ށ. ބިލެއްފަހި އިންޖީނު ގޭގައި ރޯވެ އަނދާ ހުލިވި ހާދިސާއާ ގުޅިގެން ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެ އަތޮޅު ފޭދޫއިން އިންޖީނެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބިލެއްފަހި އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުން ކުރި ހުރިހާ ޖަނަރޭޓަރެއް ވަނީ ހަލާކުވެފަ އެވެ.
ފެނެކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފު 'ސަން' އަށް ވިދާޅުވީ ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި އެއަށް ބޭނުންވާ ޕެނަލް ބޯޑު ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ. އަދި އިރުއޮއްސެންވާއިރަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"މިހާރު އިންޖީނު ގެންދިއުމަށް މަސައްކަތް ފަށައިފި. މަސައްކަތް ކުރަނީ އިރުއޮއްސޭއިރަށް ކަރަންޓު ދޭން އެހެން ނަމަވެސް ދިޔަވަރު ހުންނަ ގޮތުން ދަތިތަކެއް ދިމާވެދާނެ އިންޖީނު މޫވް ކުރުމުގައި،" ޝަރީފް ވިދާޅުވި އެވެ.
ބިލެއްފަހީގައި ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާ ކަމަސް ޝަރީފް ވިދާޅުވި އެވެ. ބިލެއްފަހި ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނެކައިގެ 30 މުވައްޒަފުންގެ ޓީމެއް އެރަށަށް ދަތުރު ފަށާފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ބިލެއްފަހި އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދިޔައީ 112 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. އަދި އެތަނުގައި 80 ކިލޯގެ ޖަނަރޭޓަރަކާއި 27 ކިލޯގެ ޖަނަރޭޓަރެއްގެ އިތުރުން 120 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވެސް ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.
ބޮޑުމިނުގައި ގާތްގަނޑަކަށް 1.9 ކިލޯ މީޓަރު އަދި ފުޅާމިނުގައި 600 ވަރަކަށް މީޓަރު ހުންނަ ބިލެއްފައްސަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ރަށެކެވެ.