ފެނަކައިގެ ބޮޑެތި ކޮރަޕްޝަންތަކެއް ހުރިކަން އޮޑިޓާ ޖެނެރަލް ފާހަގަކޮށްފި

ފެނަކަ ކޯޕަރޭޝަންގައި 2014 އަދި 2015 ގައި ހުންނެވި އެމްޑީ މުހައްމަދު ނިމާލް --- ސަންފައިލް ފޮޓޯ

ފެނަކަ ކޯޕަރޭޝަންގައި 2014 އަދި 2015 ގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިނގާފައިވާކަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އެމަޖެންސީކޮށް ގަންނަން ޖެހިގެން ގަނެފައިވާ 38 ޖަނަރޭޓަރެއް ވަކި ކުންފުނިތަކަކަށް ކޮންޓްރެކްޓް އެވޯޑް ކުރުމަށް މަގުފަހިވާގޮތަށް އެއް ކުންފުނިތަކަކުން ކޯޓޭޝަން ހޯދައިގެން ގަނެފައިވާ ކަމަށެވެ.

އަދި އެފެއެސްއެމުން ފެނެކައަށް ޑީސަލް ވިއްކުމަށް ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުގެ ޑީސަލް ގަތުމުގެ ސަބަބުން 21.86 މިލިއަން ރުފިޔާ އިތުރަށް ހިނގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

  • އެއް ފަރާތްތަކެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.32 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވޭ
  • އެކި ވިޔަފާރިތަކަށް ފެނެކައިން ދޫކުރާ ޗެކުތަކާ އެކަކު ހަވާލުވެފައިވާކަން ވެސް ފާހަގަކުރެވޭ
  • ތ. އަތޮޅުގެ އިންޖީނުގެތަކަށް 2014 އަދި 2015 ވަނަ އަހަރު ޑީސަލް ގަނެފައި ވަނީ އެއް ކުންފުންޏަކުން ކޯޓޭޝަން ނަގައިގެން އަދި ޑީސަލް ގަނެފައި ވަނީ އެފްއެސްއިން ޑީސަލް ވިއްކާ އަގަށް ވުރެ ބޮޑު އަގުގައިކަން ފާހަގކުރެވޭ
  • މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން ރަނގަޅަށް ހިދުމަތް ނުދިން ނަމަވެސް ޖޫރިމަނާގެ ގޮތުގައި ކަނޑަން ޖެހޭ 2.45 މިލިއަން ރުފިޔާ އުނިނުކޮށް ފައިސާ ދީފައިވުން

ފެނަކައަށް ހޯދާ މުދަލާއި ހިދުމަތުގެ އަގު ބެލުމާއި ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތައް ހާމަކަންބޮޑު ދެފުއް ފެންނަ ބީލަމުގެ އިސޫލުތަކުގެ ބޭރުން ގެންގޮސްފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން 2014 އަދި 2015 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95.56 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަނުގެ ގޮތުގައި އިތުރު 5.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި ޑޮލަރު ގަނެވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ދީފައި ނުވާ ފަރާތްތަކުގެ އަތުން ޑޮލަރު ގަނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހުރިހާކަމެއް ފާހަގަކޮށް ކޮރަޕްޝަން ހިމެނޭ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީގައި ވަނީ އެދިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ދުވަސްވަރު ފެނަކަ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލް އެވެ.

comment ކޮމެންޓް