާކަށް"ގެ އިތުރު ތަރީންގެ ތެރޭގައި ނާޝިދާ (ނާއްކޮ)، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ސައީދު، އާރިފާ އިބްރާހީމް އަދި އިބްރާހީމް ރިޔާޒް (ބައޯ)އާއި އަލީ ޝާހިދު (ސްޓެޕްއައްޔަ) ފަދަ ތަރީން ފެނިގެންދާނެއެވެ.

މާއެނބޫގެ 12 ވަނަ ފީޗާ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަ އިރު، ފިލްމާ ދޭތެރޭގައި ޕްރޮޑިއުސަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި މިއީ ބެލުންތެރީންނަށް ވަރަށް ކަމުދާނޭ ފިލްމެއްކަމުގެ ޔަގީންކަން އޭނާ ދެއެވެ.

ދިވެހި ފިލްމު ނޭދެން ވަކިވާކަށް، ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ -- ފޮޓޯ: ފޭސްބުކް

ވީހާވެސް ގިނަ ފަރާތްތަކަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަކީ "އެމްއީ ޕްރޮޑަކްޝަން"ގެ ވަރަށް ބޮޑު އުންމީދެއް ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.

"މާލެއާއި ހުޅުމާލޭގައި ފުރަތަމަ މި ފިލްމު ޕްރިމިއަރ ކުރާނީ. އެހެން ނަމަވެސް، އަތޮޅުތެރޭގައި ވެސް ފިލްމު ދައްކާގޮތަށް އޮތީ. ޚާއްސަކޮށް، ފިލުމު އަޅުވަން ބޭނުންވާ ކޮންމެ ރަށަކުން ވެސް އަޅުގަނޑުމެންނާ ގުޅުއްވުމުން އަޅުގަނޑުމެން އެ ރަށެއްގައި ފިލްމު އަޅުވާނަން އިރާދަކުރެއްވިއްޔާ،" މާއެނބޫ ބުންޏެވެ.

"ނޭދެން ވަކިވާކަށް"ގެ ޓިކެޓް އޮލިމްޕަހުންނާއި މާލެ އަދި ހުޅުމާލޭ ޝްވެކް ސިނަމާއި ލިބެން ހުންނާނެއެވެ. މީގެ އިތުރުން އޮލިމްޕަހުގެ ހޮޓްލައިން 7852824 އާއި ޝްވެކްގެ ހޮޓްލައިން 3338998 އަށް ގުޅައިގެންވެސް ޓިކެޓްގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް