ސައުތު އޭޝިއަން ޔޫތު ސަމިޓުގެ އެންމެ މޮޅު ގައުމަކަށް ރާއްޖެ

ސޭސްގައި ބައިވެރިވާ ދިވެހި ވަފުދު ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ

އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރުގައި ބޭއްވި ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގައި ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމަކަށް ރާއްޖެ ހޮވިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި އެ ސަމިޓުގައި ރާއްޖޭން 34 ޒުވާނަކު ބައިވެރިވިއިރު، ރާއްޖެއަކީ ސަމިޓް ބާއްވާ އިންޑިއާ ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ގައުމެވެ. އެގޮތުން ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ވެސް ހިމެނެއެވެ.

ސަމިޓުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމުގެ އެވޯޑް ރާއްޖެއަށް ދީފައިވަނީ ސަމިޓް ނިންމުމަށް ރޭ ބުބަނޭޝްވަރުގެ ސަވޯތީ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ސަމިޓުގައި ދިވެހި ސަރުކާރު ތަމްސީލް ކުރެއްވުމަށް ފޮނުއްވި ޔޫތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޒަކީ އަލީ އަދި ރަފީ ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ އާއިޝަތު ރަފިއްޔާއެވެ.

ސޭސްގައި ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމުގެ އެވޯޑް ރާއްޖެއަށް ލިބުނުއިރު، ރާއްޖޭގެ ވަފުދަކީ މުޅި ސަމިޓުގައި ވެސް އެންމެ ހަރަކާތްތެރިކޮށް އުޅުނު ގައުމުކަން ސަމިޓުގެ އިސް އޮފިޝަލުން ވެސް ގަބޫލުކުރެއެވެ.

އެގޮތުން ހުޅުވުމުގައި ރަސްމިއްޔާތުގައި ބައިވެރިން އަމިއްލައަށް އިސްނަގައިގެން ސަގާފީ ހުށަހެޅުމެއް ހުށަހެޅިއިރު ރާއްޖެއަކީ ފަންނާނުންނާއެކު ދިޔަ ހަމައެކަނި ވެސް ގައުމެވެ.

އޭގެ އިތުރުން، ސަމިޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހާއްސަ ސްޓޯލެއް ހެދިއިރު، އެ ސްޓޯލް ވެގެން ގޮސްފައިވަނީ އެންމެ ގިނަ ބަޔަކު ޒިޔާރަތްކޮށް ޝައުގުވެރިކަން ފާޅުކުރި ސްޓޯލެވެ.

އެވޯޑް ލިބުމުން ރަފިއްޔާ (ރަފީ) ވިދާޅުވީ، މިއީ ސަމިޓުގައި ބައިވެރިވި ހުރިހާ ކުދިން އެކުގައި ކުރި މަސައްކަތުން ލިބުނު އެވޯޑެއް ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ހާސިލް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ރަފީ ޖަމިއްޔާ އިން ބުނީ، ރާއްޖޭގެ ޒުވާނުންނަށް ލިބުނު އެ އެވޯޑް ރަސްމީކޮށް ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމަށް އަރުވަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް